ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކައުންސިލަރު ކަމަށް އިންތިޚާބުވުމަށް ފަހު ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫގައިވާ މާއްދާ ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ، ލާމިގޭ މޫސާ އަންވަރެވެ.

މުސާ އަންވަރު މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި މިހާރު އެ މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ. މިހާރު އެ ކޯޓުން ވަނީ މައްސަލައިގެންފައި،" މޫސާ އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓުން މައްސަލައެއް ބެލޭނީ ވަކީލަކު އައްޔަން ކުރުމަށް ފަހު ކަމަށާއި އެ މައްސަލަ އެ ކޯޓުން ބާތިލުކުރީ އޭނާ ވަކީލަކު އައްޔަން ނުކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުން ވަކިވުމަކީ ގާނޫނު އަސާސީ އާއި ޚިލާފު ކަމަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މިނިވަންކަމާ އެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ އިރު ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން ކައުންސިލަރު ކަމުން ވަކިވާ ގޮތަށް އޮތުމަކީ އެ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ވެސް އެމީހަކަށް އެވަގުތަކު ކަމުދާ ކޮންމެ ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމުގެ ހައްގާއި އެއްޕާޓީ އިން ވަކިވެ އެހެން ޕާޓީއެއްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ އިރު ކައުންސިލަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެ ގާނޫނުގައި އޮތުމަކީ އެ މާއްދާ އިން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ހަނިވެގެންދާ ކަމެއް ކަމަށެވެ.

އިންތިޚާބުވެފައިވާ ޕާޓީ ބަދަލުކޮށްފި ނަމަ ކައުންސިލަރު ކަމުން ވަކިވާ ގޮތަށް ލާމުރުކަޒީ ގާނޫނު ބަދަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމުން ނެވެ.

އެ ގާނޫނު އެގޮތަށް ބަދަލުކޮށްފައި ވަނިކޮށް ފިއްލަދޫ ކައުންސިލްގެ ޑީއާރްޕީގެ މެންބަރު އާދަމް އިނާޒު އެމްޑީޕީ އަށް ސޮއިކުރުމުން އޭނާ ކައުންސިލަރު ކަމުން ވަކިކޮށް އެ ދާއިރާގެ ބައި އިލެކްޝަން ވަނީ ބާއްވާފައިފަ އެވެ.

އަދި މާފަރު ކައުންސިލްގެ އެމްޑީޕީ މެންބަރު އަންވަރު އަބްދުލްޣަނީ އެ ޕާޓީން ވަކިކުރުމުން އެ ކައުންސިލްގެ ބައި އިލެކްޝަން ވެސް ވަނީ ބާއްވައިފަ އެވެ.