22 Nov 2023, 11:41
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗް ނަގެޓްސް ކާމިޔާބުކޮށްފިއެވެ.
ޑެޓްރޮއިޓްގެ ލިޓްލް ސީޒާސް އެރީނާގައި ކުޅުނު މި މެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 107 ޕޮއިންޓް 103 ޕޮއިންޓުންނެވެ. މި މެޗްގައި ނަގެޓްސްގެ ރެޖީ ޖެކްސަންވަނީ 21 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ކޭޑް ކަނިންހަމްއެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މި މެޗްގައި ބަކްސްގެ ޖިއާނިސް އެންތެޓޮކޮއުމްޕޯ ވަނީ 42 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ 13 އެސިސްޓް ދިން ކައިލް ކުޒްމާއެވެ.
މީގެ އިތުރުން މިނެސޯޓާ ޓީމް ބާވުލްވްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުމްވްސްއެވެ. މި މެޗްގައި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ. އަދި ނިކްސްއަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު މައޭމީ ހީޓް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 100 ޕޮއިންޓުން ހީޓް ކާމިޔާބު ކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއާސްއެވެ.
ނިއުއޯލިއަންސް ޕެލިކަންސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 93 ޕޮއިންޓުން ޕެލިކަންސް ކާމިޔާބު ކުރިއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗް 124 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕާސްއެވެ. އަދި ޗާލޮޓްސް ހޯނެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް އޯވާ ޓައިމް ކުޅެ 121 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.