22 Nov 2023, 10:13
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމުގެ މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މާދަމާ ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ސައޫދީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރައީސް އެ ގައުމަށް ކުރައްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅާ ގުޅޭ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދަތުރުފުޅުގައި ރައީސް ސައޫދީއަށް ވަޑައިގަންނަވާއިރު ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފައެވެ.
މި ނިންމުން ނިންމައިފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގެ މައުލޫމާތު ހާމަކުރަމުން އެ ގައުމުގެ ގައުމީ ނޫސް އޭޖެންސީކަމަށްވާ "ވާސް"އިން ބުނީ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވަނީ ރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއި ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުވައިކުރެއްވުމުގެ ގޮތުން އޮތް ޖަލްސާއަށް ވެސް ސައުދީގެ ފަރާތުން ޚާއްސަ މަންދޫބެއްވަނީ ވަޑައިގެންފައެވެ. ސައުދީގެ ފަރާތުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ އެ ގައުމުގެ އިކޮނޮމީ އެންޑް ޕްލޭނިން މިނިސްޓަރު ފައިސަލް ބިން ފާދިލް އަލް އިބްރާހީމެވެ.
އެއަަށްފަހު ފައިސަލްވަނީ ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައި ވިޔަފާރިއާ އިގްތިޞާދުގެ ދާއިރާ އާއި އެ ނޫން ގިނަ ދާއިރާތަކަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާ ކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޔޫއޭއީއަށެވެ. މި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ޔޫއޭއީއިން ދިނެވެ.