01 Dec 2023, 11:11
"ﷲ ތައާލާ އެންގެވިގޮތަށް އުޅެ މަރު ހަދާން ކުރާ މީހެއް ވިއްޔާ ފާފަތައް ކުރެވޭވަރު މަދުވާނެއެވެ. މައިންބަފައިންގެ ހައްގުތައް އަދާކޮށް އެމީހުންނަށް ހެޔޮކޮށް ހިތުމަކީވެސް ގުރުއާނުގައި އަންގަވާފައިވާ އެންމެ މުހިއްމު އެއް ކަމެވެ. އެއީ ދެދުނިޔޭގެ އުފަލާއި ނަސީބުވެސް ލިބޭ ކަމެކެވެ."
***
އަލްބާންގެ ކޮޓަރިއަށް ވަދެފައި އައްޒަހްރާގެ ފިޔަވަޅު ހުއްޓުނެވެ. ކޮޓަރިތެރެއަށް ވަގަކު ވަދެ އެއްޗެހި އެފުށްމިފުށަށް ޖެހިޔަސް މިހާ ތަރުތީބުގެއްލޭނެހެން ހިޔެއްނުވެއެވެ. އެތަން މިތާގައި ދާހެދުންތަކާއި ފޮތްތަކާއި ކާން ބޭނުންކުރާ އެކި ސާމާނެވެ. އަލަމާރި ހުރިގޮތަށް އެނދާއި ތަޅުމަށް އަޅާފައި ނޫންކަމެއް ނޭގެއެވެ. ނޭފަތަށް އުދަގޫވާފަދަ ވަހެއް ތަނުގައި ހިފާލާފައިވިއެވެ. އަލްބާން ނުކުތީ ފެންވަރާލައިގެންނެވެ. އިސްތަށިގަނޑުން ފެންތިކި ތަޅައެވެ.
"އޯކޭ އޯކޭ މަންމާ.........ރޫމް ތަންކޮޅެއް ހަޑިކޮށް ހުރީ. އެއްޗެއް ގެއްލިގެން ހާވާލެވުނީ.."
"ކޮންތަނަކަށް ދާން؟
"ފްރެންޑެއްގެ އުފަންދުވަހަށް ސަޕްރައިޒެއްދޭން..ވަރަށް ލަސްވެއްޖެ މަންމާ..ރޫމް ރީތިކޮށްލާނީ ފަހުން. ބޭރުގައި ނުވާނެ މާ ގިނައިރެއް..........މަންމަ ގޮސް ހަމަ އަރާމުކޮށް ނިދާލާ....."އަލްބާން އެހެން ބުނިއިރުވެސް އޭނަގެ މަންމަ އެގޮތަށް ނުބަހައްޓާނެކަމާއި އޭނަ އަންނަންވާއިރަށް ހުރިހާ ތަނެއް ތަރުތީބުކޮށް ލޮލަށް ފަސޭހަކޮށްލާނެކަމާއިމެދު ޝައްކެއްނުކުރެއެވެ. މަންމަ ހުރިހާކަމެއްކޮށްދެނީ ކުރާ ހިތުންނެވެ. ލޯބިންނެވެ. ކަންނެތްކަމުގެ އެންމެ ކަށިކޮޅެއްވެސް މަންމަގެ ގައިގާ ނުވާތީ ހިމޭނުން ހުރުމަށްވުރެ އެފަދަ ކުދިކުދި ކަންތައްކޮށްލުމަކ މަންމައަށްވެސް ލިބޭ ހިތްހަމަޖެހުމެކެވެ.
އަލްބާން ކްލޯޒެޓްގައި އިސްތިރިކޮށްފައި އަޅުވާފައި ހުރި ގަމީސްތަކުގެ ތެރެއިން އަޅިކުލައިގެ ގަމީހެއްލުމަށްފަހު ގުޅޭކުލައެއްގެ ފަޓުލޫނެއްލައިގެން ސެންޓުފުޅިން ސްޕްރޭކޮށްލުމުން ތަނުގެ ވަސް ހިތްގައިމުވިއެވެ. މަންމައަށް ވޭޕްގެ ވަސްދުވާފާނެތީ އޭނަ ހުރީ ކަންބޮޑުވެފައެވެ. ނަސީބަކުން މަންމައަށް ސިގްރެޓްހާ ފަސޭހައިން ވޭޕްގެ ވަސް ދެނެގަނެވުނު ކަމަކަށް ނުވިއެވެ.
"އެކުވެރިންގެ ޕާޓީއަށް ގޮސް ޖޫހާއި އެއްޗެހި ނުބޯތި..ނޫސްތަކުުގައި އެހުންނަނީ ޕާޓީޑްރަގްސް ބޭނުންކުރާ ވާހަކަ...."އައްޒަހްރާ ހަނދާންކޮށްދިނެވެ.
"މަންމަ ތި ލައިން ބްރެއިންއަށް ފީޑްކުރަމުންގޮސް ބްރެއިން ސާވާގައި ރައްކާކުރެވިފައި އިނދޭ...."އަލްބާން އިސްތަށިގަނޑު ސްޓައިލްކޮށްލިއެވެ.
"ނަމާދުކުރިންތަ ދަރިފުޅު؟"
"މިހެން ދަމުން މިސްކިތަށް ވަދެފައިދާނީ.."އަލްބާން ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ.
"ދަރިފުޅު. މަންމަ މިއައީ މި ފޯމްވެސް ހިފައިގެން..އުމްރާއަށް މީހުން ގެންދަންވެގެން ހުއްދައަށް އެދޭ ފޯމް. މަންމަ ބޭނުން އަލްބާން މިކަމާއި ހަވާލުވާން. ދަރިފުޅަށް ދެދުނިޔޭގެ ނަސީބު މިންވަރުކުރެއްވުމަށްވުރެ އެދޭ އެހެން ކަމެއްނެތް..އަލްބާންއަށް މިކަންވާނެ."
"އޯ ނޯ...މަންމަ ފޯމެއްވެސް ނެގީތަ؟"އަލްބާން ބުމަ އަރުވައިލިއެވެ.
"އަލްބާންއަށް ނުވަންޏާ މަންމަ މިކަމާއި އުޅެންވެގެން.."
"އައި ވުޑް ސަޖެސްޓް މަންމަގެ ޖަވާހިރު ވިޔަފާރިއަދި ކުރިއަށް ގެންދާން..ރަގަޅު އިންވެސްޓެއްކޮށްގެން ކުރާކަމެއް ކުރިއަށް ގެންދަން..މީތި ވޯކެއް ނުކުރާނެ މަންމާ. ފައިދާއެއްވެސް ނުވާނެ. އަޅުގަނޑުގެ އެކުވެރިއެއްގެ ބައްޕަވެސް އުމްރާއަށް މީހުން ގެންދިޔަ. ބަގުރޫޓުވީ.........."
'ފައިދާއަކަށް ނޫން.ﷲގެ ރުހިވޮޑިގަތުން އެދި.. މީހުންނަށް އަޅުކަމަށް ފަސޭހަކޮށްދީ މަންމަމެންނަށްވެސް ފަސޭހައިން ހައްޖު އުމްރާވެ ގާތްމީހުންނަށް ފުރުސަތު ހޯދަދޭންވެގެން..............."އައްޒަހްރާ އައިނު އަޅައިގެން އިނދެ ފޯމްގައި ހުރި އެއްޗެހި ބަލަންފެށިއެވެ.
"މަންމާ. ފަހުން ތި ވާހަކަ ދައްކާނީ. ބާއި މަމް.."އަލްބާން ނުކުތުމުން އައްޒަހްރާ ކޮޓަރި ސާފުކުރުމާއި ތަރުތީބުކުރުމުގެ މަސައްކަތްފެށިއެވެ. ސެންޓްފުޅިތަކާއި ބޮޑީސްޕްރޭ އެއްޗެހިވެސް މަތިގަނޑު އޮތީ އެތަން މިތާގައެވެ. އިސްޓާކީންގެ ދެކިބަވެސް އެކި ދިމާލަށް އުކާފައެވެ. ތަޅުންމައްޗަށް އުކާލާފައި ހުރި އެއްޗެހި ނަގަން ގުދުވުމުގެ ސަބަބުން އުނަގަނޑަށް ތަދެއް އަރާ ވަރުބަލިކަން އިހުސާސްކުރެވި ދޭތެރެއަކުން އެނދުގައި އިށީންނަން ޖެހުނެވެ. ފަހަކަށް އައިސް ސިއްހަތާއިމެދު ފަރުވާކުޑަކުރެވި ހިނގައިލަންވެސް ނުދެވެނީއެވެ. ދުޅަހެޔޮކަން މަތީގައި ހުންނަން ނަފުސް ކިޔަމަންތެރިކުރަންޖެހެއެވެ. ކުޑަ މަސައްކަތެއްކޮށްލާއިރަށް ވަރުބަލިކަން އިހުސާސްވާ ސަބަބަކީ އެއީއެވެ. ބިލާލްއަށް ގޮވަން އުޅެފައިވެސް އޭނަގެ ޟަމީރު އެކަމަށް ހުއްދައެއްނުދިނެވެ. ފިރިހެންކުދިންގެ ކޮޓަރިއަށް އަންހެންކުދިން ވެއްދުމަކީ އޭނަ ދެކޭގޮތުގައި ރަގަޅުކަމެއްނޫނެވެ. ޖޫރީގެ ކޮޓަރީގައި ކުރަންޖެހޭ ކޮންމެ ޚިދުމަތެއް ބިލާލް ފަރުވާތެރިކަމާއެކުކޮށްދެއެވެ.
***
އައްޒަހްރާ މާވަށިތަކަށް ފެންދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ބިލާލް މަޑުމަޑުން ގޮވައިލި އަޑު އިވުނެވެ.
"ޒަހްރާއްތާ...އަޅުގަނޑު ވާހަކައެއް ނަންގަނެލަން..."
"ބުނެބަލަ ބިލާލް..."
"އަޅުގަނޑު...........މި ވަޒީފާއިން ކެނޑެންވެގެން.."
"އޯހ.....އަނެއްކާ ކިހިނެއްވީ؟"އައްޒަހްރާގެ ސަމާލުކަން ބިލާލްގެ މޫނަށް ހުއްޓުނެވެ. ބިލާލްގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފައުޅުވެއެވެ.
"މިއަށް ވުރެ ފަސޭހަ ތަނެއް ރަގަޅު ސާހިބެއް މީހަކަށް ނުލިބޭނެ. އެކަމަކު....އަޅުގަނޑު ކައިވެނިކުރަންވެގެން..އޭނަ ބޭނުމެއްނުވޭ ވަޒީފާއަކަށް ފޮނުވަން..މަންމަވެސް ބަލިވެއުޅޭތީ މަންމަގާތުގައި ހުރެދޭށޭ ބުނީ.. އޭނަގެ މަންމައަށް ސްޓްރޯކެއް ޖެހިގެން ގޮނޑީގައި އިންނަނީ..."ބިލާލް ހަގީގަތް ކިޔާދިނެވެ.
"މަރުހަބާ ބިލާލް..ވަރަށް އުފާވެރި ޚަބަރެއް...ކޮން ދުވަހަކުން؟"
"މިއަންނަ ހަފްތާގައި.."
"އެހެންވީމަ މި މަހު މުސާރައާއެކު ޒަަހްރާއްތަގެ ފަރާތުން ހަދިޔާއެއްވެސް އޮންނާނެ.....ހަޔާތުގެ ދަތުރު ފަށާއިރު އިސްތިޚާރާ ނަމާދުވެސް ކުރާތި...ނަމާދު ދޫކޮށްނުލާތި.ވަގުތުގެ ބޭނުން ރަގަޅަށް ހިފާ ހެއްދެވި ފަރާތް ހަދާން ނައްތާނުލީމަ ކާމިޔާބުވާނެ. ބިލާލްއަކީ ހީވާގި މަސައްކަތްތެރިކުއްޖެއް. ޚުލުގު ރަަގަޅުކުއްޖެއް. އެހެންވީމަ ބިލާލްގެ ފިރިމީހާގެ ނަސީބު ވަރަށް ރަގަޅު..........................."އައްޒަހްރާގެ ވާހަކަތަކުން ބިލާލްގެ ލޮލަށް ކަރުނަ އައެވެ. އޭނައަށް ރަގަޅު މުސާރައަކާއެކު ކާން ބޭނުން ކޮންމެ އެއްޗެއް ރަަގަޅަށް ކައި އަރާމުކޮށް އުޅެވޭނެ ކޮޓަރިއެއްވެސް އައްޒަހްރާވަނީ ހަމަޖައްސާދީފައެވެ. މިވަރުގެ ހިމާޔަތެއް އާއިލާގެ ފަރާތުންވެސް އޭނަފަދަ ނިކަމެތި އަންހެންކުއްޖަކަށް މިޒަމާނުގައި ލިބުމަކީ ނިއުމަތެކެވެ. މިއާއިލާގެ ފިރިހެންކުދިންގެ ފަރާތުންވެސް ގޯނާއެއް އުދަގުލެއް ނުލިބުމަކީވެސް ބިލާލްދެކުނުގޮތުން ރަހުމަތެކެވެ. އައްޒަހްރާފަދަ ވެރިއެއްގެ ތިބޭނީވެސް ކިޔަމަންތެރި ދަރިންނެވެ. އަންހެނުންނަށް އިހިތިރާމް ކޮށް ގަދަރުކުރަނީ މަންމަގެ ހައްގުގައެވެ.
ބިލާލް ދާކަން އެނގުމުން ޖޫރީވެސް ހަދިޔާ ދިނެވެ.
"ވަރަށް މިސްވާނެ...."ޖޫރީގެ ކޮޓަރި ސާފުކޮށް ހުރުމުގެ ސިއްރަކީވެސް ބިލާލްއެވެ. އޭނައަށް ބިލާލްގެ އިހުސާންތެރިކަން ހަދާން ނައްތާލުން ފަސޭހައެއްނުވާނެއެވެ. ގެންގުޅޭ ކުއްޖަކަށްވިޔަސް އޭނަގެ "ޕާސަނަލް މެއިޑް"އެއްގެ ގޮތުގައި ހުރެދޭނެ އެހެން މީހެއްނުވާނެއެވެ.
***
އައްޒަހްރާގެ ކޮޓަރީގެ މޭޒުމަތީގައި އަލްބާން ގެނެސްބޭއްވީ ކަރުދާހެކެވެ."ފެން ބިލް...ކަރަންޓްބިލް....އިންޓަނެޓްބިލް..............ބިލާލްގެ ބިލް....ހުރިހާ އެއްޗަކަށް އެބަ ަރާ ތިރީހަކަށް ހާސްރުފިޔާ..........."އަލްބާން އޭނަގެ މަންމަގެ ގާތު އެނދުގައި އިށީނެވެ. ރޭގަނޑު ހޭލާ އުޅެފައި ދުވާލު ވެމްޕަޔެއްހެން ނިދަނިދާފައި އަލްބާން މެންދުރަށް ތެދުވެ ކައިގެން އޭނަގެ މަންމައާއިއެކު ކޮންމެވެސް ވަރަކަށް ވަގުތު ހޭދަކޮށްލައެވެ. އެކަމަކު އެއީ އައްޒަހްރާވެސް ކުޑަކޮށް އަރާމުކޮށް ހަދާލާފައި ފެންވަރާލައިގެން ނަމާދަށް ވަންނަ ގަޑިއެވެ. އެކަނިވެރިވަނީވެސް ބޮޑަށް ހެދުނުގެ ވަގުތުތަކުގައެވެ.
"ފައިސާއަކީ ހުރިހާވެސް އުފަލެއް.."
"އަލްބާންގާތު އެހެންވެ ބުނަނީ މާސްޓާސް ހަދާށޭ..."
"ކިޔަވާހިތެއް ނެތް...."
"ވަޒީފާއަކަށް ދޭ..."
"ކުރާހިތްވާ މަސައްކަތެއް އަދި ނުފެނޭ މަންމާ..މަންމައަށް ރަގަޅީ އަލް ޑޮކްޓަރަކަށްވީމަ ދޯ.........ދޮންބެ ކިހާ ބިޒީ. އަބަދުހެން ހޮސްޕިޓަލުގައި. ފޫހިކަމުގެ އިންތިހާ..މީހަކު ބަލިވެގެން ވިޒިޓްކުރަން ޖެހުނަސް މޭބޮޑުވޭ ކެމިކަލް ވަހާއިހެދި......................................"
"މަންމަ ނެތްދުވަހަކުން އަލްބާން ކީއްކުރާނީ..އެޓްލީސްޓް އުމްރާ ގްރޫޕެއް ހަދައިގެން އެކަމާއި އުޅެފިއްޔާ...ނޫނީ މީހަކާއި އިންނަންވީނު. ބިލާލްވެސް ކައިވެނިކުރަން ވެގެން ވަޒީފާދޫކޮށްލައިފި.............."
"ރިއަލީ؟"
"އެކަމާއި ދެރަވީތަ؟"
"ދެރަވީއެއްނޫން. އޭނަ ނެތިއްޔާ ބަނޑަށް މަރުވެދާނެ...."
"ދަރިފުޅު ދައްކާ ވާހަކަ..."
"ހެހެ....."
"މަންމަގެ ދެއަތް އަދި ސަލާމަތުން އެބަހުރި އަލްހަމްދުލިﷲ.."
"އައި ވިލް ހެލްޕް ޔޫ މަމް...ނޯ ވޮރީސް..ޝެފަކަށްކަން ނޭގޭ ވާންވީ...."
"މަންމައަށް އެނގޭ...ކުޑައިރުވެސް ގޮއްސަ ބިސް ތަޅާލާނީ މަންމަގެ އަތަށް..............."އައްޒަހްރާއަށް ހެވުނެވެ.އަލްބާން މަންމައާއި ބައިވެރިވެގެން ކުޑައިރުގެ ހަނދާންތައް އާކޮށް އޭރު އޭނަ ކުރާ މަޖާކަންތައްތަކުގެ ވާހަކަ ދެއްކިއެވެ. އެވާހަކަތަކުގެ ތެރެއިން އަލްބާންގެ މައުޟޫ އެހެން ދިމާލަކަށް ގެންދިޔައެވެ.
"މަންމާ..އެނގޭތަ..އަޅުގަނޑު ވަރަށް ލައިކްވާ ގާލްއެއް އެބަހުރި.މެޑިކަލް ސްޓޫޑެންޓެއް....މައްސަލައަކީ ވަރަށް ފޮނިކުއްޖެއް. ކިބުރުވެރި..ބަލާވެސް ނުލާ. އޭނަގެ ފަސްފަހަތުން އުޅެއުޅެ ހިތަށް އެއްވެސް އެއްޗެއް ނާރާ. މަންމައަށް ފޮޓޯއެއް ދައްކަންތަ؟" އަލްބަން އޭނަގެ ފޯނުގެ ގެލެރީ ހުޅުވާފައި އެ އަންހެންކުއްޖާގެ ފޮޓޯއެއް ދެއްކުމުން އެ މޫނުން ދަންނަ ފާޑެއްޖެހިއެވެ. ނަމަވެސް ޔަގީނެއްނުވިއެވެ.
