އެ ހުރިހާ އެއްޗަކަށް އަތުން އިޝާރާތް ކޮށްލާފައި ޑޮކްޓަރ ޖޭމީ ބުނެލި ވާހަކައާއެކު މުނީރަށް ސިހުން ލިބުނެވެ.

ޑޮކްޓަރުގެ ވާހަކަ ގަބޫލުނުކުރެވިފައި އިން ފަދަ ގޮތަކަށް މުނީރު އިންއިރު، ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ވެސް ނޭނގި އޭނާއަށް އިނދެވުނެވެ.

"ޔެސް! މި ރިޕޯޓްތަކުން މި ދައްކަނީ މުޅިން ތަފާތުކޮށް. ހަޤީގަތުގައި މައާލްގެ ލޮލާ ސިކުނޑިއާ ގުޅުވައިދޭ ނާރުތައް ހަލާކުވެފައެއް ނެތް. ގިނަ ދުވަސްވީމަ ފަރުވާ ނުދެވުނީމަ އެކަމުގެ އަސަރުތައް ކޮށްފަ އެބަހުރި. ނަސީބެއް އަވަހަށް އާދެވުނުކަން. އެހެންނޫނީ މާލަސްވީސް." ޑޮކްޓަރު ޖޭމީ އޮޅުން ފިލުވައިދިނެވެ.

"އެކަމަކު… އޭރު ޑޮކްޓަރު ދިން ރިޕޯޓްސް ތައް ތީ؟" މުނީރަށް ބުނެވުނެވެ.

"އާނ. ރިޕޯޓްތައް އޮޅުނީކަަމަށް ގަބޫލުކުރަންވެސް އުނދަގޫ. ޑޮކްޓަރ ސްޓެފަންއަކީ ވެސް މޮޅު މީހެއް." ޖޭމީ ބުނެލުމުން ހައިރާންވެފައި މުނީރަށް އިނދެވުނީއެވެ.

"ވީ އެންމެ އަވަހަކަށް އޮޕަރޭޝަންކުރުން ރަނގަޅުވާނީ. އޭގެ ކުރިން އެކަމަކު ހަދަންޖެހޭ ޓެސްޓްތައް އެބަހުރި. ލަސްކުރާނަމަ ލޮލަށް މާ ބޮޑަށް ނުރައްކާ ވެދާނެ. މިއަދު ލިޔެލަދޭނަން ބޭހެއް. ބޭހުން ޙާލަތު އިތުރަށް ގޯސް ނުވުމަށް އެހީވެދޭނެ. ކުރިން އެނގުނު ނަމަ މާ ބޮޑެތި ކޮންޕްލިކޭޝަންތަކަކާ ނުލާވެސް ސާރޖަރީ ހެދުނީސް. މިހާރުގެ ޙާލަތަށް ބަލާފަ ބައެއް ކޮންޕްލިކޭޝަންސް އަތުވެދާނެ." ޑޮކްޓަރ ޖޭމީ އޮޅުން ފިލުވާލަ ދިނެވެ.

"ސާރޖަރީގެ ކުރިން އެ ހުރިހާކަމެއް އެނގެން އަޅުގަނޑު ބޭނުން. އެކަމަކު ހިތަށް އަރަނީ ކިހިނެއްހޭ މިހާ ބޮޑު ތަފާތެއް ރިޕޯޓްތަކުން ދައްކަންވީ؟ އަނެއްކާ އެއީ ވެސް މޮޅެތި ޑޮކްޓަރުން ތިބޭ ހޮސްޕިޓަލެއް. ލަންޑަންގެ އެންމެ މަޝްހޫރު އެއް ހޮސްޕިޓަލް އެއީ…" މުނީރުގެ އަޑުގައި އަދިވެސްވަނީ ހައިރާންކަމެވެ. ޑޮކްޓަރު މުނީރަށް ސާރޖަރީއާއި ދިމާވެދާނެ ކޮމްޕްލިކޭޝަންސްތަކުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. ޑޮކްޓަރުގެ ވާހަކަ އަޑު އަހަން އިން މުނީރުގެ ހިތަށް ފިނިކަމެއް ލިބުނީ މައާލްގެ ލޮލަށް ފެނުމާމެދު އުންމީދެއް ލިބުމުންނެވެ. އޭނާ ހެއްދެވި ފަރާތަށް އެތަކެއް ފަހަރަކު ޙަމްދުކުރިއެވެ.

