22 Nov 2023, 23:07
މިސްކިތްތަކާ ބެހޭ މަޖިލިސް އަލުން އެކުލަވާލަން މި ސަރުކާރުން ނިންމައިފައިވާކަމަށާއި، އަލުން މަޖިލިސް އެކުލަވައިލެވުމުން އެ މަޖިލީހުގެ ޗެއާކަން ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަޖިލިސް އަލުން އެކުލަވައިލުމާ ގުޅޭގޮތުން އެކްސްގައި މިނސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
މިސްކިތްތަކާ ބެހޭ މަޖިލިސް އެކުލަވައިލަން އަލުން ނިންމެވީ އެހެންވެކަމަސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި އެ މަޖިލީހަކީ މިސްކިތްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާ ދޭ މަޖިލީހެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވަގުތު ރާއްޖޭގައި 1،000އާ ގާތްކުރާ އަދަދަކަށް މިސްކިތް އެބަހުއްޓެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް އާ ސަރުކާރުން ޚާއްސަ ސިޔާސަތުތަކެއް ގެންގުޅޭނެކަމަށް ކެމްޕޭންގެ ތެރޭގައި ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.