މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ފިލްމުތަކުގެ ވިލެންގެ ނުވަތަ ނުބައިބައި ރޯލު ކުޅޭ އެކްޓަރުންނަކީ ބެލުންތެރިން ވަރަށް ނަފުރަތުކުރާ ބައެކެވެ.

ހިންދީ ސިނަމާގެ 70އިގެ އަހަރުތަކުގައި ބެލުންތެރިންގެ ނަފުރަތު ލިބުނު ވިލެންއިން ތެރޭ ގައްބަރު ސިންގްގެ ރޯލް ކުޅުނު އަމްޖަދު ޚާން، މޮގޭމްބޯގެ ރޯލް ކުޅުނު އަމްރިޝްޕޫރީ، ފިލްމު "ބޮބީ"ގެ ވިލެން ޕްރޭމް ޗޯޕްޅާ، އަނޫޕަމް ހޭރް، ޝަކްތީ ކަޕޫރު އަދި ޕްރާން ފަދަ ކުޅަދާނަ އެކްޓަރުން ހިމެނެއެވެ. ފިލްމު ކުޅުމުގެ ވައްޓަފާޅިއަށާއި ފިލްމު ޖޯންރާތަކަށް އައި ބަދަލުތަކާ އެކު ވިލެންއެއްގެ ރޯލު ކޮންމެ ފިލްމީ ތަރިއަކަށް ވެސް ކުޅެވޭނެކަން ބޮލީވުޑްގެ ބައެއް އެކްޓަރުން ވަނީ ސާބިތުކޮށް ދީފައެވެ.

އޭގެ ތެރޭގައި މިހާރުގެ ސުޕަސްޓާ ޝާހްރުކް ޚާން، އަރުޖުން ރާމްޕާލް، ވިވެކް އޮބްރޯއި، ސަންޖޭ ދަތު އަދި ބަތަލާ ކާޖޮލްގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ.

މިހާރު ފިލްމުތަކުގެ ކާމިޔާބީ ބޮޑަށް ގުޅިފައި އޮންނަނީ ފިލްމުގައި ވިލެން ކުޅޭ ރޯލާ ވެސް އެކުގައި ކަމަށްވުމުން ފިލްމުގެ ވިލެންގެ ރޯލަށް އެކްޓަރަކު ހޮވުމަކީ ކޮންމެ ޕްރޮޑިއުސަރަކު ވެސް ވަރަށް ފަރުވާތެރިކަމާ އެކު ނިންމާ ނިންމުމެކެވެ.

މި އަހަރު މިހާތަނަށް ވިލެންގެ ރޯލްތަކުން ފެނިފައިވާ ފިލްމުތަކަކީ ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތައް ކަމުން ބެލުންތެރިން ތިބީ ކުރިޔަށް ދެން ފެންނާނެ ވިލެންއެއްގެ އިންތިޒާރުގައެވެ. މި އަހަރު ޖުމްލަކޮށް ސްކްރީނުން ވިލެންގެ ރޯލްއިން ފެނުނު ހަތަރު އެކްޓަރުންނަކީ ވެސް ކުރިން ވަރަށް ގިނަ ބޮލީވުޑް ފިލްމުތަކުން ފެނި ބެލުންތެރިންގެ މެދުގައި ހީރޯއެއްގެ މަގާމުގެ ލަގަބު ހޯދާފައިވާ ފަރާތްތަކެކެވެ.

އޭގެ ތެރޭގައި، މި މަހުގެ 11ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ޓައިގާ3"ގެ ވިލެން އިމްރާން ހާޝިމީ، ކުރިން ވެސް ވަރަށް އަނިޔާވެރި ވިލެންއެއްގެ ގޮތުގައި ސައުތު ސިނަމާއަށް ލޯބިކުރާ ފަރާތްތަކުން ސިފަކުރާ ވިޖޭ ސެތުޕަތީ، ފިލްމު "ދޫމް" އަދި ކާމިޔާބު ފިލްމު "ޕަތާން"ގެ ނުރައްކާތެރި ވިލެން ޖޯން އަބްރަހަމް، މަދުން ނަމަވެސް ކުރިން ވިލެންގެ ރޯލް ކުޅުނު "އަދިޕުރުޝް"ގެ ވިލެން ސައިފް ޢަލީ ޚާން ހިމެނެއެވެ.

ކުރީގެ ފިލްމުތަކުން ނުބައިބައި އެކްޓަރުންގެ ގޮތުގައި ފެނުނު ފިލްމީ ތަރިން

މީގެ ކުރިން ވިލެންގެ ރޯލަށް ބެލުންތެރިން ކުރި ނަފުރަތު ލޯތްބަށް ބަދަލުވެފައި ވާއިރު ބައެއް ފަހަރު ފިލްމުގެ ލީޑް ރޯލަށް ލިބޭ ތަރުޙީބަށްވުރެ މާ ބޮޑަށް ވިލެންއަށް ތަރުހީބު ލިބެއެވެ.

މި އަހަރު އެންމެ ގިނަބަޔަކު ދެން އިންތިޒާރުކުރަނީ ވަރަށް ރަހުމުކުޑަ ވިލެންއެއްގެ ރޯލުން ފެންނާނެކަމަށް ބެލެވޭ "އެނިމަލް"ގެ ވިލެން ބޮބީ ޑިއޯލްއަށެވެ. ފިލްމު "އެނިމަލް" ރިލީޒްކުރާ ތާރީޚު ގާތްވެފައިވާއިރު ފިލްމު "ބަރުސާތު"އިން ބޮލީވުޑަށް ތަޢާރަފްވި މައުސޫމު އެކްޓަރު ބޮބީ ޑިއޯލް މީގެ ކުރިން ވެސް ވަނީ ނެޓްފްލިކްސްއިން ގެނެސްދިން "އާޝްރަމް" އަދި "ކްލާސް އޮފް 83"އިން ވެސް ވިލެންގެ ރޯލްއިން ފެނިފައެވެ.