ޑޮކްޓަރުގެ ކޮޓަރިން ނުކުތް މުނީރު ވަނީ އެ ޚަބަރު މައާލްއަށް ދިނުމަށް ކެތް މަދުވެފައެވެ. މައާލް އެކަމާ މެދު ހާސްވެ ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް އަންދާޒާކޮށްލެވޭތީއާ ވެސް އެކުގައެވެ. ރާދިންއާ އެ ވާހަކަ ހިއްސާކުރަން މުނީރުގެ ހިތް އެދުނު ނަމަވެސް، މައާލް ބުނާ އެއްޗެއް ބެލުމަށް އޭނާ ބޭނުންވެއެވެ. މައާލްގެ ފިރިމީހާއަށް ރާދިންވާއިރު، އެ ކަންތައް އެނގުމުގެ ހައްޤު އޮތްކަމަށް ގަބޫލުކުރެވުނު ނަމަވެސް، މުނީރު ބޭނުންވަނީ އެންމެ ފުރަތަމަ މައާލް ބުނާ އެއްޗެއް ބެލުމަށެވެ. ގެއަށް ދިޔައިރު، ބޮޑުކޮޓަރީގައި މައާލް، އިންއިރު، އޭނާގެ ކައިރީގައި އެމާ ވެސް އިނެވެ.

"މައާލް… " ސޯފާގައި އިށީނދެފައި މުނީރު ގޮވާލިއެވެ.

"ބައްޕާ! ކިހިނެއްވީ؟ ރިޕޯޓްތައް… ރިޕޯޓްތައް އޯކޭތަ؟ ކީކޭ ޑޮކްޓަރު ބުނީ؟" މުނީރު ހޮސްޕިޓަލަށް ދިޔައީއްސުރެ، އެކަމާ މެދު ވިސްނެމުން ދިޔަ މައާލްއަށް އެއްފަހަރާ އެތަކެއް ސުވާލެއް ކޮށްލެވުނެވެ. އެ އަޑުގައި ހާސްކަން ވި ނަމަވެސް، އުންމީދުގެ އަސަރު އެ އަޑުން ހާމަވަމުން ދިޔައެވެ. މުނީރުގެ ޖަވާބެއް އަޑު އަހަން ކެތްތެރިކަން ކުޑަވެފައިވާ މިންވަރު އެނާގެ މޫނުމަތީގައިވީ އަސަރުތަކުން އެކަނިވެސް ދޭހަވެއެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ މައާލް ދިޔައީ ދެއަތް ދެއަތާ މޮޑެމުންނެވެ. އެއީ އޭނާގެ އެންމެ ފަހުގެ އުންމީދެވެ.

"ސާރޖަރީއަކަށް ރިކޮމެންޑްކުރީ. ކާމިޔާބު ވެއްޖެނަމަ މައާލްގެ ދެލޮލަށްވެސް ފެންނާނެކަމަށް ޑޮކްޓަރު ބުނީ. މައާލްގެ ލޮލުގެ ޙާލަތު ހީކުރިވަރަށް ވުރެ މާ ރަނގަޅު. އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ހާސްނުވޭ…" މުނީރު ބުނެލުމާއެކު، މައާލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެ މޫނުމަތިން ފެންނަނީ ހިތާމަޔާއި އުފާ އެއްވުމުން ފެންނާނެ ފަދަ އަސަރުތަކެެކެވެ. ރާދިންގެ ބޭވަފާތެެރިކަމަށްފަހު، އެހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނު ޚަބަރަކީ އެއީއެވެ. އޭނާއަށް މާތް ﷲއަށް ޙަމްދުކުރެވުނެވެ. ހިތުގައި ވި ނުތަނަވަސްކަން ލުއިވެގެން ދިޔައެވެ.

"ރާ.. ރާދިންއަށް އެނގޭތަ؟" މައާލްއަށް އެ ސުވާކުކޮށްލެވުނީ އޭނާގެ ލޮލުގެ ފަރުވާކުރުމަށްޓަކާ އެ މަސައްކަތް ފެށީ ރާދިން ކަމަށްވީތީއެވެ. ރާދިން އެގޮތަށް ކަންތައްނުކުރިނަމަ، މިއަދުވެސް އޭނާގެ މާޔޫސްކަމަށް ބަދަލެއް ނައީހެވެ. ރާދިން އޭނާއާ މެދު ވިސްނާކަމުގައި ހިތް ބުނަމުން ދިޔައިރު، ރާދިންގެ ވާހަކަތައް އަޑު އެހުމަށް އެ ހިތް އޭނާއަށް މަޖުބޫރުކުރަން ފެށިއެވެ. މައާލްގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ގޮތެކެވެ. އެހިތުގައި ވާ ލޯބި ފަނޑެއް ނުވެއެވެ. އެހެންނަމަވެސް، ސަޖާގެ ހަނދާންވުމާއެކު، އޭނާގެ ހިތުގައި އުފެދެން ފެށި އެ އިޙްސާސްތަކުގެ މައްޗަށް، ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެއް އަތް ގަދަ ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އެ ލިބުނު އުފާ ރާދިންއާ ހިއްސާކުރަން އޭނާގެ ހިތް ދެކޮޅު ހެދިއެވެ.

"ރާދިން ކައިރީގައި އަދި ބައްޕަ އެއްވެސް ވާހަކައެއް ނުދައްކަން. އެންމެ ފުރަތަމަވެސް މިއައީ މައާލް ކައިރިއަށް." މުނީރު މައާލްއަށް ބަލައިލިއެވެ.

"އަޅުގަނޑު ބޭނުމެއްވެސް ނޫން ރާދިންއަށް އެއްވެސް ކަމެއް އަންގާކަށް." ހިތުގައި އުފެދުނު ރިހުމާއި ވޭން ރުޅިވެރިކަމާއި ގޮތް ދޫނުކުރުމުގެ ސިފަ މައާލްގެ ގައިގައި އަށަގަންނުވަނީއެވެ. އެ ވާހަކަ ރާދިންއާ ހިއްސާކުރަން އޭނާ ބޭނުންނުވީ އެހެންވެގެންނެވެ. ވޭނާ ތަކުލީފަކީ އިންސާނާގެ ހިތް ބަދަލުކޮށްލާ އެއްޗެކެވެ. މައާލްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އެންމެ ލޯބިވާ މީހާގެ ފަރާތުން އެފަދަ ދެރައެއް ލިބުމުން ކިތަންމެ ކެތްތެރި މީހާވެސް، ބަދަލުވެދާނެއެވެ. އެއީ އިންސާނީ ތަބީއަތެވެ.

"މައާލްއަށް ފެންނަ ގޮތަކަށް ކަންތައްކުރީމަ ރަނގަޅުވާނެ. ބައްޕަގެ މައްސަލައެއް ނެތް." މުނީރު ބުންޏެވެ. މުނީރުގެ އަޑުގައި މަޑުމޮޅިކަން ވާކަން މައާލްއަށް ވެސް އިޙްސާސްވެއެވެ. ދަރިންދެކެ މައިންބަފައިން ލޯބިވާނެއެއް ނޫންހެއްޔެވެ؟

"ބައްޕަ ރާދިންއާ ވާހަކަ ދެއްކިޔަސް އަޅުގަނޑުގެ ނޯންނާނެ މައްސަލައެއް. ރާދިންއާ ބައްޕަ ދުރުވަނީ އަޅުގަނޑާ ހެދިހެން އިޙްސާސްވޭ…" މައާލް މަޑުމަޑުން ބުނެލިއެވެ. އޭނާ ކަންބޮޑުވަނީ އެ ދެމެދުގައި އެހާ ދުރުމިނެއް އައީ އޭނާގެ ސަބަބުންހެން ހީވާތީއެވެ.

"ރާދިންއަށް ވެސް އިޙްސާސްކޮށްދޭން ޖެހޭނެ އެ ކުރެވުނީ ކިހާ ބޮޑު ކުށެއްކަން. ރާދިންއާ މެދު މިގޮތަށް ކަންތައް ކުރަނީ ނަފްރަތު ކުރާތީއެއް ނޫން. ބައްޕައަށް ދަރިއަކަށް ނަފްރަތު ކުރެވޭނެތަ؟ ގޯސްކަމެއް ކުރީމަ އަންގައިދޭން ތިބޭނީ ވެސް ބައްޕަމެން. ހަޤީގަތުގައި ރާދިންއާ ކުރިމަތިލާން ބައްޕައަށް ވެސް އުނދަގޫ. އަދި މައާލްއާ ވެސް. ބައްޕަގެ ދަރިއެއްގެ ސަބަބުން ނުކުޅެދޭ އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވީ. ރާދިންގެ މަންމައާ ރާދިއު މަތިން ހަނދާންވަނީ. އެ ދެމީހުން ކުރެ ކޮންމެވެސް އެކަކު ހުރިނަމަވެސް، ރާދިން އެ ފަދަ ނުބައި މަގެއް ޚިޔާރު ނުކުރީސް ކަންނޭނގެ." މުނީރުގެ އަޑުގައި އިންތިހާ ދަރަޖައިގެ ވޭން ވާއިރު، އޭނާއަށް އަދިވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ. އޭނާގެ ތަރުބިއްޔަތާ މެދު އަމިއްލަ ނަފްސާ ސުވާލުކުރެވެއެވެ. މުނީރުގެ އެ ވާހަކައަށް ދޭނެ ޖަވާބެއް މައާލްއަކަށް ނޭނގުނެވެ. އޭނާ މުނީރަށް ޝުކުރުއަދާކުރާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އޭނާގެ ހައްޤުގައި މުނީރު އެކޮށްދޭ ކޮންމެ ކަމަކުންވެސް މުނީރުގެ ރިވެތި ސިފަތައް މައާލްއަށް ފާހަގަވެއެވެ.

"އަޅުގަނޑާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް މިހިސާބަށް އައުމުގައި މެދުވެރިއަށްވީ ރާދިން. ރާދިންއަށް މިކަން އެނގުމުގެ ހައްޤު އޮންނާނެ ކަމަށް ގަބޫލުކުރަން، އަޅުގަނޑު އަމިއްލައަށް އެއްވެސް ކަމެއް ކިޔައިދޭކަށް ބޭނުމެއް ނޫން. ބައްޕަ ބުނެދެއްވާ ރާދިން ކައިރީގަ. އެކަމަކު ރާދިން އަޅުގަނޑު ކައިރިއަށް އަންނާކަށް ބޭނުމެއް ނޫން." މައާލް އެހެން ބުނެލީ މުނީރުގެ ވެސް ހައްޤުގައެވެ. މުނީރުގެ އަޑުން ވޭން އޭނާއަށް އިޙްސާސްވެއެވެ. މައާލް ބޭނުންވާ ގޮތް މުނީރަށް ފަހުމްވުމާއެކު، އޭނާ އެގޮތަށް ކަންތައް ކޮށްދޭނަމޭ ބުންޏެވެ.

މުނީރު ނުކުމެގެން ދިޔުމުންވެސް މައާލްއަށް އެތަކެއް އިރަކު ވިސްނަން އިނދެވުނެވެ. ބަނޑުގައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް އޭގެ މަޤާމުދޫކޮށް ފައިބައިގެން ދިޔުމުގެ ކުރިން މައާލް އޭނާގެ ދެލޯ ފުހެލިއެވެ.

****

މާހިލް ރާދިންއާ ދިމާކޮށްފައި، ފުއާދާ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާކުރުމުން، ރާދިންގެ ދެބުމަ ގޮށް ޖެހުނެވެ.

"އަހަންނަށް މިހާރު ޔަޤީންވެއްޖެ އެކަން އެ ކުރަނީ އޭނަކަން." ރާދިންގެ އަތް ވަނީ މުށްކެވިފައެވެ. ދުލުން ސީދާ އެހެން ނުބުނި ނަމަވެސް، އެމީހަކީ ފުއާދެވެ.

"އަހަރެން އަދިވެސް ބަލާނަން." މާހިލް ބުންޏެވެ.

"ތޭންކްސް ބަޑީ… ހުރިހާކަމަކަށް." ފުންނޭވާއެއް ދޫކޮށްލާފައި ރާދިން ބުންޏެވެ. ކޮފީގައި އިނދެފައި ރާދިން ގެއަށް ދިޔައީ އޮފީހަށްވެސް ގޮސްލާފައެވެ. އޭރު ހަވީރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. އެއްޗެއް ކާލައިގެން ފެންވަރާ ތާޒާވެލައިގެން ކޮޓަރީގައި ހުރި ސޯފާގައި ރާދިން ޖައްސާލިއެވެ. ފޯނު ހުޅުވާލާފައި މައާލްގެ ފޮޓޯތަކައް ބަލަން ފެށިއެވެ. މައާލް މަތިން އޭނާ އިންތިހާ ހަނދާންވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް މަޖުބޫރުވެފައިވަނީ ހިތުގެ އެދުމާ ދެކޮޅަށް މައާލްއާ ވަކިން އުޅުމަށެވެ. އެހެންނަމަވެސް، އެގޮތުގައި އޭނާއަށް ކެތްވާނީ ކިހާ ދުވަހަކު ހެއްޔެވެ؟ މި ހުރިހާކަމެއްގެ ތެރޭގައި އޭނާ މޮޔަ ވެދާނެއެވެ. ރޭގަނޑު ނިދިން އޭނާ މަހުރޫމްވަނީ މައާލްގެ ހަނދާންތަކުންނެވެ. ހިތުގައި ރިއްސަނީ މައާލްއަށް ބޭވަފާތެރިވެވުނީތީއެވެ. މާޔޫސްވަނީ މައާލް އުމުރަށް ގެއްލޭނެތީއެވެ. ރާދިންގެ މުޅި ދުނިޔެވެސް ވަނީ ބަނަވެފައެވެ. މާޒީގެ ހިޔަނި ވަނީ ހަމަ ރަނގަޅަށްވެސް އޭނާގެ ޙަޔާތަށް އެޅިފައެވެ.

އެހެން އޮއްވާ މުނީރުގެ ފޯނު ކޯލެއް ރާދިންއަށް ލިބުނެވެ. ގުޅީ މުނީރުކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލެވުނެވެ.

"ރާދިން… މައާލްގެ ޓެސްޓްތައް ހަދައިިފިން." މުނީރު އެހެން ބުނުމާއެކު އޭގެ ނަތީޖާ އެނގެން ރާދިން ކެތްމަދުވިއެވެ.

"ކިހިނެއްވަނީ ރިޕޯޓްތައް؟ ރަނގަޅުތަ؟' ރާދިންއެ ސުވާލުކޮށްލި އިރު، އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

"އަލްޙަމްދުލިއްލާހި! ރިޕޯޓްތައް ރަނގަޅު، ކުރީގެ ރިޕޯޓްތަކަކީ މުޅިން ނުބައި ރިޕޯޓްތަކެއްކަމަށް ވަނީ. މައާލްގެ ލޮލާ ސިކުނޑިއާ ގުޅުވައިދޭ ނާރުތަކަށް ނެތް އެބުނާވަރުގެ ގެއްލުމެއް ލިބި އެކީ ހަލާކުވެފައެއް. ސާރޖަރީއަށް ފަހު މައާލްގެ ދެލޮލަށް ފެންނާނެކަމުގެ އުންމީދު ލިބިއްޖެ." މުނީރު އެހެން ބުނެލުމާއެކު، ރާދިންއަށް ވެސް ﷲ އަށް ޙަމްދުކުރެވުނެވެ. ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލުމާއެކު އޭނާ މައާލްއާ ބެހޭގޮތުން ސުވާލުކުރިއެވެ.

"އަޅުގަނޑު ބޭނުން އެންމެ އަވަހަކަށް ދާން." ރާދިންއަށް ބުނެވުނެވެ. މައާލްއާ ދުރުގައި ހުންނަން އޭނާއަށް ދެނެއް ކެތެއް ނުވާނެއެވެ.

"މައާލް ބޭނުމެއް ނޫން ރާދިން އަންނާކަށް." މުނީރުގެ އެ ވާހަކައާއެކު، ރާދިން މާޔޫސްވިއެވެ.

"ދެން ކޮން އިރަކަށް ސާރޖަރީ ޝެޑިއުލް ކުރީ؟" ހިމޭންވެފައި އިރުކޮޅަކު ހުރި ރާދިން ހަމަޖެހެމުން ސުވާލު ކޮށްލިއެވެ.

"މާދަން އަދި އިތުރު ޓެސްޓެއް ހަދަންޖެހޭ، އެއަށްފަހު ސާރޖަރީ ޑޭޓް ކަނޑައަޅާނީ." މުނީރު ޖަވާބު ދިނެވެ. ރާދިންގެ އަޑުން އޭނާ އެ ޙާލަތުގައި މައާލްއާ އެކު ވާން ބޭނުންވެފައިހުރި ވަރު އޭނާއަށް އަންދާޒާކޮށްލެވެއެވެ.

"އެ ވާހަކަ ބުނަން ވެގެން ބައްޕަ މި ގުޅާލީ…" މުނީރު ފޯނު ބޭއްވުމާއެކު، ފޯނު މޭ މަތީގައި ބާއްވާލަމުން ނިތުގައި އަތް ޖައްސާލައިގެން އެތަކެއް އިރަކު ރާދިންއަށް އޮވެވުނެވެ. މައާލްއާ ދުރުގައި އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް މައާލްއާ މެދު ނުވިސްނަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވެއެވެ. މައާލްގެ ސާޖަރީ ކުރާއިރު، އޭނާ އެތަނުގައި ހުންނަން ވަަރަށް ބޭނުމެވެ. ހިތާ ނަފްސާ ކުރެވެމުންދާ ހަނގުރާމައިގެ ތެރޭގައި ރާދިން ހީވަނީ މޮޔަވެފައިވާހެންނެވެ. ކުއްލިއަކަށް ތެދުވެ އިށީނުމާއެކު، ފޯނު ނަގާ އޭނާ މީހަކަށް ގުޅާލިއެވެ.

"ބަލާ ދީބަލަ އެންމެ އަވަހަށް ލަންޑަނަށް ދާ ފްލައިޓަކުން ޓިކެޓެއް ލިބޭތޯ؟" އޭނާއަކަށް ދެން ކެތެއް ނުވާނެއެވެ. މައާލް ނުރުހުނަސް، އޭނާލަންޑަނަށް ދާނެއެވެ. ފޯނު ބާއްވަމުން ސޯފާ މައްޗަށް އެއްލާލުމާއެކު، ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. މައާލްއަކީ އަދިވެސް އޭނާގެ އަނބިމީހާއެވެ. ވަރި ނުކުރަންޏާ އެ ނާޒުކު ދަނޑިވަޅު މައާލްގެ ގާތުގައި އޭނާއަށް ހުރެވެންވާނެއެވެ. ޖަޒުބާތީ ވިސްނުން ތަކުން ސިކުނޑި ތޮށްޖެހެމުންދިޔަ ރާދިންއަށް ސަޖާގެ މަތިން ވެސް ހަނދާންވާ ގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ މައާލްއާ މެދު ކަންބޮޑުވެފައެވެ. މައާލްގެ ކައިރީގައި ހުންނަން ބޭނުންވެފައެވެ. މައާލްގެ ދެލޮލަށް ފެންނާނެ ދުވަހަކީ އޭނާގެ ޙަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި ދުވަހަށް ވާނެއެވެ.

