ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ޗެއާ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި، 'ހަފުތާ 14'ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސް އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ވަނީ ހިއްސާކޮށްފައެވެ. އަދި، އެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންނާ އެކު މަޝްވަރާކުރެއްވިއެވެ.

'ހަފުތާ 14' ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފުތާ 14' ތަންފީޒުކުރުމަށް އެ ވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވައިފައެވެ.

"ހަފުތާ 14" މަގުޗާޓު ވަނީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނެރުއްވައިފައެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަމަކޮށް ދިނުމަށް ކަނޑައަޅާފައިވާ 161 ކަންތައްތަކަށް ވުރެ ގިނަ ކަންކަން އެ މުއްދަތުގައި ހާސިލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ.