21 May 2012, 09:59
ހދ. ވައިކަރަދު އަށް ދިޔަ ލޯންޗަކަށް އަރައިގެން ފިލި އެ ރަށުގެ ދެ އަންހެން ކުދިން ރ. މަޑުއްވަރީގައި އުޅެނިކޮށް ފެނިއްޖެ އެވެ.
ވައިކަރަދޫގެ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު މިއަދު ވިދާޅުވީ މަޑުވަރީގައި އެ ދެބެއިން އުޅެމުން ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ކައުންސިލަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ކުދިން ފެނުނު އިރު އުޅެމުންދިޔައީ އެ ރަށުގައި އުޅޭ އެ ކުދިންގެ ރައްޓެހި ފިރިހެން ކުއްޖެއްގެ ގޭގައި ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުން އެނގީ ފެނިއްޖެ ކަމަށް. އޭގެ ފަހުން ހަބަރެއް ނުވޭ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ވަނީ. އެ ކުދިން ރައްޓެހި ފިރިހެން ކުއްޖަކާ އެކު މަޑުއްވަރީގައި އުޅެމުންދަނިކޮށް ފެނުނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އުމުރުން 15 އަހަރާއި 16 އަހަރުގެ އެ ދެ އަންހެން ކުދިންނަކީ މީގެ ކުރިން ވެސް ފިލައިގެން ގޮސް މާލޭގައި އުޅެމުން ދަނިކޮށް، ފުލުހުން އެ ކުދިން ހޯދުމަށް ފަހު، ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާ ދެ ކުދިން ކަމަށާއި އެ ކުދިން އެ ރަށަށް ދިޔަ ލޯންޗަކަށް އަރައިގެން ފިލީ ޖެންޑާ މިނިސްޓްރީން އެ ކުދިން އާއިލާއާ ހަވާލުކުރިތާ ހަފްތާއެއް ފަހުން ކަމަށް ވެސް އަހުމަދު ވަހީދު ވިދާޅުވި އެވެ.
ފުލުހުން ބުނީ ވައިކަރަދޫން ލޯންޗެއްގައި ފިލި ދެ ކުދިންގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
މި މަހުގެ ހަ ވަނަ ދުވަހު ވައިކަރަދު އަށް ދިޔަ ލޯންޗަކަށް އަރައިގެން އެ ދެ އަންހެން ކުދިން ފިލިފަހުން، އެ ކުދިންގެ މަންމަ ވަނީ އެ ކުދިން ގެއްލިގެން ކައުންސިލަށް ރިޕޯޓްކޮށްފަ އެވެ.