22 Nov 2023, 15:36
އާސެނަލްގެ ޖަޕާން ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ ގެންދިއުމަށް ބަޔާން މިއުނިކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
'ސްކައި ޖާމަނީ' އިން ރިޕޯޓުކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޓޮމިޔާސޫ ހޯދުމަށް ބަޔާނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުމުރުން 25 އަހަރުގެ ޓޮމިޔާސޫއަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލްގެ ޝައުގުވެރިކަން ހުއްޓިފައިވަނީ އޭނާ ސެންޓާ ބެކް، ރައިޓް ބެކް، އަދި ލެފްޓް ބެކްގައި ފެންވަރު ދައްކާފައިވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޔާނުން ޓޮމިޔާސޫ ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލުން އޭނާ ދޫކޮށްލަން ބޭނުމެއް ނުވެއެވެ. އާސެނަލުން ބަޔާންގެ ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލިޔަސް، ޓޮމިޔާސޫގެ ކަންކަން ގާތުން ބަލައި، ޖެނުއަރީގައި އޭނާގެ ސޮއި ނުހޯދިއްޖެ ނަމަ، އަންނަ ސީޒަނުގައި އޭނާ ގެންދިއުމަށް މަސައްކަތްކުރަން ވެސް ބަޔާން ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓޮމިޔާސޫގެ ކުޅުން އާސެނަލަށް ފާހަގަވެފައިވަނީ އޭނާ އިޓަލީގެ ބޮލޯނާއަށް ކުޅެމުންދަނިކޮށެވެ. ބޮލޯނާގައި ދެ ސީޒަން ހޭދަކުރުމަށްފަހު، އޭނާ އާސެނަލާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އޭނާ ދަނީ 2018 ވަނަ އަހަރުން ފެށިގެން ޖަޕާން ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ.
މިސީޒަނުގެ ކުރީކޮޅުގައި އާސެނަލްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ޓޮމިޔާސޫއަށް އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، އެންމެ ފަހުން އާސެނަލުން ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ މެޗުގައި އޭނާ ފެނިގެންދިޔައެވެ.