21 May 2012, 13:43
މާލޭ ސިޓީ ކައުންސިލާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި 50 މީހުންގެ ސޮޔާ އެކު ލޯކަލް ގަވަމެންމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެލްޖީއޭގެ ސީއީއޯ އަހުމަދު ޝުކުރީ ހުސެއިން އަދި އެއޮތޯރިޓީގެ ރައީސް މުހައްމަދު ޖަމީލް އަހުމަދަށް އެޑްރެސްކޮށް މިއަދު މެންދުރު ފަހު ފޮނުވާފައިވާ އެ ޕެޓިޝަންގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އެކަށީގެންވާ ގޮތުގައި އެ ކައުންސިލްގެ ޒިންމާ އަދާކުރަމުން ގެންދާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެ ސިޓީ ކައުންސިލާ މެދު ފިޔަަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.
އެ ޕެޓިޝަން އެލްޖީއޭ އަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވި މއ. ނޫމަސް މޫސާ ޝިޔާމް މިއަދު ވިދާޅުވީ ޕެޓިޝަނެއް އެލްޖީއޭ އަށް ހުށަހެޅި މައިގަނޑު ބޭނުމަކީ ދީނީ ދަރުސުތައް ބޭއްވުމުގެ ހުއްދަ ދިނުމުގައި މާލެ ސިޓީ ކައުންސިލުން ވަކި ބަޔާ މެދު ވަކި ގޮތަކަށް އަމަލުކުރުމާއި މާލެ ތެރެ އެކަށީގެންވާ ގޮތެއްގައި އެކައުންސިލުން ބަލަހައްޓަމުން ނުގެންދާތީ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ފާހަގަކޮށްފައި ވާނީ ދަރުސް ދިނުމުގައި ވަކި ބަޔަކަށް ހުރަސް އެޅުމުގެ ގޮތުން ކަންކަން ކުރަމުން ގެންދާތީ އާއި މާލޭގެ މަގުތައް އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާ މައްސަލަ،" ޝިޔާމް ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި އެލްޖީއޭ އަށް ބަޔަކު ޕެޓިޝަނެއް ހުށަހަޅާފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުރުގާން މިސްކިތުގައި ޝައިހް އިލްޔާސް ހުސެއިންގެ ދަރުސެއް ކުރިއަށް ދަނިކޮށް، އެ ސަރަހައްދަަށް ވަތް ބަޔަކު ދަރުސަށް ހުރަސްއެޅުމުގެ ގޮތުން ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ.