30 Nov 2023, 08:59
"ދެވަނަ ފުރުސަތެއް ލިބުމެއް ނުވެއެވެ. ދުނިޔޭގައި އުޅެން ލިބޭ ކުޑަ ދުވަސްކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ."
***
"އޭނަ ނާންނާނެ..."
"ކޮން އޭނައެއް.."އުރުޖުވާންގެ ބޮޑު ލޯ އެއަށްވުރެ ބޮޑުކޮށްލިއެވެ.
"އަހަންނަށްވެސް އެވަރު އެނގޭ. ވަށައިގެން ހޯދާގޮތުން ތިއުޅެނީ ހާސްވެގެންކަން އެނގޭ..............."މަދީނާ ހިނިގަނޑެއް ޖަހައިލިއެވެ."ނޯ ވޮރީސް. އެގެއަށް ގޮސް ސެޓްލްވެލާފަ އުރޫޖްއާއި މާމަވެސް ގެންދާނަން..ޔޫ ޕީޕަލް މިހާރު ލައިފްގަ ވަރަށް ސްޕެޝަލް ބަޔަކަށް ވެއްޖެ..ދޮންބެވެސް އުރޫޖް ހީކުރާހާ ނުލަފައެއްނުވާނެ. ކުޑަކޮށް ސްޓްރިކްޓް އެކަމަކު އަހަރެމެންނަށް އެކީގައި އުޅެވިދާނެ..އެއީ މަގޭ ޕްލޭން މީތި ވޯކް ކުރޭތޯ ބަލާނީ.........."
ކުއްލިއަކަށް އުރުޖުވާނަށް ސިހުމަކާއެކު ހަޅޭއްލަވައިގަނެވުނީ ބޮލުގައި އެއްޗަކުން ޖެހުމުންނެވެ. ފުރަތަމަ ހީކުރެވުނީ ހަރުފައެއްފަދަ ދިރޭ އެއްޗެއް ބޮލަށް ފުންމައިލީކަމުގައެވެ. އެހާ ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި ގައި ބޮލުގައި އޮތް ބުރުގާ ފޮޅައިލެވުނުއިރު ނަގާފައި އެއްލައިނުލެވުނީވެސް ހަމަ ކިރިޔާއެވެ. ވަށައިގެން ހޯދައިލިއިރު އޭނައާއި ފޫޓެއްހާ ދުރުގައި އޮތީ ބޯޅައެކެވެ. ހަރުފައަކަށް ނުވީތީ "އަލްހަމްދުލިﷲ"ކިޔާފައި ހީގަނެފައި ބަލައިލިއިރު ފްލެޓަށް ވަންނަ ދޮރުމަތީގައި ލޯހަނިކޮށްލައިގެން ހުރީ މާޒިމް ފިޔަވާދެވަނަ މީހެއްނޫނެވެ. ފުޓްބޯޅަ ޖޯޒީގައި ހުރިއިރު އެއައީ ކުޅެފައިކަން އެނގުނެވެ. އެވަރަށް ކުޅެފައި އައިއިރުވެސް މޫނު މަލެއްހާ ތާޒާއެވެ.
"ބޯޅަ ގެނޭ.."މާޒިމްގެ އަމުރާއެކު އުރުޖުވާންގެ ތުންފަތުގައި ހުރި ހިނިތުންވުން ގެއްލި ހިތް ފުންމައިނުލީ ކިރިޔާއެވެ. ނޭވާވެސް ނުލެވި މުޅި ހަށިގަނޑު ގަނޑުވިއެވެ.
"އަޑުއެބައިވޭތަ؟" މާޒިމް ކުރީ ސުވާލެކެވެ. އުރުޖްވާން ބިރުންހުރެ ބޯޅަ ހިފައިގެންގޮސް މާޒިމްގެ އަތަށް ދިއްކޮށްލައިފިއެވެ. މަދީނާ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލިއެވެ.
"ދޮންބެ އުރޫޖްއަށް ކީއްކުރީތަ؟"
މާޒިމް ޖަވާބެއްނުދީ ދޮރު ލައްޕާލައިފިއެވެ.
"ސުބުހާނަﷲ...މަދީނާގެ ދޮންބެ ކްރޭޒީވީތަ؟އެޖެހީ ބޮލުގައޭ. ވަރަށް ތަދުވެއްޖެ......."
"އައިސް ޕެކެއް އެޅީމަ ފަސޭހަވާނެ....ވަން މިނިޓް...." މަދީނާ ވައިރޯޅިއެއްހެން ދިޔަގޮތަށް ގެނެސްދިން އައިސްޕެކް އުރުޖުވާންގެ ބޮލުގައި ޖައްސާލަދިނެވެ." މިހާރު ރަގަޅުހެން ހީވޭތަ؟ "
" އޭނަ އެވަރަށް ހާޓްކުރާއިރު ތިގޭގައި ދިރިއުޅެން ވެއްޖެއްޔާ އެހެން މީހަކަށް އަންގާނުލާ މަރާފައި ވަޅުވެސް ލާފާނެ..ބައިދަވޭ މަދީނާގެ މަންމަ ގެ ޚަބަރު ބަލައިލިންތަ؟ޗެކްކޮށްލަންވާނެ ދޯ. މާމަ ގުރައިދޫ ގައޭ ބުނާނީ ކޮންމެވެސް ކަމެއް އެނގިގެން..އެހެން ހުރެފައި މާމަ ބުނެލާނީ މީނިންފުލް އެއްޗެއް..މާޒިމް ކައިރީ ބުނެގެން ގުރައިދޫއަށް ލާފައި މަންމަ ހުރިތޯ ބަލުވަންވާނެ އިނގޭ. ހަމަ މޫދަށް ގެއްލުނީއޭ ބުނީމަ ގަބޫލުކުރަން ފަސޭހައެއްނޫން. މަދީނާއަށް ފީލްވޭތަ؟މަންމަ ދުނިޔޭގައިނެތް ހެން........ކުޑަކޮށްވެސް ؟
"ނޭގޭ......އަމް....."ސިކުނޑީގެ އަނދިރިކަނެއްގައި މީހަކު ކޮށްޓައިލިކަހަލަ އިހުސާސެއްވިއެވެ. އޭނަ އެބައި ހުޅުވައިލަން ހުއްދައެއް ނުދޭނެއެވެ. ސިކުނޑީގެ ބަންދުކޮށްފައިވާ ބައިތައް އަލުން ހުޅުވިއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ.
"އަހަރެން ބުނާ އެއްޗެއް ގަބޫލުނުކުރެވެންޏާ މަދީނާ އަމިއްލައަށް ގޮސް މާމަ ގާތުން އަހާ."
"މާމަ ގާތު މަންމަގެ ވާހަކަ ދެއްކީ ކާކު؟"މަދީނާއަށް އަހައިލެވުނެވެ.
"ފަހުން އެހީމަވެސް މާމަ މަށަށްް ސައިލެންޓް ޓްރީޓްމެންޓްް ދިނީ....އެވާހަކަ އަލުން ނުދައްކަން އެންގީ...ސިއްރެއްކަން ނޭގެއެއްނު..............."
މާޒިމް މަދީނާއަށް ގޮވި އަޑު އިވުމާއެކު އުރުޖުވާން ދުއްވައިގަތްގޮތުން ކައްސައިލުމާއެކު ދެއަތް ބިންމަތީގައި ޖައްސައިލެވުނެވެ. އެއާއެކު އަނެއްކާވެސް ރުވައިލި ދުނި ދަނޑިއެއްހެން ގޮސް ލޯމަތިން ގެއްލުނީއެވެ. ފުރޭތައެއް ކުރިމަތިން ދައްކައިލިނަމަވެސް އުރުޖުވާންއަށް އެވަރުނުވާނެކަން ޔަގީނެވެ. މަދީނާއަށް ހުނުން މަތަ ނުކުރެވި ލޮލުން ފެން އަންނާންދެން ހުނެވެ. އުރުޖުވާން ފަކީރު އޭނަގެ ދޮންބެ ދެކެ ބިރުގަނެއޭ ބުންޏަސް މިވަރުވާނެ ކަމަށް އޭނަ ހިޔެއްނުކުރެއެވެ.
***
"މާމަ ދުނިޔެއިން ވަކިވީމަ ދަރިފުޅު ބައްޕަ ގާތަށް ދާންވީނު..............."
"އިރާދަކުރެއްވިއްޔާ މާމާ ސަތޭކަ އަހަރުވަންދެން ދުނިޔޭގައި ހުންނާނެ. ބައްޕަގާތަށް ދާން ބޭނުމެއްނޫން...މަދީނާ ބުނި އެގޭގައި ބަހައްޓާނަމޭ"
"ތިދުވަސް ދެކެން މާމަވެސް ބޭނުން."މާމަ ހިނިގަނޑެއް ޖަހައިލަމުން އުރުޖުވާންގެ އަތުގައި ބޮނޑިއެއް އެޅިއެވެ. މާމަ ދިމާކުރީކަން އުރުޖުވާނަކަށް ނުވިސްނުނެވެ.
***
މަދީނާ ފްރިޖުން ފެންފުޅިއެއް ނަގައިގެން ކަރުތެރެއަށް އޮއްސައިލީ ދޮންބެމެން ކުރެ އެކަކުވެސް ނެތްކަން ޔަގީންކުރުމަށްފަހުގައެވެ. އެ އާދަތައް ހުއްޓުވަން ދޮންބެމެން ކުރުވާ މަސައްކަތް ދަނީ ފެނަށް ވެގެންނެވެ. ބިއްލޫރިތަށްޓަށް ފެން އެޅުން އޭނައަށްވަނީ މަސައްކަތަކަށެވެ. މަދީނާ އެއްލި ކަޅިއަކުން ކުއްލިއަކަށް ފެނުނީ ދަންނަ ފާޑެއް ހުރި މީހެއްގެ ހިޔަންޏެވެ. އެ ހިޔަނި ދޮރު ހުރަސްކޮށްލިތަނެވެ. ފެންފުޅި ސޯފާގެ މައްޗަށް އެއްލާލާފައި ދުއްވައިގަތްގޮތަށް ފާރުގައި މޫނު ނުޖެހުނީވެސް ކިރިޔާއެވެ. ކޮޓަރީގެ ދޮރު ބަންލާފައި ޖެހިގޮތުން ފާރުތައްވެސް ގުޑައިލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލިގޮތަށް އޭނަ ތިރިވީ ތަޅުންމައްޗަށެވެ. އަނެއްކާވެސް ކަންތަކާއި ޖެހުނީހެއްޔެވެ؟ މަދީނާ ވިސްނައިލިއެވެ.
"މިތަނުން ދޭބަލަ ޕްލީސް." ކަކުލުގައި ބައްދައިލަމުން ދެފަރާތަށް މަޑުމަޑުން ހެއްލެމުން އެޖުމްލަ ބުނެލިއިރު ތުންފަތް ތުރުތުރުލައެވެ.ކުއްލިއަކަށް ދޮރުގެ ތަޅު އެނބުރޭތަން ފެނުމުން އޭނަގެ ލޯ ބޮޑުކޮށްލެވުނެވެ. އޭނަ އެދޮރު ތަޅުލިކަން ޔަގީނެވެ. އެޒުވާނާ ދޮރު ހުޅުވިގޮތަށް ދެން ފެނުނީ އެތެރޭގައި ހުއްޓައެވެ. އެންމެ އިސްތަށްޓެއްވެސް ނެތް މޫނު އޮމާންކަމުން ވިދައެވެ. ލޮލުގައި ހުރީ ސްޓީލްގައި ހުންނަ ނޫ ކުލައެވެ. ފިނިކަމެވެ. އޭނަ ބޭރުގައި ބަހައްޓާފައި ތަޅުލެވިދާނެކަމަށް މަދީނާ ހީކުރިކަމާއިމެދު މަލާމާތުން ފުރިގެންވާ ނުލަފާ ހިންޏެއް ތުންފަތުގައިވިއެވެ. އޭނައަށް ޔަގީންވާކަމަކީ މިއީ ދިވެއްސެއް ނޫންކަމެވެ. ކޮން ގައުމެއްކަން ނޭގުނަސް ސާފު ދިވެހި އަދި އިނގިރޭސިބަހުންވެސް އޭނަ ވާހަކަދައްކައެވެ. އޭނަގެ ނަމަކީ އުވައިސްއެވެ.މަދީނާ ހަނދާން ހުންނަން ފެށީއްސުރެ އޭނަގެ ފަހަތުން ނުނައްޓާ ދާހާ ތަނަކަށް މި ފިރިހެނާ އާދެއެވެ. ގެ ބަދަލުކުރިޔަސް ކޮންމެ ގޮތެއް ހަދާފައިވެސް ހުރިތަނެއް ހޯދައިގަނެއެވެ. އޭނައަށް ނައްތައިނުލެވުނު ސޫތްޕެކެވެ.
"ކިހިނެއް މި........"މަދީނާގެ އަޑު ތުރުތުރުލައިގަތެވެ.
"ސީ މަދީނާ...ތިހެން އަހަރެން ތަޅުލާފައި ނުބެހެއްޓޭނެ. ކިތައް މިލިއަން ފަހަރު އެހެން ހަދައިފިން؟" އެތާހުރި ވެނިޓީ މޭޒަށް ލެނގިލަމުން އޭނަ ހަށަން ބަދެލިއެވެ.
މާޒިމްއާއި ކެނާން ކޮބާހެއްޔެވެ؟ އެންމެ ބޭނުންޖެހުނު ދަނޑިވަޅު އެދެމީހުން ވީ ތަނެއް ނޭގުނެވެ.
"އެނގެއެއްނު މަދީނާގެ ސްވީޓް އެކުވެރިޔާ އުރޫޖް؟އޭނައަކީ ހެޔޮއެދޭ މީހެއްކަމުގައި ދެކެނީތަ؟ އެއް ދުވަހެއްވެފައި ކުއްލިއަކަށް ފެނިގެން ވާހަކަދައްކަންފެށީ އަދި ތީނަގެ ބޭބެ އެކުއްޖާގެ ސޫރަފެނުނަސް އެހެން ކަމަކަށްވުރެ ރުޅިއާދޭ. އޭނަ ކިއެއްނު މަންމަ ވީ މޮޔައިންގެ މަރުކަޒެއްގައޭ؟އެހެން ކިޔާ ބޮލަށް ވަދެގެން އެންމެފަހުން މާޒިމްގެ އަތުގައި އޮތް ފައިލްވެސް ބަލަން ޖެއްސީ. މާޒިމްއަށް ސިއްރުން. އެކުއްޖާގެ ބޭނުމަކީ ތީނަގެ މަންމަ މޮޔައެއްކަން މަދީނާއަށް އެންގުން ..ނޫންތަ؟އެހާ މަކަރުވެރި..."
"ޝަޓަޕް.....ހުއްޓާލާ.."މަދީނާ ކަންފަތުގައި އަތް އަޅާ ބާރުކޮށްލަމުން ހަޅޭއްލަވައިގަތްއިރު މޫނު ރަތްވެއްޖެއެވެ. އުވައިސް ރަހުމްކުޑަގޮތަކަށް ހޭންފެށިއެވެ. އަދި ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށްޓެއްގައި އިނގިލިކުރިން ހިފާ އޮޅަައިލިއެވެ. އަދި މަދީނާ ތަޅުންމަތީގައި އިށީދެގެން އިން ދިމާލަށް ނަޒަރު ހުއްޓައިލުމަށްފަހު އެދިމާލަށް އަންނަންފެށިއެވެ.
"ދުވަހަކުވެސް ސަލާމަތެއްނުވެވޭނެ.."އޭނަ ގުދުވެ ވައި އަޑަކުން އިންޒާރުދިނެވެ.
"މިތަނުން ނުކުމޭ. ހަމަ މިހާރު.."މަދީނާ ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި އުވައިސްއާއި ދިމާލަށް އަތް ހޫރައިގަތީ އަނިޔާދިނުމަށެވެ. އޭގެ ބަދަލުގައި މަދީނާއަށް އަނިޔާނުކުރާނެކަމުގެ ޔަގީންކަންވެސް އޮތެވެ. އެއްފަހަރު މަދީނާ އޭނަގެ ފަހަތުންގޮސް ވަޅިއަކުން ކަދުރާގެ ކައިރިއަށް ދިން ހަމަލާގެ ނިޝާނަކަށް އަދިވެސް އެދިމާލުގައި ލަކުނު ފެންނާން އެހެރީއެވެ. އެވަރުންވެސް ބަދަލުހިފަން ހަމަލާއެއްދޭން ނޫނީ މަދީނާއަށް އަނިޔާއެއްދޭން ހިތަށް ނާރާ ހަމައެކަނި ޝައިތާނީގޮތަކަށް ހީލައިގެން ހުންނަނީއެވެ. އުވައިސްއަކީ ސިއްރުވެރި މީހެކެވެ.
***
މަދީނާގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމާއެކު މާޒިމް ހައިރާންކަމާއި އެކު ބުމަ މައްޗަށް ހިއްލައިލިއެވެ. މަދީނާ ހަޅޭއްލަވަނީ ކާކާއި ދިމާލަށްހެއްޔެވެ؟ މާޒިމް ދޮރުގެ ތަޅުގައި ހިފައިލިތަނާ ފަހަތުން އައި ކެނާން އޭނަ ހުއްޓުވިއެވެ." މާޒްއަށް އެނގެއެއްނު. މަދީނާ އަމިއްލަ ނަފުސާއި ވާހަކަދައްކަނީ.. އަނެއްކާވެސް.. ޖަސްޓް ލެޓް ހާ ބީ...ރަގަޅު ރާގީއެއް ހޯދާ.................."
***
މާޒިމް ސޯފާގައި އިށީދެލައިގެން ލެޕުން މަސައްކަތެއް ކުރަން އިނަސް ކަންފަތް ހުޅުވާލައިގެން އިނީ ކެނާން މާ ބާރަަކަށް ވާހަކަދައްކާތީއެވެ. ކޮންމެވެސް މީހަކާއި ޒުވާބެއްކުރަނީހެން ހީވިއެވެ. މާޒިމް ބޮލަށް އުދަގޫވީ އަޑުގަދަވަގެން ކުރަން އިން މަސައްކަތަށް ސަމާލުކަން ނުދެވޭތީއެއްނޫނެވެ. ކެނާންއާއި ޒުވާބުކުރާ މީހެއްދެކެ ފޫހިވީއެވެ. ފޯނުން ގުޅައިގެން ހުރީ ކާކަށްތޯ ބަލަން ހުރެފައި ތެދުވެއްޖެއެވެ. އޭނަގެ އާއިލާގެ އެންމެން ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަނީތޯ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ.
"ކެނާން...އާ ޔޫ އޯކޭ؟"
"ނުދަންނަން މާޒް ތިހާ ކޮންސާން ވާކަމެއް....."ކެނާން އެއް ލޯ މަރައިލިއެވެ.
"ކޮންސާންވަނީއެއްނޫނޭ މައި ޑިއާ...މަސައްކަތް ނުވާވަރަށްވިއްޔަ ހަޅޭއްލަނީ؟ކަންފަތް ކައިރީ ގުގުރިޔަސް ތިވަރެއްނުވާނެ.."މާޒިމް ބުމަ ކައިރިކޮށްލިއެވެ.
"ކިއުރިއޯސިޓީ ކިލްޑް ދަ ކެޓް.." ކެނާން ހިނިގަނޑެއް ޖަހައިލިއެވެ."ވެގެން އުޅޭގޮތް ކިޔާދީފާނަމޭ މާޒް ތިވަރު ނުވިޔަސް........."
ނުނިމޭ