21 May 2012, 13:49
އަމީނީމަގުގައި ހުންނަ އެމްޑީޕީގެ ރަސްމީ ޖަގަހަ ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ނަގައިފި އެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ އިމާދުއްދީން ސުކޫލްކައިރީގައި ހުންނަ އެމްޑީޕީގެ ހަރުގެ ހަދާފައި ހުރީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބިމެއްގައި ކަމަށާއި އެ ބިން އެ ޖަމްއިއްޔާ އިން އެމްޑީޕީ އަށް ދީފައި ވަނީ ވަކި މުއްދަތަކަށް އެގުރިމެންޓެއްްގެ ދަށުން ނޫން ކަމަށެވެ.
"އެމްޑީޕީ އަށް އަޅުގަނޑުމެން އެ ބިން ދިނީ ވަކި އެގްރިމެންޓެއްގެ ދަށަކުން ނޫން. އެތަން ދިނީ އަޅުގަނޑުމެން ބޭނުން ވުމުން ލިބޭ ގޮތަށް" އާސިފް ވިދާޅުވި އެވެ.
އަދި އާސިފް ވިދާޅުވީ އެ ބިން ނެގީ އެ ތަނުގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށާއި މިހާރު އެ ބިން އެހެރީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެމްޑީޕީގެ ސުޕޯކްޕާސަން އަދި މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ މި ވަގުތު އެމްޑީޕީގެ ޗެއާޕާސަން، އަދި ހުޅުހެންދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ފޯން ނިވާލާފައި އޮތުމުގެ ސަބަބުން ޕާޓީގެ އިސްބޭފުޅުނާ މަޝްވަރާނުކޮށް ވަކިއެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ކުރިން ބުނީ އެމްޑީޕީ ހަރުގެ ހުންނަ ބިމުގައި ޖަމިއްޔާ އަށް ފައިދާ ކުރުވަނިވި މަސައްކަތެއް ކުރުމުގެ ވިސްނުމެއް ޖަމިއްޔާ އިން ކުރިން ވެސް ގެންގުޅެފައިވާ ކަމަށާއި އެގޮތުން ސްރީލަންކާގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރު ފަދަ ތަނެއް އެ ބިމުގައި އެޅުމަށް ޗައިނާގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.