23 Nov 2023, 23:57
ރެއާލް މެޑްރިޑުގެ ކޯޗަކަށް ރޮބާޓޯ ޑި ޒާބީ ގެންދިއުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިސީޒަނަށްފަހު ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ކާލޯ އެންޗެލޮޓީ ނިންމުމާ ގުޅިގެން އެ މަގާމަށް ރެއާލުން ގެންދަން ބޭނުންވަނީ މިހާރު ބްރައިޓަންގެ ކޯޗަކަށް ހުރި ޑި ޒާބީއެވެ. އެގޮތުން މިހާރު އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ރެއާލުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިސީޒަނުގައި ބްރައިޓަންގެ ނަތީޖާތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދަނީ ޑި ޒާބީއެވެ. އެކަމާ ގުޅިގެން ބޮޑެތި އެހެން ކްލަބުތަކުން ވެސް ޑި ޒާބީއަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ޑި ޒާބީ ފާހަގަކޮށްލެވިފައިވަނީ ޒުވާން ކުޅުންތެރިންނާއެކު ނަތީޖާ ނެރެން އެނގޭ ކޯޗެއްގެ ގޮތުގައެވެ. ރެއާލްގައި ވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ޒުވާން ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން ވިނީޝިއަސް ޖޫނިއާ، ރޮޑްރީގޯ، އެޑުއާޑޯ ކަމަވިންގާ، އޯރެލިއެން ޗުއަމެނީ، ޖޫޑް ބެލިންހަމް އަދި އަރްދާ ގުލާ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.
މިސީޒަނުގެ ކުރީކޮޅުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑި ޒާބީއަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އަދި ވަކި ހިސާބަކުން ސިޓީގެ ކޯޗުކަމުން ޑި ޒާބީ ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.