އެފަދަ ވިސްނުންތަކެއްގައި އޮއްވާ އޮފީހުގެ ސެކެޓްރީ އޭނާއަށް ގުޅާފައި އެންމެ އަވަހަށް ވެސް ޖާގައެއް ލިބުނީ އޭގެ ތިން ދުވަސް ފަހުން ކަމަށް ބުންޏެވެ. ތިން ދުވަސްވެސް ރާދިންއަށް ލަހެވެ. އެހެންނަމަވެސް އިތުރު ގޮތެއް ނެތީތީ ހުރިހާކަމެއް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ބުނެފައި ރާދިން ފޯނު ބޭއްވިއެވެ.

****

"ބައްޕާ… ރާދިން ކައިރީގައި ބުނިންތަ؟" ޖެހިގެން އައި ދުވަހެވެ. ހޮސްޕިޓަލަށް ދާންވެގެން ނުކުމެ ކާރަށް އަރާފައި މައާލް މުނީރާ ސުވާލުކޮށްލިއެވެ.

"ބައްޕަ ބުނިން މައާލްގެ ސާރޖަރީ ކުރާ ވާހަކަ. އަދި ސާރަޖަރީ ކާމިޔާބުވެއްޖެނަމަ މައާލްގެ ލޮލުގެ ފެނުން އަނބުރާ ލިބޭނެކަމުގެ އުންމީދު ޑޮކްޓަރު ދިން ވާހަކަވެސް." މުނީރު ބުނެލިއެވެ.

"އިތުރު އެއްޗެއް ނުބުނޭތަ؟" މައާލް އިތުރަށް އެނގެން ބޭނުންވިއެވެ.

"ބުނި މިކޮޅަށް އަންނަން ބޭނުންވާ ވާހަކަ. މައާލް ކައިރީގައި ހުންނަން ބޭނުންވެޔޭ ވެސް ބުނި." މުނީރު މައާލްގެ އެ ސުވާލަށް ޖަވާބު ދިނީ ކުޑަކޮށް އެނބުރިލާފައެވެ.

"ދެން ބައްޕަ ބުނީ…." މައާލްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

"ބައްޕަ ބުނީ މައާލް ބޭނުމެއް ނޫނޭ މި ދުވަސްކޮޅު ރާދިން އަންނާކަށް. ބައްޕަ ހުރިހާކަމެއް ހަމަޖައްސާނަމޭ…" މުނީރު ބުނެލިއެވެ. އޭނާ ފަރުވާތެރިކަމާއެކު، މައާލްގެ މޫނަށް ބަލަމުން ދިޔައެވެ.

"ހޫމް…" މައާލްއަށް އިތުރަށް ބުނާނެއެއްޗެއް ނޭނގުނީއެވެ. އޭނާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ކޮނޑާ ހިސާބަށް ރާދިން ކޮށާލަދިން އިސްތަށިގަނޑު މިހާރު އޮތީ ދިގުވެފައެވެ. އޭނާއަށް ރާދިން މަތިން ހަނދާންވިއެވެ. ރާދިންއާ އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތައްމަތިން ހަނދާންވެ ފެންކަޅިވިނަމަވެސް، ނުރޮއި މައާލް ހިތްވަރުކުރިއެވެ. ރާދިންއާ މެދު ނުވިސްނުމަށް އޭނާ އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔައެވެ.

