21 Nov 2023, 19:07
އަމިއްލަ ފަރާތަތްކާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވައިލައްވާފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޓީ އުވައިލެއްވިއިރު، ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމާ ހަމައަށް އެ ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ނިންމައިފައިވާކަމަށެވެ.
މި ކަމާ ގުޅިގެން ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ނަހަމަ ބަދަލު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
"ރައްޔިތުންގެ ފައިސާއިން ގަވައިދާ ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނޭ ކަމެއް ނޫން،" ކޮމިޓީ އުވައިލެއްވުމަށްފަހު ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ސެޓަލްމެންޓް ކޮމިޓީން ބަދަލުގެ ގޮތުގައި ދޭން ނިންމައިފައި ހުރި ހަރު މުދަލާއި ރަށްރަށާއި ފަޅުފަދަ ތަންތަން އަގުކުރުމުން، އެ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މުދާ ދޭން ނިންމައިފައި ހުރިކަމަށް ބެލެވޭކަމަށެވެ.
އަދި އެ މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ އޮޑިޓާ ޖެނެރަލް ދެއްވި ރައުޔާ ވެސް ޚިލާފަށްކަމަށް ވެސް ބުނެފައިވެއެވެ.
ބަދަލު ދިނުމުގަައި ކުރީ ސަރުކާރުން އަމަލުކޮށްފައިވަނީ 'ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު'ގެ ނަމުގައިވާ އުސޫލަކަށެވެ.
ރައީސް ޑރ. މުއިއްޒަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ދެއްވި ލަފާގައިވަނީ ހަމައެއާއެކު އެ އުސޫލަކީ ގާނޫނާއި ޚިލާފަށް އެކުލަވާލައިފައިވާ އުސޫލެއްކަމަށް ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން އެ އުސޫލާ ގުޅޭގޮތުން އުޝާމްވަނީ އެ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި މާލީ ބަދަލު ދިނުންފަދަ ކަންކަން ކުރަނީ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއްނެތި، ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކުރައްވައިފައެވެ.
ހަމައެއާއެކު ޝަރުއީ ފަސް މައްސަލައެއް ހައްލުކޮށްފައިވަނީ ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރި އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ކަމަށް އެ ލަފާގައި އުޝާމް ފާހަގަކުރެއްވިއެވެ.
ނިމުނު ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާން އެބައޮތެވެ.