23 Nov 2023, 07:32
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންތައް ކުރިއަށްގެންދިޔަ ހަރަކާތްތަކުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި އެ ރުފިޔާ ހަވާލު ކޮށްފިއެވެ.
"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ގިނަ ހަރަކާތްތަކަކާ އެކު އިވެންޓެއް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ފަށައިފައެވެ.
މި އިވެންޓު ރޭ އެންމެ ފަހުން ނިންމައިލާފައިވާއިރު އެންމެ ފަހު ހަރަކާތަކަށް ތަފާތު އެކި ތަރީންގެ ހާއްސަ ޓިކްޓޮކް ލައިވެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓިކްޓޮކް ލައިވަށް ވެސް ބޮޑު ސަމާލު ކަމެއް ވަނީ ލިބިފައެވެ.
އިންސާނިއްޔަތަށް ޓަކައި އިވެންޓުން ތަރީންނާއި އެކި މީހުން ގުޅިގެން ހިންގި ހަރަކާތްތަކާ އެކު މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ 685،651.90 ރުފިޔާ ފަންޑަށް ހޯދާފައެވެ.

'އިންސާނިއްޔަތަށްޓަކައި' ހަރަކާތުން ލިބުނު ފައިސާ ހަވާލުކުރުން --
މި ފަންޑަށް ލިބުނު ފައިސާ ވަނީ އިއްޔެ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލު ކޮށްފައެވެ. އަދި، މި ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އެކައުންޓަށް ފޮނުވާ ދީފައިވާ ކަމަށް އިވެންޓު އިންތިޒާމުކޮށް ހިންގުމުގައި ހަރަކާތްތެެރިވި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެއެވެ.
މި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިވެންޓު އިންތިޒާމު ކުރި ފަންނާނުން ހާމަކުރެއެވެ. މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް އިވެންޓަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ފަލަސްތީނަށް އެހީ ހޯދުމަށް ކުރިއަށް ގެންދިޔަ އިވެންޓުގައި ތަފާތު އެކި ހަރަކާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ޖަމްބަލް ސޭލްގެ އިތުރުން ފިލްމު ފެސްޓިވަލް އަދި މަސްރޭހެއް ވެސް ހިމެނެއެވެ. އަދި، ހަމަ އެއާއެކު ގޭގެއަށާއި ރަށްރަށަށް ގޮސް ތަރީން އެކި ކަހަލަ މަސައްކަތްތައް ކޮށްގެން ފަންޑަށް ފައިސާ ހޯދާފައިވާއިރު މިއީ ގިނަ އަދަދެއްގެ ތަރީން ގުޅިގެން މިގޮތަށް ބޭއްވި އެންމެ ބޮޑު އެއް އިވެންޓެވެ.