ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލްގެ 11 މަގާމެއް ހުސްވެ، އެ މަގާމުތަކަށް މީހުން އިންތިޚާބުކުރުމަށް އެ ޕާޓީން މިއަދު ހުޅުވައިލައިފިއެވެ.

އެ ޕާޓީން އިއުލާނުކޮށްފައިވާ ގޮތުގައި ހުސްވެފައިވާ މަގާމުތަކަކީ:

  1. ޑެޕިއުޓީ ލީޑަރު

  2. އަންހެނުންގެ ލީގުގެ ރައީސް
  3. ޒުވާނުންގެ ލީގުގެ ރައީސް
  4. ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިޚާބު ކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މެމްބަރުންގެ އަށް މަގާމު
  5. ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިޚާބު ކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް، 155ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެމްބަރުންގެ މަގާމު
  6. ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއާ
  7. ކޮމިޓީ އޮފް ހެލްތުގެ ޗެއާ
  8. ކޮމިޓީ އޮފް ޑިފެންސްގެ ޗެއާ
  9. ކެމްޕެއިން އެންޑް އިލެކްޝަންސް ކޮމިޓީގެ ޗެއާ
  10. ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާ
  11. ކޮމިޓީ ފޯ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއާ

މި މަގާމުތަކުގެ ތެރެއިން މަގާމަކަށް ކުރިމަތިލުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އެ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހެވެ. އޭނާ ކުރިމަތިލާކަށް އިއުލާނުކޮށްފައި ވަނީ، ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށެވެ.

މީގެ އިތުރުން އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކާއެކު މަޝްވަރާ ކުރުމަށާއި އިންތިޚާބު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސް އެ ޕާޓީގެ ކައުންސިލުން ވަނީ ވަގުތީ ކޮމިޓިއެއް އެކުލަވާލާފައެވެ.

އެ ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ:

  • ޤާސިމް އިބްރާހީމް: ޕާޓީގެ ލީޑަރު

  • އަލީ ހުސައިން: ރައްޔިތުންގެ މަޖިލިސް މެމްބަރު
  • އާއިޝަތު ނަހުލާ: ޕާޓީގެ ޑެޕިއުޓީ ލީޑަރު
  • ރިޔާޒް ރަޝީދު: ޕާޓީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު
  • އަހްމަދު ނިހާން ހުސައިން މަނިކު: ޕާޓީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު
  • މުހައްމަދު ޝިހާބު: ޕާޓީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު
  • އަޒްލީން އަހުމަދު: ޕާޓީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު، ޕާޓީގެ ސެކެޓްރީ ޖެނެރަލް

ސިޔާސީ ގޮތުން ޖޭޕީގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް ފަށައިފައިވަނީ މި އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމަށް ލިބިފައިވަނީ 46 ޕަސެންޓު ވޯޓެވެ.

އެއަށްފަހު އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.