މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ފެށި ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވެއްޖެއެވެ.

އަލްޖަޒީރާ ނޫހުގައި ވާގޮތުން، އިސްރާއީލުން އެއްބަސްވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހަތަރު ދުވަހަށް ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި 50 އަސީރުން މިނިވަން ކުރުމަށެވެ.

މި އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރަން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ މާނައަކީ ހަނގުރާމަ ހުއްޓައިލުން ނޫން ކަމަށާއި، ހަނގުރާމަ މެދުކަނޑައިލީ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް ވަށައިގެންނާއި އެންކްލޭވްގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ވެސް ހިމެނޭ ގޮތަށް ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއިލުން ވަނީ ބޮން އަޅައި، އެތައް ހާސް މީހުންނެއް ޝަހީދު ކޮށްލައިފައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި 14،100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 30،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.