ބޮލީވުޑްގެ އެކްޓަރު ސައިފް ޢަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ކެރިއަރުގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ ޗަންދީގަރުގައި ފިލްމުގެ ދިހަ ދުވަހުގެ ޝެޑިއުލެއް ނިންމާލާފައިވާއިރު ވަރަށް އަވަހަށް ހަމަ މި ފިލްމުގެ އިތުރު ޝެޑިއުލްއެއް ހިމާޗަލް ޕްރަދޭޝްގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން އިބްރާހީމް މަސައްކަތް ފަށާފައިވާ ދެވަނަ ފިލްމަކީ ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ ފިލްމެކެވެ. މި ފިލްމަކީ "ޑިލޭރް"ގެ ނަމުގައި އުފައްދާ ސްޕޯޓްސް ޑްރާމާއެކެވެ. އިބްރާހީމް މި ފިލްމުގައި ކުޅެނީ މެރެތަން ކުޅުންތެރިއެއްގެ ރޯލެވެ. މިއީ ބައޮޕިކެއް ނޫން ކަމަށާއި ފިލްމުގެ ވާހަކަ ބިނާކޮށްފައިވާނީ ދިރިއުޅުމުގައި އެތުލީޓެއްގެ ހުނަރު ހުރެ، އެ ހުނަރު ދެނެނުގަނެވި ކާމިޔާބީގެ ދަތުރު ފެށި އެތުލީޓެއްގެ ވާހަކައިގެ މައްޗަށް ކަމަށް ކުނާލް ވަނީ ބުނެފައެވެ.

އިބްރާހީމް އަލީ ޚާން އަދި ބަތަލާ ކާޖޮލް

އިބްރާހިމާ އެކު ފިލްމުގެ ބޮޑު ބައެއް ޝޫޓް ކޮށްފައިވާއިރު އޭނާގެ ކެރިއަރުގެ ކުރިމަގު ފެންނަނީ ވަރަށް އުއްމީދީ ގޮތަކަށް ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން ވަނީ ބުނެފައެވެ.

ފިލްމުގެ ޝޫޓިންގް ތެރެއިން އިބްރާހީމްގެ މިޒާޖާއި ކެމެރާއިން ދައްކާ މޫނުމަތީގެ ކުލަވަރުތަކަކީ އެކްޓަރު ސައިފް ޢަލީގެ ޅައިރުގެ ހަނދާންތައް ގިނަ ބަޔަކަށް ކުރުވާ ކަމެއް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި، ސައިފް އާއި އިބްރާހީމްގެ ވަރަށް އެއްގޮތް ކަންކަން އެބަހުރި ކަމަށާއި އޭގެ ސަބަބުން ޒުވާނާގެ ފިލްމީ ކެރިއަރު އުޖާލާވުމަށް މަގުފަހިވާނެ ކަމަށް ފިލްމު ޔުނިޓުގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން ވަނީ ބުނެފައެވެ.

އިބްރާހީމްގެ ފުރަތަމަ ފިލްމު "ސަރްޒަމީން"ގެ މަސައްކަތް ނިމިފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. އިބްރާހީމް އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ މި ފިލްމަކީ ދަރުމާ ކުންފުނިން ގެނެސްދޭ ފިލްމެކެވެ. އިބްރާހީމާ އެކު ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ބަތަލާ ކާޖޮލް ވެސް ފެންނާނެއެވެ.