ގަލޮޅު އާސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކުރުން އެހެން ބަޔަކާ ހަވާލުކުރުން މިހާރު އޮތީ ބިޑު ކޮމިޓީގެ މަރުހަލާގައި ކަމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.

އާސަހަރާ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މައުލޫމާތު ދެމުން މާލޭ ސިޓީ ކައުންސިލުން ބުނީ، އަސަހަރާގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ބިޑު ކޮމިޓީއަށް މިއަދު ހުށަހަޅައިފައިވާކަމަށެވެ.

ބިޑު ކޮމިޓީން ނިންމާ ނިންމުން ހާމަކުރާނެކަމަށް ވެސް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

ނަމަވެސް އަލުން ބިޑު ހުށަހެޅީ ކޮން ކުންފުނިތަކަކުން ކަމެއް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ. އަދި ހުށަހެޅި އަގުތަކުގެ ތަފްސީލް ވެސް ހާމައެއް ނުކުރެއެވެ.

މާލޭގައި މީހުން ހިނެވުމަށް ބެނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މި އަހަރުގެ މޭ މަހުގައެވެ. އާސަހަރަ ބަންދުކުރުމާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ބަދަލުކުރީ ހުޅުމާލެ ސަހަރާއަށެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، އާސަހަރާގެ މަސައްކަތް ސެޕްޓެމްބަރުގެ ކުރިން ނިންމާނެ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި އޮއްވައި މަސައްކަތުގެ ކޮންޓްރެކްޓް މި މަހު ވަނީ ބާތިލް ކޮށްފައެވެ.

އެ ތަން ތަރައްގީކޮށް އެ ތަނުގައި އަޅަނީ އިމާރާތެކެވެ. ތަރައްގީކޮށް ނިމޭއިރު:

  • ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނާނެ

  • ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ
  • ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާނެ. ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުންނާނެ