އިންގްލިޝް އެފް އޭ ވިމެންސް ލީގް ކަޕް ގްރޫޕް ބީގައި މެންޗެސްޓާ ސިޓީ ވިމެން، ލެސްޓާ ސިޓީ ވިމެން އަތުން ބަލިވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާ ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ލެސްޓާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފާވަނީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެނީސް ކޭމަންއެވެ. އަދި. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ލެސްޓާގެ ސޯފީ ހޮވަޑްވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފަށް ސިޓީން ނުކުތީ ތިން ބަދަލަކާ އެކުއެވެ. މިގޮތުން އެލެކްސް ގްރީންވުޑް އާއި ލޯރެން ހެމްޕް އަދި ޔުއި ހަސެގާވާވަނީ ދެވަނަ ހާފަށް ނެރެފައެވެ. މިއާ އެކު ސިޓީގެ ކުޅުން ވަރުގަދަވެގެން ދިޔަ ތަން ފެނިގެންދިޔައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ސިޓީން ލަނޑެއް ޖަހައި ތަފާތު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭނާ ކަސްޓެޔާނޯސްއެވެ. ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން 20 މިނެޓަށް ވެފައިވަނިކޮށް ލައުރާ ކޫމްސް ޖަހައިދިން ލަނޑުންނެވެ.

މެޗުގެ 93 ވަނަ މިނެޓްގައި ލެސްޓާއިން ވަނީ ޕެނަލްޓީ ޖަހަން ޖެހިދާނެކަމަށްޓަކައި ބަދަލު ކީޕަރު ލީޒް ކޮޕް އަރުވައިފައެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޓީމުން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެއާ އެކު ސަޑަން ޑެތު ބަޔަށް ދިއުމުން ލެސްޓާއިން ޖެހި ޕެނަލްޓީ އެ ޓީމުން ކަމިޔާބު ކުރި ނަމަވެސް ސިޓީގެ ސްޓެފް ހޯޓަން ފޮނުވައިލި ޕެނަލްޓީ ވަނީ ކީޕާ ކޮޕް ދިފާއު ކޮށްފައެވެ.

މި ނަތީޖާއާ އެކު ގްރޫޕް ބީގައި ލެސްޓާ މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. އަދި، ސިޓީ އުޅެނީ ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ.