ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ލިއޯން ފެމިނީންއިން ސެއިންޓް ޕޯލްޓެން ވިމެންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލިއޯންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިއޯން އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލިއޯންއިން މެޗުގެ ލީޑު ނަގައިފާވަނީ މެޗުގެ ހަތަރުވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލާ ވެން ޑެ ޑޮންކްއެވެ. ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ސެއިންޓް ޕޯލްޓަންގެ ލިއޮނާޑާ ބަލޮގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ކާމިޔާބީއާ އެކު މި މުބާރާތް މިހާތަނަށް އަށް ފަހަރު ކާމިޔާބުކޮށް ރިކޯޑް ހަދާފައިވާ ލިއޯން މިހާރު ވަނީ ހުރިހާ މުބާރާތަކަށް ބަލާއިރު މެޗަކުން ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ.

މި ކާމިޔާބީއާ އެކު ލިއޯން ފެމިނީން މިހާރު އުޅެނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ޖަހާފައިވާ ލަނޑުގެ ތަފާތުން ގްރޫޕް ބީގެ އެއްވަނައިގައެވެ. އަދި، ސެއިންޓް ޕޯލްޓެން ވިމެން އުޅެނީ ޕޮއިންޓެއް ނުލިބި ތިންވަނައިގައެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ ދެވަނައިގައި ލަނޑުގެ ތަފާތުން އޮތް ނޯވޭގެ ބްރާން ވިމެންއާއެވެ. ބްރާން ވިމެން ވަނީ އެ ޓީމުން ކުޅުނު އެންމެ ފަހު މެޗުގައި ސްލާވިއާ ޕްރާގް ވިމެން އަތުން އަމިއްލަ ދަނޑުގައި އެއްލަނޑު ސުންލަނޑުން މެޗު ކާމިޔާބު ކޮށްފައެވެ.