އަލްބާން އާދައިގެ މަތިން މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލީ މަންމަގެ އަތުގެ ފިރުމުމުން ސިކުނޑީގެ ހުރިހާ ހާސްކަމެއް ފިލާ އަރާމުވާތީއެވެ. މަންމަގެ ފައިތިލަދަށުގައި ސުވަރުގެ ވާހެން އަތުގެ ފިރުމުންތަކަކީވެސް ޝިފާއެކެވެ.
"ކިހިނެއް ހަދާނީ؟"އަލްބާން އޭނަގެ މަންމަގެ ލަފާއަށް އެދުނެވެ.
"އެކުއްޖާގެ އާއިލާއާއި ވަނަވަރު ހޯދާފައި މަންމަގާތު ބުނޭ.. ފަހަތުން އުޅޭނެކަމެއްނެތް. ދީނުގައި އޮންނަނީ ކައިވެނި ކުރުން. ރައްޓެހިވެގެން އުޅޭކަށް ނެތް. ރަގަޅު ކުއްޖެއްތޯ ބަލާފައި ކައިވެނިކޮށްގެން ގެއަށް ހަމަ ގެންނަންވީ...ދުޢާކުރޭ..ނަމާދުކޮށްގެން ކުރާ ދުޢާ އިޖާބަވާކަން އަލްބާން ދަންނަންތަ؟"
"ދުނިޔަވީ ކަންތައްތަކަށްވެސް؟"
"އާނ ނުވާންވީ ކީއްވެ؟ﷲގެ ރަހުމަތާއި އޯގާވަންތަކަން ހުރިހާ މަޚުލޫގުންނަށް ޚާއްސަ. ޔަގީންކަން އޮވެގެން ދުޢާކުރޭ...ހިތްތައްވެސް ބަދަލުކުރައްވަފާނެ. އެހެޔޮ ނަފްރަތުން ކަޅިޖެހިފައިވާ ހިތަކަށްވިޔަސް ހިތް ލޯބިން ފުރުމަށްވެސް އެފަރާތުން ކުޅަދުންވަންތަ.." އައްޒަހްރާ ވިސްނަމުން ދިޔައީ އެ އަންހެންކުއްޖާގެ މޫނުގެ ސިފަތަކާއިމެދުގައެވެ. ނަމަވެސް ގިނައިރެއް ނުވެ އެހެން ޚިޔާލުތަކާ މަސްހުނިވެ އެކުއްޖާގެ ސިފަތައްވެސް ސިކުނޑީގެ ބިއްލޫރިގަނޑުން ފުސްވެ އެހެން ތަސްވީރުތައް ގަދަކޮށްލައިފިއެވެ. އައްޒަހްރާގެ ޚިޔާލުތަކުގެ ވާފަށް ކެނޑުނީ މުރުތަސިމްވެސް އެތަނަށް ވަދެ މަންމައަށް ގޮވުމުންނެވެ. ދަރިފުޅު ޔުނިފޯމްވެސް ބަދަލުނުކޮށް މަންމަގެ ގާތަށް އައުމަކީ ހިތަށް ލިބޭ ފިނިކަމެކެވެ. މުރުތަސިމް ގެއަށްވަދެ އެންމެ ކުރިން ހޯދާނީ މަންމައެވެ.
"އަލް....ޔޯ ޓައިމް އަޕް. މަންމައައި ޕްރައިވެޓް ކޮންވަޒޭޝަނެއް ބޭނުން.."މުރުތަސިމް އަލްބާންގެ ބޮލުގައި މަޑުމަޑުން ފުތްޓައްކެއް ޖަހައިލުމުން އޭނަ ފުންމައިގެން ތެދުވުނެވެ."މަންމާ....ބުލީކުރަނީ..................."
"މުރުތަސިމް.."އައްޒަހްރާ އަޑުލިއެވެ.
***
މުރުތަސިމްވެސް އެދުނީ ލޯނަކަށެވެ. ތިން މިލިއަން ރުފިޔާއަށެވެ. އައްޒަހްރާ ދަރިންނަށްޓަކާ ގުރުބާންވާވަރުން އަތުގައި ނެތަސް އަމިއްލަ ނަފުސް ވިއްކާލައިގެންވެސް ދަރިންގެ އުފާތައް ފުރިހަމަކޮށްދޭނެއެވެ. މުރުތަސިމް ލޯނަށް އެދޭ ސަަބަބެއްވެސް އަަޒްހަރާ އަހާނުލައެވެ. ދަރިފުޅަކީ އަބަދުވެސް މުއްސަދިކޮށް އުޅެން ބޭނުންވާ ކުއްޖެކެވެ. އެންމެ އަގުބޮޑުހެދުން ނޫނީ ނުލެވެއެވެ. ނިދަން އަރާ ހެދުންވެސް އެންމެ އަގުހެޔޮވެގެން ހާހުން ގުނައިލެވޭނެއެވެ. އަތުގައި އޮންނަނީ އޮމެގާގަޑިއެކެވެ. އެންމެ ފަހުގެ ފޯނު ގެންގުޅޭނެއެވެ. މުރުތަސިމްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން މިލިއަނެރެކޭ ތަފާތެއްނެތެވެ.
***
މުރުތަސިމްއާއި ލޯބިވެރިޔާ އެލީސާ ރޭގަނޑުގެ ކެއުމަކަށް ތިބީ އޮފޭލިއާ މޯލްގެ އެންމެ މަތީބައިގާ ހުރި ރެސްޓޯރެންޓްގައެވެ. އުއްބައްތިތަކާއި ރަތް ފިނިފެންމަލުގެ
"ތިއުޅެނީ އެޕާޓްމެންޓަކަށް ބަދަލުވާން؟ ވާއު. ސްވިމިން ޕޫލްވެސް އޮތީމަ މަށަށް އެންމެ ސަޅީ........އިޓްސް ލައިކް ހަމަ ހެވެން ދޯ......" އެލީސާ ފަރިގޮތަކަށް ހިނިތުންވެލިއެވެ. ފުރިހަމައަށް މޭކަޕްކޮށްފައި އިންއިރު އެހެން ފިލްމީތަރިންނަށްވުރެ އޭނަގެ ރީތިކަމުން މަަޝްހޫރުވެފައިވިއެވެ. ލަވަކިޔުންތެރިން ގެތެރެއިންވެސް އޭނަ ފާހަގަވަނީ ލިބިފައިވާ ރީތި ސިފަތަކުންނެވެ.
"ހޫމް....."
"ކޮންއިރަކުން މަންމައާއި މީޓްކުރުވަނީ؟"އެލީސާ އެހިއެވެ.
"އަދި ކުޑަ އިންތިޒާރެއް އިނގޭ....މީޓްކުރުވާނަން.."މުރުތަސިމްގެ ނަޒަރު އެލީސާގެ މޫނުން އެއްފަހަރުވެސް ކައްސާނުލައެވެ. އެ މަންޒަރު ސޯޝަލްމީޑިއާއަށް ލާހިތުން އެލީސާއަށް ކެތްކުރެވެނީއެއް ނޫނެވެ. އެކަމަކު މުރުތަސިމްއަކީ އެގޮތަށް މީޑިއާއަށް ފިލައިގެން އުޅޭ ޒުވާނެއްކަމުން އެލީސާއަށްވެސް އިހަށް މަޖުބޫރުވީ މުރުތަސިމްގެ ބޭނުންތަކަށް އިހުތިރާމް ކުރުމެވެ. އެކަމަކު ސަޕްރައިޒެއް ދިނަސް މުރުތަސިމް އޭނަދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އެބައޮތެވެ.
***
ބިލާލް ނެތުމުގެ ފަޅުކަމާއި އުދަގޫތައް އެންމެ ބޮޑަށް އިހުސާސްކުރެވުނީ އައްޒަހްރާއަށެވެ. އެހެން ހުރިހާ ކުދިން މައްސަލަޖެއްސީ މަންމަ އެެހާ ފަސޭހައިން ބިލާލް ފޮނުވައިލީމައެވެ. ހުއްދަދިނީތީއެވެ. އެހެން މީހަކު ލިބެންދެން ކައިވެނި ފަސްކޮށްލެވިދާނެ ނޫންހެއްޔެވެ؟ކައިވެނިކުރިޔަސް އަންނަން މަޖުބޫރުކުރަންޖެހޭނެކަމުގައި މާހްޒަބީންމެން ދެކުނެވެ. މޮޕްޖަހާ ތަންތަން ސާފުކުރާނެ މީހަކު ގެނެވުނަސް އެހާ ފަސޭހައިން ކައްކައިދޭނެ މީހަކު ނުވާނެއެވެ. މީހަކު ގެނެޔަސް ޒަވިއާރުމެންނަށް ކަމުދާ ފެންވަރަކަށް ކައްކަން ނޭގި ހިގައިދާނެއެވެ. އެހުރިހާ ބަހުސްތަކާއި ދެކޮޅުވެރިކަމާއިއެކުގައިވެސް އައްޒަހްރާ ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. ފައިސާގެ ތަނަވަސްކަން އޮތަސް މާލީހާލަތު ދަށްވުމާއެކު ކޮންމެ ކަމަކަށް ޚާދިމަކު ގެނައުމަށްވުރެ އަމިއްލަ ދެއަތުން އެވަރުކަމެއް ކޮށްލުމަކީ އައްޒަހްރާއަށް އުދަގޫކަމެއްނޫނެވެ. އެހެންނޫނަސް ކައިވެނި ފަސްކުރަން ބުނުމަކީ އައްޒަހްރާ ގަބޫލުކުރާނެ އުސޫލެއް ނޫނެވެ.
އައްޒަހްރާ ކުކުޅު ފިހަން އަވަނަށް ލުމަށްފަހު ބޭރަށް ނުކުމެ އާއްމުކޮށް އިންނަ ސޯފާގޮނޑީގައި ޖައްސައިލިތަނާ ކާރެއް މަޑުކޮށްލުމުން ބަލަން ހުރެވުނެވެ. ކާރުން ދެއަންހެނުން ފޭބިއެވެ. ނިގާބުގައި ހުރި އަންހެންކުއްޖަކާއި ދުވަސްވީ އަންހެނެކެވެ. ދެމީހުން ފެނުމާއެކު އައްޒަހްރާއަށް އެއީ ކޮންބަޔެއްކަން އެނގި އެދިމާލަށް ހިނގައިގަނެވުނީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. ހުރިހާ ލޮޑުކަމެއްވެސް ފިލިފަދައެވެ.
"އައްސަލާމް އަލައިކުމް.."
"ވައަލައިކުމުއްސަލާމް....."
"ސަބީހާއްތާ. އަދީނާ..ކިހިނެއްތަ؟" އައްޒަހްރާ ދެމީހުން އެއްފަހަރާ ގެނެސް މޭގައި ޖައްސައިލަމުން މަރުހަބާ ކީއިރު އަޑުގައި އޯގާތެރިކަންވިއެވެ. އަދީނާ މޫނުބުރުގާ އަޅާކަން ކުރިން އެނގިފައި ނުވިޔަސް އެކުއްޖާ ހެދުން އަޅާފައި ހުރިގޮތް ފެނި އައްޒަހްރާގެ ހިތުގައި އޮތް އިހުތިރާމްއާއި ގަދަރު އުފުލުނެވެ. އޭނަގެ ދަރިފުޅު ޒަވިއާރަށްޓަކާ މިވަރުގެ ބައިވެރިޔެއް ނުލިބޭނެއެވެ.
ނުނިމޭ