މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އުފައްދަވައި އެންވަޔަރަންމަންޓް މިނިސްޓަރުގެ ކަމުގެ މަގާމު ގަލޮޅު މަނާމް ޑރ. މަރިޔަމް ޝަކީލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ދެއްވައި، އެ ކަމަނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޑރ. މަރިޔަމް ޝަކީލާ އަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެކަމަނާ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށެވެ. އަދި ހުވާކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެކަމަނާ ސޮއިކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓަށް އިތުރު ދެ ޕޯސްޓް އިތުރު ކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދެއްވުމާ ގުޅިގެން، އެންވަޔަރަންމަންޓް މިނިސްޓްރީގެ އިތުރަށް، ހިއުމަންރައިޓްސް މިނިސްޓްރީއެއް އުފައްދަވައި އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމު ވަނީ، ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދަށް ދެއްވައިފަ އެވެ.