23 Nov 2023, 22:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައީއޭ)ގައި ގާއިމްކުރަމުން އަންނަ ޒަމާނީ އޮޓޯ ބެގޭޖް ހޭންޑްލިން އަދި ސްކީރިނިން ސިސްޓަމް އަންނަ މަހު ބޭނުންކުރަން ފަށަނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ސަން"އަށް ވިދާޅުވީ، މި ސިސްޓަމަކީ ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށެވެ. އާ ސިސްޓަމް ގާއިމްކޮށް ނިމި ބޭނުންކުރަން ފެށުމުން ބެގޭޖް ހޭންޑަލްކޮށް ސްކްރީން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރީފް ވިދާޅުވީ މިހާރު ކުރަނީ އެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށެވެ.
މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ބެގޭޖް ޗެކްއިން ކުރުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދާނެކަމަށް އަރީފު ވިދާޅުވިއެވެ. ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް މި ސިސްޓަމުން ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބެގޭޖް ސިސްޓަމާއެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓު ކުރިމަތީގައި ގިނައިރު ކިއު ހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވީއައީއޭގައި ގާއިމްކުރަން ފަށައިފައިވާ ބެގޭޖް ސިސްޓަމް --- ފޮޓޯ:އެމްއޭސީއެލް
އަރީފް ވިދާޅުވި ގޮތުގައި އަލަަށް ގެންނަ މި އަޕްގްރޭޑްގެ މަގުސަދަކީ ސެކިއުރިޓީ ސްކްރީނިން އޮޕްޓިމައިޒްކޮށް، ރައްކާތެރިކަމާއެކު މަސައްކަތް އަަވަސްކުރުމެވެ.
އަރީފް ވިދާޅުވީ ފަސިންޖަރުންނަށް އިތުރު ލުއިތައް ހޯދައިދިނުމަށް ޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، އެއާޕޯޓުގެ އާ ޓާމިނަލް ނިމެންދެން އެ ޚިދުމަތްތައް ލަސްނުުކުރާނެ ކަމަށެވެ.
ވީއައިއޭގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތެޔޮ އަޅާ ނިޒާމު ހުރިހާ ޚިދުމަތަކާއެކު އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ހުޅުވުމަށް ވެސް އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.