ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށް، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔަކަށް ވެސް އެހެން އޮފިސަރަކު ހަމަޖައްސައިފިއެވެ.

ފުލުހުންގެ މީޑިއާގެ އިސް އޮފިޝަލަކު "ސަން"އަށްވަނީ އެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒަށެވެ. އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމެވެ.

ކުރިން އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލެވެ.

މީގެ އިތުރުން ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ސެކިއުރިޓީ އިންޓެލިޖެންސްގެ ހިންގުން އިންސްޕެކްޓަރު އަތީގުއް ރަހްމާނަށްވަނީ ހަވާލުކޮށްފައެވެ.

މަގާމުން ދުރުކުރި ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނަރުކަމުގެ މަގާމު ހަވާލުކުރީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރިން 2017ވަނަ އަހަރުގެ ތެރޭ އޭނާ ވަޒީފާއިން ދުރުކޮށްފައި ހުރީ، ސުލޫކީ މައްސަލައެއްގައެވެ. ނަމަވެސް 2018ގައި އޭނާއަށް އަލުންވަނީ ވަޒީފާ ލިބިފައެވެ.

ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓުތަކަށް ބައެއް ބަދަލުތައް ގެންނަން ފަށައިފައިވާއިރު ފުލުސް އޮފީސް ވަގުތީ ގޮތުން ހިންގަން ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު، މި މަހުގެ 25ގައި ރިޓަޔާ ކުރަން ވެސް ވަނީ ނިންމައިފައެވެ.