"ބޭބެމެން ކުޑައިރު ބަންގީގެ އަޑު އިވޭއިރަށް މަސައްކަތް ހުއްޓާލާފައި، ނަމާދަށް ދިއުމަށް އަވަސްވެ ގަނޭ. ހިނގާފައިދާ މީހާ އެއަޑު ޖެހޭއިރަށް ހުއްޓި ހުރެ ބަންގިއަށް އިޖާބަދޭނެ. އެހެންނަމަވެސް މިހާރު ގިނަ މީހުންނަށް އެއަޑު ވެސް މިވަނީ ތަކުލީފަކަށް،" ޓެކްސީއެއް ދުއްވަން އިން ދެބައި އުމުރުގެ މީހަކު ބުނެލި އެވެ.

އިސްލާމީ ރިވެތި އުސޫލްތަކާއި އާދަކާދަތަކަކީ ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން އަށެގެންފައިވާ ރީތި އާދަތަކެވެ. ނުވަތަ މީގެ އަހަރުތަކެއް ކުރިން ދިވެހިންގެ ހިތްތަކުގައި ދީނާ މެދު އުފެދިފައިވާ ލޯތްބާއި އިހްތިރާމެއްގެ ބޮޑު ކަމުން އޭރު ދައްކަމުން ގެންދިޔަ ރިވެތި މިސާލުތަކެކެވެ. އެދުވަސްވަރު މިސްކިތެއްގެ ކައިރިން ހިނގާފައިދާ މީހާ ވެސް ބަލާނީ މިސްތުގައި ތިބޭ މީހުންނަށް އުނދަގޫވެދާނެތީ ވީހާ ވެސް މަޑުމަޑުން އެމީހާގެ ހަރަކާތްތައް ބެހެއްޓޭތޯ އެވެ.

ނަމަވެސް މިއަދު މިވަނީ ތަރައްގީވެގެން އައި ޒަމާނުގެ ތެރެއިން އުފަންވި ސިޔާސީ ޕާޓީތަކުގެ ކުލަ އިސްލާމްދީނާއި ރާއްޖޭގެ މީހުން އޭރު ގެންގުޅެމުން އައި ރީތި އާދަކާދަތަކާއި ސަގާފަތްތަކުގެ ތެރެއަށް ވަދެ މުޅިން ގަޑުބަޑުވެފަ އެވެ. މިފަދަ އެތައް ހާދިސާއެއް މިހާރު ވަނީ އާއްމުވެފަ އެވެ. އެގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ޝައިހުންނާއި މިފަދަ ބޭބޭފުޅުންގެ ބޮލުގައި ތަފާތު އިލްޒާމްތަކާއި ތުހުމަތުތައް އަޅުވަމުން ގެންދިއުމުގެ ޝަގާފަތެއް ރާއްޖޭގައި ވަނީ އަށަގެންފަ އެވެ.

ދާދިފަހުން ހިނގި މިފަދަ ހާދިސާއެއްގައި ފުރުގާން މިސްކިތުގައި ޝެއިހު އިލްޔާސް ހުސެއިންގެ ދަރުސެއް ކުރިއަށް ދަނިކޮށް، އިލިޔާސްއަކީ ސިޔާސީ ބޭފުޅެއް ކަމަށް ބުނެ، ބަޔަކު މީހުން ވަނީ އެ ސަރަހައްދަށް ވަދެ ދަރުސަށް ހުރަސްއެޅުމުގެ ގޮތުން ހަމަނުޖެހުން ހިންގައިފަ އެވެ. ހަމަނުޖެހުންތައް ހިންގި މީހުން ވަނީ ދަރުސަށް ހުރަސް އަޅައި މިސްކިތްތެރޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ގަލުގެ ހަމަލާތައް ދެ ފަރާތުން ވެސް ބަދަލުކޮށްފަ އެވެ.

މިސްކިތްތުގެ ހަރިންމަ ތެރެއަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާލާފައި ވަނީ ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި އުފެދިގެން އައި ޖޯޝްއެއްގަ އެވެ. މީގެން ވެސް އެނގޭ އެއްޗަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ކަނޑައެޅިފައިވާ އިންތަކުން ނެއްޓިގެން އަންނަ ކަމެވެ. މިކަމަކީ ސިޔާސީ ގޮތުން ބަޔަކު ހިންގި ހަރަކާތަކަށް ވާއިރު ސިޔާސީ ޕާޓީތަކުގެ ބަލަދުވެރިޔާ، އިލެކްޝަންސް ކޮމިޝަން އޮތީ ސިޔާސީ ބައެއް ޕާޓީތަކުން ގަވާއިދާ ހިލާފަށް ހިންގަމުން ގެންދާ މިފަދަ ހަރަކާތްތަކާ މެދު ހިމޭނުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން އިޢުލާންކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތައް ނޫން އެހެން ސިޔާސީ ހަރަކާތްތަކަށް ބާރު ފޯރުވޭވޭކަށް އެ ކޮމިޝަނަކަށް ނޯވެ އެވެ.

"އަޅުގަނޑުމެންނަށް ބާރު ފޯރުވޭނީ އަދި ބެލޭނީ ވެސް ސިދާ ސިޔާސީ ޕާޓީއަކުން އިޢުލާންކޮށްގެން ހިންގާ އެޕާޓީތަކުގެ ހަރަކާތްތަކަށް. ދެން އޮންނީ ފުލުހުންގެ ދައުރު ނުނީ ކަމާ ގުޅޭ އެހެން ދާއިރާތަކަށް،" ފަޔާޒު ވިދާޅުވި އެވެ.

ފުރުގާން މިސްކިތުގެ ތެރެއަށް ވަދެގަނެ ހިނގި ހަމަނުޖެހުންތައް ޕީޕީއެމުންނާއި ޑީއާރުޕީ އަދި އަދާލަތު ޕާޓީން ވެސް ކުށްވެރިކޮށްފައިވާ އިރު އެކަންތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ސަލަފުން ވަނީ އިސްލާމިކް މިނިސްޓްރީން މިނިސްޓްރީގައި އެދިފަ އެވެ.

"މިސްކިތްތަކަކީ މާތް ﷲގެ ހުރްމަތްތެރިވެގެންވާ ގެކޮޅުތައް ކަމަށްވީ ހިނދު އެތަންތަނުގެ ހުރުމަތް ކެނޑުމަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރުސަތު ނުދިނުމަށާއި ޒާތީ ރުޅިވެރި ކަމަށް އެގޮތަށް ބޭނުން ކުރުމަށް ޖާގަދީގެން ނުވާނެ،" ސަލަފްގެ ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ޝައިހް އަބްދުﷲ) ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގައި، އަދާލަތު ޕާޓީން އެމްޑީޕީއާ އެކު ކޯލިޝަން ހެދި ހިސާބުން، އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ދީން ވިއްކާލި ކަމަށް ބުނެފައިވާ އިރު، އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރުން ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުތައް ކުރެވުނެވެ.

ދީނަށާއި ދީނުގެ ކަންކަމަށް ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ އެކިއެކި ފޯޑިއަމްތަކުގައި ކުރަމުން ގެންދިޔަ ފުރައްސާރަތަކުގެ އަޑުތައް ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ. ނަމަވެސް އެވެރިކަމުގެ މެދެއްހާ ހިސާބުގައި އަނެއްކާ ވެސް ވަނީ ދީނީ އިލްމުވެރިން ނުބައިވެ ތަފާތު ގޮތްގޮތަށް ދީނީ ކަންކަމާ މެދު ވާހަކަތައް އަޑު ހަރުކޮށް، އިވެން ފެށި އެވެ.

ދިވެހިންގެ ތެރޭގައި އުފެދިފައިވާ ދީނީ ހިޔާލު ތަފާތުވުންތަކާއި ދީނީ އިލްމުވެރިންނާ މެދު ބައެއް ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ނިމުމެއް އަންނަން ޖެހެ އެވެ. ދީނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗަކަށް ވެގެން ދިއުމަކީ ގައުމަށް ކުރިމަތިވެދާނެ ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެ ކަމުގައި ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.