23 Nov 2023, 08:50
ސެން ފްރެންސިސްކޯ (އޭޕީ) - އޯޕަންއޭއައިގެ ސީއީއޯގެ މަގާމުގައި ހުންނެވި ސޭމް އޮލްޓްމަން މަގާމުން ދުރުކުރަން ބޯޑުން ވޯޓު ދިންތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަލުން ސީއީއޯގެ މަގާމަށް ހަމަޖައްސައިފިއެވެ.
އޯލްޓްމަން ސީއީއޯގެ މަޤާމުން ވަކިކުރުމާ އެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްޓާޓްއަޕްގެ މުސްތަގުބަލުގެ ލީޑަޝިޕާ ބެހޭ ގޮތުން ތަފާތުވާހަކަތައް ދިޔައީ މީޑިއާތަކުގައި ދައުރުވަމުންނެވެ.
އޮލްޓްމަން އެނބުރި އައުމާ އެކު އޯޕަންއޭއައިއިން ވަނީ ޑިރެކްޓަރުންގެ ބޯޑު ރީސްޓްރަކްޗާ ކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ޗެއާގެ ގޮތުގައި މަސައްކަތް ކުރައްވާނީ ސޭލްސްފޯސްގެ ކުރީގެ ކޯ ސީއީއޯ ބްރެޓް ޓޭލާއެވެ. މީގެ އިތުރުން ކުރީގެ ޓްރެޜަރީ ސެކްރެޓަރީ ލެރީ ސަމާސް ވެސް ވަނީ އެ ބޯޑާ ގުޅިވަޑައިގެންފައެވެ.
އޮލްޓްމަން މިދިޔަ ހުކުރު ދުވަހު މަގާމުން ވަކިކުރީ އޭނާގެ ލީޑާޝިޕް އެޕްރޯޗާ މެދު ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ވަކިކުރުމާ އެކު، އޯޕަންއޭއައިގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ.
މީގެ އިތުރުން އޯޕަންއޭއައިގެ 700 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މުވައްޒަފުންހެން ވަނީ އޮލްޓްމަނަށް އަލުން ވަޒީފާ ނުދީފިނަމަ ވަޒީފާއިން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ.
އޮލްޓްމަން އަލުން އަނބުރާ އެ މަގާމަށް ގެނައުމަށް އޯޕަންއޭއައިއަށް މަޖުބޫރުވި އެއްކަމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭރުގެ އިންވެސްޓަރު، މައިކްރޮސޮފްޓުން ބާރުއެޅުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ ވަނީ އޯލްޓްމަން އާއި އެހެނިހެން މުވައްޒަފުންނަށް ވެސް މައިކްރޯސޮފޮޓުން ވަޒީފާ ދޭން ހުށަހަޅައިފައެވެ.
އާޓިފިޝަލް އިންޓެލިޖެންސަށް މުޅި ދުނިޔޭގައި ވެސް ހީނުކުރާ ވަރުގެ މަގުބޫލުކަމެއް ލިބިފައިވާ ދުވަސްވަރެއްގައި އޯޕަންއޭއައިއަށް މިއައި ހަލަބޮލިކަން ވަނީ މުޅި ދުނިޔޭގެ ސަމާލުމަށް އައިސްފައެވެ. އޮލްޓްމަން އަލުން އިއާދަކުރުމަކީ އޯޕަންއޭއައިއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.