ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ޗެކް ރިޕަބްލިކާ ވާދަކޮށް ދެ މެޗު އެއް މެޗުން ކުރި ހޯދައިގެންނެވެ.

އެންމެ ފަހުން ބޭއްވި ޑޭވިސް ކަޕްގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި އޮސްޓްރޭލިއާއިން މި ފަހަރުގެ ކުއާޓާ ފައިނަލް ފެށުނީ އެހާ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކްގެ ތޯމަސް މަޗާޗް ވަނީ އޮސްޓްރޭލިއާގެ ޖޯޑަން ތޮމްޕްސަން ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓް މަޗާޗް ހައެއް ހަތަރަކުން ކާމިޔާބުކުރިއިރު ދެވަނަ ސެޓް އޭނާ ކާމިޔާބުކުރީ ހައެއް ފަހަކުންނެވެ. މި ދެ ޤައުމުގެ މެދުގައި ކުޅުނު ދެވަނަ މެޗުގައި ވާދަ ކުރީ ދުނިޔޭގައި 12 ވަނައަށް ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މެނޯ އާއި ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާއެވެ.

ސެމީ ފައިނަލުން ޖާގައެއް ހޯދަން ބޭނުންނަމަ އޮސްޓްރޭލިއާއަށް މޮޅުވުން މަޖުބޫރުވި މި މެޗުގެ ފެށުން ވެސް އެ ޓީމަށް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން ކާމިޔާބުކުރީ ލެހެޗްކައެވެ. އަދި، ދެވަނަ ސެޓްގައި ވެސް ލެހެޗްކާ ރަނގަޅަށް ކުޅެމުން ގޮސް ފަހެއް ހަތަރަކުން ކުރި ހޯދާ މެޗަށް ސާވް ކުރި ނަމަވެސް ޑި މެނޯ ވަނީ ގޭމް ލެހެޗްކާއަށް އެންމެ ޕޮއިންޓެއް ވެސް ނުދީ ގޭމް ކާމިޔާބުކޮށް އަދި ފަހުން ޓައި ބްރޭކަށް ގޮސް ފަސޭހަކަމާ އެކު ހަތެއް ދެއަކުން ކާމިޔާބުކޮށްފައެވެ.

ފަހު ސެޓު މެނޯ ކާމިޔާބުކުރީ ހަތެއް ފަހަކުންނެވެ. ދެ ޓީމު އެއް މެޗު އެއް މެޗުން އެއްވަރު ވުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު ޑަބަލްސް މެޗު އޮސްޓްރޭލިއާގެ މެތިއު އެބްޑެން އާއި މެކްސް ޕާސެލް އަދި ޗެކް ރިޕަބްލިކްގެ ލެހެޗްކާ އާއި އެދަމް ޕަވްލަސެކް ބައްދަލުކުރި މެޗު ހައެއް ހަތަރެއް އަދި ހަތެއް ފަހަކުން ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ދެ ކުޅުންތެރިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި އޮސްޓްރޭލިއާ ބައްދަލު ކުރާނީ ފިންލަންޑް އާއެވެ.