އެންމެ ފުރަތަމަ ވެސް އެމީހުން ދިޔައީ ޑޮކްޓަރާ ބައްދަލުކުރާށެވެ. އެއަށްފަހު ލޮލުގެ ޓެސްޓްތައް ހެދުނެވެ. ނަތީޖާ ލިބޭނީ ތިން ދުވަސް ފަހުން ކަމަށް ވުމާއެކު، ސާރޖަރީ ޕްލޭން ކުރެވޭނީ އޭގެ ފަހުންކަމަށް ޑޮކްޓަރު ބުންޏެވެ. އެހެންނަމަވެސް އޭގެ ކުރިން ހަދަން ޖެހޭ ޓެސްޓްތަކެއް ހުރިކަމަށާއި ދައްކަން ޖެހޭ ބައެއް ޑޮކްޓަރުން ވެސް ހުރި ކަމަށް ޖޭމީ ބުންޏެވެ. އަދި އެ ޓެސްޓްތައްވެސް ހަދާފައި ތައްޔާރަށް ތިބެން އޭނާ ބުންޏެވެ. އެހެންކަމުން ގެއަށް ދިޔުމުގެ ކުރިން މުނީރު ބޭނުންވީ އެ ހުރިހާ ލޭގެ ޓެސްޓްތަކެއްވެސް ހަދާފައި ދިޔުމަށެވެ. މައާލް ގޮވައިގެން ކޮންމެ ދުވަހަކު އައުމަކީ ފަސޭހަކަމަކަށް ނުވާނެތީއާވެސް އެކުގައެވެ.

މައާލްއަށް އެހީތެރިވާން އެމާ ހުއްޓެވެ. އެމާގެ އެހީތެރިކަމާއެކު މައާލްމެން މުނިރުގެ ފަހަތުން ލެބޯޓްރީއާ ދިމާލަށް ހިނގައިގަތެވެ. ލިފްޓުން ތިންވަނަ ފްލޯއަށް އަރާ ލްބޯޓްރީއާ ދިމާލަށް ތިން މީހުން ހިނގައިގަތް މަންޒަރު އެވަގުތު އެތަނުގައި ހުރި މީހެއްގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާއަވަސް އަވަހަށް ގޯޅިގަނޑު ތެރެއަށް ވަދެ ނިވާވެލިއެވެ.

މުނީރުމެން ލެބޯޓްރީއަށް ވަނުމުން އެމީހުން ނުކުންނަންދެން އެމީހާ އެތަނުގައި މަޑުކުރިއެވެ. މުނީރުމެން އެތެރެއަށް ވަތްއިރު މީހުން ވެސް މަދުކަމުން ދިޔަތާ ދެ މިނެޓެއްހާއިރު ތެރޭގައި ނަންބަރު ޖެހިއްޖެއެވެ. ލޭނަގާ ނިންމާލައިގެން އެމީހުން ނުކުމެ ލިފްޓާ ދިމާލަށް ހިނގައިގަތް މަންޒަރު ބަލަން އެމީހާ ހުއްޓެވެ. ބަލާބެލުމަށް ސާޅީހަކަށް އަހަރުވެދާނެއެވެ. ބޮލުގައި ހުރީ މަޑުމުށިކުލައެކެވެ. ހަމުގެ ކުލަ އަލިއިރު، އޭނާ ވައްތަރީ އިނގިރޭސި މީހަކާއެވެ. ހަށިގަނޑު ވަރުގަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިހުރީ ހަމައެކަނި މައާލްއަށެވެ. މައާލް ފެނުމުން ކުޑަކޮށް ނުތަނަވަސްވީކަން ރަމްޒުކޮށްދެމުން ދިޔައީ ނިތުން ހިތްލާލި ދާތިކިތައް ފުހެލިގޮތާއި ލީ ފުންނޭވާއިންނެވެ. ބޮލުގެ އިސްތަށގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު އޭނާ އަނެއްކާވެސް މައާލްއަށް ނަޒަރު ހުއްޓާލިއެވެ. އެކަކަށްވެސް ނޭނގޭ ގޮތަށް އޭނާ އެމީހުންގެ ފަހަތުން ދިޔައެވެ. ލިފްޓަށް އަރައިގެން އެމީހުން ތިރިއަށް ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، އަނެއްކާވެސް ފުންނޭވާއެއް ލައިފިއެވެ. ކަމެއް ހަނދާންކުރަން ބޭނުން ނުވާ ފަދައަކުން ދެފަރާތަށް ބޯވެސް ހޫރާލައިފިއެވެ. އޭރު ހަމަ ރަނގަޅަށްވެސް މީހާ ހާސްވެއްޖެއެވެ.

(ނުނިމޭ)