22 Nov 2023, 13:03
ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ އެކުލަަވައިލެއްވި ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނަވާ، ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް، ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފިއެވެ.
ޕީޕީއެމްއިން ރޭ ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިިވެރިވި މެމްބަރުންގެ ތެރޭގައި މަލީހްއާއި، ކުރީގެ ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ އިތުރުން އެ ޕާޓީގެ ސެެނެޓުގެ ބައެއް މެމްބަރުން ހިމެނެއެވެ.
މަލީހު ރޭ ވިދާޅުވީ މިއީ ޕީޕީއެމް އާ ޒަމާނަކަށް ގެންދިއުމުގެ މަސައްކަތް ފަށައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ތަހައްމަލުކުރި ނުހައްގު އަނިޔާއާ ދެކޮޅަށް ކުރާ ކަމެއްކަމަށެވެ. މަލީހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޕީޕީއެމް، ޕީއެންސީގެ މެމްބަރުން ވޯޓު ދިނީ ރައީސް ޔާމީންގެ ދިފާއުގައިކަމަށެވެ. އެއީ ރައީސް ޔާމީން މިނިވަންކުރުމަށް ދިން ވޯޓެއްކަމަށް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސޮއި ކުރައްވައި މަލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ސެނަޓަރެއްގެ މަގާމުގައި ހުންނަވައި މަލީހް، ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައި ކުރަން މަސައްކަތް ކުރާކަން ލީޑާޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ޕާޓީގެ ލީޑާޝިޕަށް ނުވަތަ ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލަފުޅަށް ކޮމެޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ލީޑާޝިޕް ނުވަތަ ޕާޓީގެ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމު ކޮށް، ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް މަނިކުފާން ވަނީ ކުރައްވައިފަ،" ސިޓީގައިވެއެވެ.
އިތުރަށް ސިޓީގައި ވިދާޅުވެފައިވަނީ އެކަންކަން މަލީހް ކޮށްފައިވާ ކަމަށް ލީޑާޝިޕަށް ގަބޫލު ކުރެވޭތީ ޕާޓީގެ ހަރަކާތްތަކުން މަލީހް ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.
"މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމެޓީން ގޮތެއް ނިންމަންދެއް ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަން ވެސް އެންގީމެވެ." ސިޓީގައި ވެއެވެ.
ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވިދާޅުވެ މަލީހްމެން ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންނަށް ނޭނގިއެވެ.