ޓްރިޕޮލީ (މޭ 21) ލޮކަބީގެ މައްސަލާގައި ކުށްވެރިވާކަމަށް ސްކޮޓްލޭންޑްގެ ކޯޓަކުން ޙުކުމް އިއްވާފައިވާ ލީބިޔާގެ ރައްޔިތެއް ކަމަށްވާ ޢަބްދުލްބާސިތްއަލްމަޤްރަޙީ އަވަހާރަވެއްޖެެ އެވެ.

އުމުރުން 59 އަހަރުގެ އަލްމަޤްރަޙީ އަވަހާރަވީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އޭނާގެ ގޭގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ޕްރޮސްޓޭޓް ކެންސަރުގެ އެންމެ ފަހުގެ މަރްޙަލާއަށް ޙާލަތު ގޮސްފައިވާ ޢަބްދުލްބާސިތް އިއްޔެ އަވަހާރަވީ ކުއްލިއަކަށް ޙާލަތު ދަށަށްދާންފެށުމާގުޅިގެން ކަމަށް އޭނާގެ ކޮށްކޮ ޢަބްދުލްޙަކީމް އަލްމަޤްރަޙީ ހާމަކުރެއް ވިއެވެ.

1988 ވަނަ އަހަރު ސްކޮޓްލޭންޑްގެ ލޮކަބީގެ މައްޗަށް ވެއްޓުނު އެމެރިކާގެ ޕޭންއެމެރިކަން ބޯޓު ގޮއްވާލުމާ އަލްމަޤްރަޙީ އާ ގުޅުންވާކަމުގެ ހެކިހުރިކަމަށްބުނެ ސްކޮޓްލޭންޑްގެ ކޯޓަކުން 2001 ވަނަ އަހަރު އުމުރަށް ޖަަލަށްލުމުގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވީނަމަވެސް މިހާދިސާއާ އަލްމިޤްރަޙީއާ ގުޅުންނުވާކަމަށާ މިއީ އެމެރިކާގެ ޖާސޫސީ އިދާރާއާއި މެދުއިރުމަތީގެ ބައެއް ޖަމާއަތްތަކާ ގުޅުންވާ ކަމެއްކަމަށް މިޙާދިސާގައި މަރުވި 270 މީހުން ނިސްބަތްވާ ބައެއް ޢާއިލާތަކުން ދެކެއެވެ. އަލްމަޤްރަޙީގެ އިތުރުން މިމައްސަލާގައި ތުހުމަތު ކުރެވުނު ލީބިޔާގެ އެހެން ރައްޔިތެއް ކަމަށްވާ އަލްއަމީން ޚަލީފާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސްކޮޓްލޭންޑްގެ ކޯޓުން ނިންމާފައި ވެއެވެ.

ޕްރެސްޓޭޓް ކެންސަރުގެ ސަބަބުން އަލްމަޤްރަޙީގެ ފުރާނައަށް ނުރައްކާވެފައިވާތީ ސްކޮޓްލޭންޑްގެ ޝަރްޢީ ދާއިރާއިންވަނީ އިންސާނީ ސަބަބުތަކަށްޓަކައި މީގެތިން އަހަރުކުރިން އަލްމަޤްރަޙީ މިނިވަންކޮށް ލީބިޔާއަށް ދިޔުމުގެ ހުއްދަ އޭނާއަށް ދީފައެވެ. އެއަށްފަހު އޭނާ ދިރިއުޅެމުން ގެންގޮސްފައިވަނީ އޭނާގެ ޢާއިލާއާއެކު ޓްރިޕޮލީގައި ހުންނަ އޭނާގެ ގޭގައެވެ.
އަލްމަޤްރަޙީ އަކީ ލީބިޔާގެ ޤައުމީ އެއަރލައިން ކަމަށްވާ "ލީބިޔަން އަރަބް އެއަރލައިން" ކުންފުނީގެ ވަރަށް އިސް މަޤާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. (ރޮއިޓާސް)