23 Nov 2023, 14:19
މިރޭ އިދިކޮޅު އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީސް ބައްދަލުވުމެއް އއ. އުކުޅަހުގައި ބާއްވަން ނިންމައިފިއެވެ.
މިރޭގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ބައިވެރިވާން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހިމެނޭހެން އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ އުކުޅަހަށް ވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، މި ބައްދަލުވުމުގައި އޮންނާނީ ޕާޓީ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
މިރޭގެ ގައުމީ މަޖިލީސް ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެ މަނިކުފާނުގެ ރިޔާސީ ދައުރު މިދިޔަ ހުކުރު ދުވަހަށް ހަމަވުމާ އެކު، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތު ޞާލިޙަށް ނޯންނާނެއެވެ. އޭރު އެމްޑީޕީގެ އެންމެ އިސް ލީޑަރަކަށް ޞާލިޙް ވެވަޑައިގަތީ ވެރިކަމުގައި ހުންނެވުމުން، ޕާޓީގެ އަސާސީ ގަވާއިދުގައި އެގޮތަށް އޮންނާތީއެވެ.
މިރޭ އެ ޕާޓީގެ ގައުމީ މަޖިލިސް އޮންނައިރު، އެ ޕާޓީގެ އެންމެ އިސް ދެ މަގާމު އޮތީ ހުސްވެފައެވެ.
ޕާޓީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ކުރިން އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން، އެ ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަން އޮތީ ހުހަށެވެ.
އެމްޑީޕީން އެންމެ ފަހުން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ، ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ތިނެއްގައެވެ. އެ ރޭ މަޝްވަރާ ކުރީ ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ބަރުލަމާނީ ނިޒާމާ ގުޅޭ ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އެ ދުވަހު އެމްޑީޕީން ނިންމީ އެ ޕާޓީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.