21 May 2012, 14:17
ފުވައްމުލަކުން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވުމާ އެކު ގޯތި ދޫކުރުމަށް އެދި 700 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، އަތޮޅު ކައުންސިލަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.
ފުވައްމުލަކުން ގޯތި ދޫނުކުރާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އެ ރަށުގެ ރައްޔިތުން ހުށައެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ދަރަނިން އެއްކިބާވެފައިވާ ބޯހިޔާވަހިކަމެއް ލިބުމަކީ ކޮންމެ މީހެއްގެ އަޒުމު ކަމަށާއި އެގޮތުން ގޯތި ދޫކުރުމަކީ ގާނޫނީ ގޮތުން އަތޮޅު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ފުވައްމުލަކުން ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވާލުމަށް އެދޭ ކަމަށެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި އެ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެ ރަށުން ބޯހިޔާވަހިކަން މިހާތަނަށް ނުލިބިވާ ފަރާތްތަކެއްތޯ ބައްލަވާނެ ކަމަށެވެ.
"ޕެޓިޝަނުގައި އެ ބޭފުޅުން ވިދާޅުވަނީ 2006 ވަނަ އަހަރުން ފެށިގެން ގޯތިދޫކޮށްފައި ނުވާތީ ޒުވާނުންގެ ތެރޭގައި އެކަމުގެ އުދާސްކަމެއް އޮތް ކަމަށް. އެ ޕެޓިޝަން ހުށައެޅި ބޭފުޅުންނާ މަޝްވަރާކުރެވުނު. އެކަމާ މެދު އަމަލުކުރެވެމުންދާ ގޮތަކީ އެއްވެސް ފަރާތަކުން އެއްވެސް ހުށައެޅުމެއް އަތުވެއްޖެއްޔާ އެކަމާ މެދު ޕޭޕަރެއް ތައްޔާރުކުރުމަށް ފަހު ކައުންސިލަށް ހުށައަޅާނެ. ކައުން ސިލުން އެކަމާ ގޮތެއް ނިންމާނީ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުވައްމުލަކުގެ ބިމުގެ ތިންބައި ކުޅަ ދެ ބަޔަކީ ޗަސްބިން ކަމަށްވާ އިރު ގޯތިދިނުމުގެ ކުރިން ރަނގަޅު ޕުލޭނެއް ނުކޮށް ގޯތި ދޫކުރަން ފަށައިފި ނަމަ މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކުގެ މައްޗަށް ކައުންސިލުން ވިސްނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެފަދަ ސަރަހައްދުތަކުގައި މިހާރު ވެސް ދިރިއުޅޭ ބައެއް ފަރާތްތަކަށް ފެންބޮޑުވުމުގެ ސަބަބުން އެކި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އަހުމަދު ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި އެ ރަށުގެ ޗަސްބިން ބޭނުންކުރާނެ ގޮތުގެ ސާވޭއެއް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށައީ އެސޭވޭ ނިމުނުހާ އަވަހަކަށް ގޯތިދިނުމުގައ ނިންމަން ޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވޭނެ ކަމަށެވެ.
"މި ރަށަކީ ލޭންޑް ޔޫސް ޕްލޭން ހެދިފައިވާ ރަށަކަށް ވުމާ އެކު ރަށުގެ ފެހިކަމާއި އެހެނިހެން ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ބައެއް ބިންތައް ފާހަގަކުރެވިފައި އެބަހުރި. ނަމަވެސް[ އެބިންތަކުން ގޯތީ ދީ] އެތަންތަން ފުރަލައިފި ނަމަ މާލެ ތޮއްޖެހިފައިވާ ގޮތަށް ތޮއްޖެހިގެން ހިނގައިދާނެ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕެޓިޝަން ހުށައެޅި ފަރާތްތަކާ އެކު މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ކޮންމެ މީހަކަށް ވަކި ގޯތިދިނުމުގެ ބަދަލުގައި ފުލެޓް ނުވަތަ ހައުސިން ޔުނިތްތަކެއް އަޅައިގެން ފުލެޓްތައް ރައްޔިތުންނަށް ދީގެން ގޯތިގެ ދޮރުގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އަހުމަދު ވިދާޅުވީ 2006 ވަނަ އަހަރު ފުވައްމުލަކުން ދުކުރި 264 ގޯތީގެ ތެރެއިން މިހާތަނަށް 60 އަށް ވުރެ ގިނަގޯތީގައި މީހުން ދިރިނޫޅޭ ކަމަށެވެ.