އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ވަގުތީ ގޮތުން ފުލުސް ކޮމިޝަނަރުގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށް އެ މަގާމު ހަވާލުކުރީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު، ރިޓަޔާ ކުރެއްވުމުންނެވެ.

ނަމަވެސް މި މަހުގެ 25ވަނަ ދުވަހު މަންނާނު ވެސް ރިޓަޔަކުރުމަށް ނިންމައިފައިވުމުން މިހާރު އޭނަ ހުންނެވީ ޗުއްޓީގައެވެ. އަދި އެ މަގާމު އޭނާ އަތުންވަނީ ނަގައިފައެވެ.

ފުލުހުންވަނީ "ސަން"އަށް އެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.

މަންނާނާއެކު ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު ވެސް އެ ދުވަހު ރިޓަޔާކުރަން ވަނީ ނިންމައިފައެވެ.

ފުލުހުންގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފައިވާއިރު މިއަދު ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށްފައެވެ.

އެ މަގާމުގައި މިހާރު ހުންނެވީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔަކަށް ވެސް އާ އޮފިސަރަކުވަނީ ހަމަޖައްސައިފައެވެ. އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމެވެ.