ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ހަމަލާތައް މެދުކަނޑާލަން އެއްބަސްވާ ޝަރުތުތައް ހަމާސްއިން ހާމަކޮށްފިއެވެ.

ހަމަލާތައް މެދުކަނޑާލައި ދެފަރާތުން ރަހީނުކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް އިސްރާއީލާއި ހަމާސްއިން އެއްބަސްވާން ނިންމީ ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެންނެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކަކީ، އުނދަގޫ މަޝްވަރާތަކެއް ކަމަށް ހަމާސް އިން ބުނެއެވެ. ހަމާސްއިން އެއްބަސްވެފައިވާ ޝަރުތުތަކަކީ:

1. ދެ ފަރާތުން ވެސް ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި އިސްރާއީލުން ހިންގާ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހަތަރު ދުވަހުގެ މުއްދަތަށް ހުއްޓާލުން.

2. ހަމަލާތައް ހުއްޓާލާފައި އޮންނަ މުއްދަތުގައި ޣައްޒާގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް މީހަކަށް ހަމަލާއެއް ނުދިނުމާއި ހައްޔަރު ނުކުރުން.

3. ޣައްޒާގެ އުތުރުން ދެކުނަށް ރައްކާތެރިކަމާއެކު އާންމުންނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުން.

4. ހަނގުރާމަ މެދުކަނޑާލާފައި އޮންނަ މުއްދަތުގައި ޣައްޒާގެ ދެކުނުގައި އަދި އުތުރުގައި ދުވާލަކު ހަ ގަޑިއިރަށް ވައިގެ ދަތުރުފަތުރު ކުރުން ހުއްޓާލުން.

5. އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލުގައި އަސީރުންގެ ގޮތުގައި ތިބި 50 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުން.

6. އިންސާނީ އެހީތެރިކަމާއި، ރިލީފް، ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު އަދި ތެޔޮ ހިފައިގެން ދުވާލަކު އެތައް ސަތޭކަ ޓްރަކެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުން.

7. އިސްރާއީލުން ހިފާފައިވާ އަސްކަރީ އުޅަނދުތައް ޣައްޒާއަށް ވަނުން ހުއްޓުވުން.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހަނގުރާމަ ހުއްޓާލުން ފަށާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް އިސްރާއީލުގެ އިސްރާއީލުން މީގެ ކުރިން ބުނެފައިވާގޮތުން ހަމަލާތައް ހުއްޓާލާނީ މިއަދު ހެނދުނުން ފެށިގެންނެވެ. ފަލަސްތީނުގެ އަސީރުން މިއަދު މެންދުރުފަހު ދޫކޮށްލާނެ ކަމަށާއި ހަމާސްގެ ބެލުމު ދަށަށް ގެންގޮސްފައިވާ އިސްރާއީލު މީހުން މިރޭ ދޫކޮށްލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ.