21 May 2012, 11:16
ދީނީ އިލްމްވެރިންގެ މައްޗަށް އެކުލެވޭ ފިގުހު އެކަޑަމީ ވަރަށް އަވަހަށް އެކުލަވާލައި އެ އެކަޑެމީގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭވަރުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިސްޓްރީ އިން ވޭތުވެ ދިޔަ 100 ދުވަހު ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ ފިގުހު އެކަޑަމީގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ދީނީ އިލްމުވެރިންނަށް އައު އެކަޑަމީން ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ އިލްވެރިންނަށް ދައުވަތު އަރުއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފިގުހު އެކަޑަމީ އެކުލަވާލަމުން ދާއިރު މިހާރު އޮތް ފިގުހު އެކަޑަމީގެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ދައުވަތު އަރުވާނަން. އެބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފިގުހު އެކަޑަމީ ތަރައްގީކޮށް އިސްލާހުކުރުމަކީ ސަރުކާރުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށާއި އެ އެކަޑަމީ އަށް އަލުން މެންބަރުން ނަންގަވާއިރު ކަމާނުގުޅޭ ބޭފުޅުން އަތުވޭދާނެ ކަމުގެ ކަން ބޮޑުވުން ބައެއް ފަރާތްތަކުން ކުރާ ކަމަށާއި ނަމަވެސް ފިގުހު އެކަޑަމީ އެކުލަވާލައްވާނީ ގާބިލު ބޭފުޅުންގެ މައްޗަށް ކަމަށެވެ.
"ފިގުހު އެކަޑަމީ ތަރައްގީކޮށް، އިސްލާހުކުރުން އެއީ ވަރަށް މުހިންމު މަގުސަދެއް. އެންމެ ބޮޑު ކަންބޮޑުވުމަކަށް ބައެއް ބޭފުޅުން ]ފާހަގަކުރަނީ[ ފިގުހު އެކަޑަމީ އެކުލަވާލާއިރުގައި ކަމާ ނުގުޅޭ މީހުން އަތުވެދާނެ ކަމަށް. ބައެއް ބޭފުޅުންގެ ކޮންސާނެއް އެއީ. އަޅުގަނޑުމެންނަށް އިނގޭ ފިގުހު އެކަޑެމީގައި ތިބެން ޖެހޭނީ ކޮންކޮން ބައެއްކަން. ފިގުހު އެކަޑަމީ އުފެއްދި މީހުން މިތާވެސް މިތިބީ. އަޅުގަނޑުމެންނަށް އެނގޭ ފިގުހު އެކަޑަމީ އަކީ ކޮންކަހަލަ އެއްޗެއްކަން އެކަޑަމީ ދަތުރުކުރާ މަންޒިލަކީ ކޮބައިކަން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ފިގުހު އެކަޑަމީ ހިނގަމުން އައިސްފައި ވަނީ އެ އެކަޑަމީ އެކުލަވާލުމުގައި ހަދާފައި ހުރި އުސޫލުތަކާ އެއްގޮަށް ނޫން ކަމަށާއި އެ އުސޫލުތަކަށް އޭރު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އަލަށް އެކުލަވާލެވޭ އެކަޑަމީ ހިނގާނީ ފިގުހު އެކަޑަމީއެއް ހިނގަން ޖެހޭ އުސޫލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިގުހު އެކަޑަމީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކެބިނެޓުން ވަނީ ވަޒީރުންގެ ސަބް ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އަލީ ސައީދާއި ހޯމް މިނިސްޓަރު ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި ހައުސިންގް މިނިސްޓަރު ޑރ. މުޙަންމަދު މުޢިއްޒެވެ.
ދެހާސް ނުވަ ވަނަ އަހަރު ފިގުހު އެކަޑަމީ އެކުލަވާލި ފަހުން އެ އެކެޑެމީން މިހާތަނަށް ވަނީ ދީނީ އެކި މައްސަލަތަކުގައި ހަތަރު ގަރާރެއް ނެރެފަ އެވެ.