22 Nov 2023, 23:44
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތެޔޮ އަޅާ ނިޒާމު ހުރިހާ ޚިދުމަތަކާއެކު އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު "ސަން" އަށް ވިދާޅުވީ ވީއައީ ތަރައްގީކުރުމުގެ ޕްރޮޖެކްތުގެ ތެރެއިން ގާއިމުކުރާ ތެޔޮ އަޅާ ނިޒާމަކީ އެންމެ ފަހުގެ އެންމެ މޮޅު ނިޒާމު ކަމަށެވެ.
މިއީ ދުނިޔޭގެ ފެންވަރުގައި ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ނިޒާމެއްކަމަށް ވެސް ޝަމްއާން ވިދާޅުވިއެވެ. މި ނިޒާމު ބޭނުންކުރަން ފެށުމުން އެއާޕޯޓުގެ މަސައްކަތްތައް އިތުރަށް އަވަސްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ތެޔޮ އަޅާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކަމަށެވެ.
އެއާޕޯޓުގެ ފިއުލްފާމް ތަރައްގީކުރުމުގެ މި ޕްރޮޖެކްޓުގެ ތެރެއިން މިހާރު ބޭނުން ކުރާ ފިއުލް ފާމަށްވުރެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފާމެއް ގާއިމުކޮޮށްފައިވެއެވެ. އަދި ބޯޓުތަކަށް ތެޔޮ އެޅުމަށް ޓަކައި ފިއުލް ހައިޑްރެންޓް ސިސްޓަމެއް ވެސް ގާއިމްކުރާނެއެވެ.
މި ސިސްޓަމަކީ ފިއުލް ފާމުން ފެށިގެން ބޯޓުތައް ޕާކުކުރާ އޭޕްރަންއާ ހިސާބަށް ހޮޅި އަޅައި، އެ މެދުވެރިކޮށް ތެޔޮ އެޅޭގޮތަށް ފަރުމާކުރާ ނިޒާމެކެވެ.
ސީޕްލޭންތަކަށް ވެސް ތެޔޮ އެޅުމުގެ ހިދުމަތް ފޯރުކޮށްދޭނީ ހައިޑްރެންޓް ސިސްޓަމުންނެވެ.
"ފިއުލް ފާމަކީ މިހާރުގެ ފިއުލް ފާމަށް ވުރެ ތިން ގުނަ އިތުރު ޖެޓް އޭވަން ފިއުލް ރައްކާކުރެވޭނެ ތާނގިތަކާއެކު ތަރައްގީކޮށްފައިވާ ފާމެއް. މިހާރު ތެޔޮ ބައުޒަރަކުން އެއް ގަޑިއިރުން ބޯޓުތަކަށް ތެޔޮ އެޅޭއިރު، މި ނިޒާމު ގާއިމުކުރުމުން ފަނަރަ މިނެޓް ތެރޭ ބޯޓުތަކަށް ތެޔޮ އެޅޭނެ،" ޝަމްއާން ވިދާޅުވިއެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި މިހާރު ވެސް ބައުޒަރުތަކަށް ތެޔޮ އެޅުމުގެ މަސައްކަތަށް އާ ފިއުލް ފާމް އަންނަނީ ކޮންމެވެސް ވަރަކަށް ބޭނުންކުރަމުންނެވެ.
ފިއުލް ފާމްގެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވީއައިއޭ ތަރައްގީކުރުމަށް ފެއްޓެވި މެގަ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
ރައީސް ޑރ. މުއިއްޒުވަނީ އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވިއިރު ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ބައްލަވައިލައްވައިފައެވެ.ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވީއައީގެ މަސައްކަތްތައް އަވަސްކުރުމަކީ އެމަކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.