އިޤުތިޞާދީ ހާލަތު އޮތް ގޮތުން، ވީހާ ވެސް ޚަރަދު ކުޑަކުރަން ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

މި އަހަރުގެ ބާކީ އޮތް ތަނަށް އާ ސަރުކާރުން 200 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ. ނޫން ނަމަ، އިޤުތިޞާދު މެނޭޖު ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. އަދި، އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުގައި ވެސް އެ އަހަރަށް 500 މިލިއަން ޑޮލަރު ހޯދަން ވަނީ ރާވައިފައެވެ. އެ ފައިސާ ނުހޯދިއްޖެ ނަމަ އިތުރަށް ޚަރަދު ކުޑަކުރަން ޖެހޭނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ ގުޅިގެން މާލީ ވަޒީރު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 50 މިލިއަން ޑޮލަރު ހިމަނާފައިވާ ކަމަށެވެ. އެއީ، ބަޖެޓަށް އޮތް އިތުރު ނުރައްކަލެއް ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއީ އަމާޒެއް ކަމުގައި ބަލައިގެން، މި މިންވަރަށް ހިލޭ އެހީ ހޯދަން،" ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ވަޒީރު ވިދާޅުވީ، އަންނަ އަހަރަށް އެކުލަވައިލާފައިވާ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޝަފީގު ވިދާޅުވީ، ސިޔާސަތުތަކަށް ބަދަލު ނުގެނެސް ހަމައެކަނި ބަޖެޓްރީ ކޮންޓްރޯލްތަކުން ބޭނުންވާ މިންވަރަށް ފައިސާ ރައްކާ ނުކުރެވޭނެ ކަމަށެވެ.

"ވީ އެންމެ ބޮޑަކަށް ޚަރަދު ކުޑަކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރަމުން ދިއުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް އަޅުގަނޑު އިލްތިމާސްކުރަން،" ވަޒީރު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، އަންނަ އަހަރަށް ލަފާ ކުރި ބަޖެޓުގައި އާ ސަރުކާރުގެ ހުރިހާ މަޝްރޫއެއް ހިމަނާފައިނުވި ނަމަވެސް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދަން ރާވާފައިވާ 458 މަޝްރޫއަކަށްވާ 1.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ. އެހެންވެ، އެ ބަޖެޓާ އެކު އާ ސަރުކާރުގެ މަޝްރޫއުތައް ފަށައިގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަމާޒަކީ މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން. ނަމަވެސް މި އަހަރު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހަށް އަންނަ އަހަރުގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން،" ޝަފީގު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ހޯދަން ރާވާފައިވާ މިންވަރަށް ފައިސާ ނުލިބިދާނެތީ ކަމަށެވެ. އެކަމަކު، އެ މަސައްކަތް އާ ސަރުކާރުން މިހާރު ވެސް ފަށާފައިވާކަން ޝަފީގު ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އަދި، ބަޖެޓުގައި އަންދާޒާ ކުރި މިންވަރަށް ފައިސާ ނުލިބިއްޖެ ނަމަ ދެން ކަންކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފައިސާ ނުލިބިއްޖެ ނަމަ، ދެން އޮންނާނެ ގޮތަކީ ޚަރަދު އިތުރަށް ކުޑަކުރުމާ އެކު މެނޭޖުކުރުން،" ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 49.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެއީ، ޚަރަދުގެ ގޮތުގައި 46.3 ބިލިއަން ރުފިޔާއެވެ. އަދި، ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 2.2 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ އެންމެނަށް ލިބޭ ކަރަންޓާއި ތެލާއި ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމެވެ. އަދި، އާސަންދައިގެ ނިޒާމުން ކުރާ ހޭދަ ވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމެވެ.