21 May 2012, 12:49
ދިވެހި ރެޑްކުރެސެންޓުން އިންތިޒާމްކޮށްގެން ބޭއްވި "އިމަޖެންސީ ފަސްޓް ރެސްޕޮންސް" ކޯސް ފުރިހަމަ ކުރި 64 ވޮލަންޓިއަރަކަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އެ ރަސްމިއްޔާތު އޮތީ ރޭ ނަސަންދުރާ ޕެލަސް ހޮޓަލްގަ އެވެ. އެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޗީފް ގެސްޓް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް އާއި ރެޑްކުރެސެންޓްގެ ސެކްޓަރީ ޖެނެރަލް ރަޝީދާ އަލީ އެވެ.
އިމަޖެންސީ ފަސްޓް ރެސްޕޮންސް ކޯހަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯޔާ ގުޅިގެން، މީހުންގެ ފުރާނައާއި ސިއްހަތަށް ނުރައްކާވާގޮތަށް މާލޭގައި ހިނގާ ހާދިސާތަކުގައި އެހީތެރިވާނެ ފަރާތްތައް ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމް ވިދާޅުވީ ދިމާވާ އެކި ހާދިސާތަކުގައި މީހުންގެ ފުރާނަޔަށް ގެއްލުންވުން އާންމުވެފައިވާ ކަމަށާއި ފުރާނަޔަށް ނުރައްކާވާ ފަރާތްތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.
"ލިބުނު ފިލާވަޅުގެ އެހީގައި އަމަލީ މައިދާނުގައި ހިލޭސާބަހަށް ހިތްވަރާ އެކު މަސައްކަތް ކުރާނެ ފަރާތްތަކެއް މިއަދުގެ މުޖުތަމައުއަށް ބޭނުންވޭ" ތަސްނީމް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ދިވެހި ރެޑް ކުރެސެންޓްގެ ފަންނީ މުވައްޒިފުންނާއި ދަރުމަތްތެރިނާއި އެމްއެންޑީއެފްގެ ބޭފުޅުނާއި ފުލުހުންނާއި ޖީއެމްއާރާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓުސްގެ ބޭފުޅުންނެވެ.