ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމާއަތުގެ ވެރިޔާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ވެރިޔާއާ ޤަތަރުގައި ބައްދަލުކުރައްވައިފިއެވެ.

ޖެނީވާގައި ހުންނަ ރެޑް ކްރޮސްގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެޑް ކްރޮސްގެ ރައީސް މިރްޖާނާ ސްޕޮލްޖާރިޗްއާއި ހަމާސް ލީޑަރު އިސްމާއިލް ހަނިއްޔާއާ ހޯމަ ދުވަހު ބައްދަލުކުރައްވާފައިވާއިރު، ޣައްޒާ މައްސަލައިގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޤަތަރުގެ ކަމާބެހޭ ފަރާތްތަކާ ވެސް މިރްޖާނާ ވަނީ ވަކިން ބައްދަލުކުރައްވާފައެވެ.

ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭ ރެޑް ކްރޮސްއިން ބުނީ މި ބައްދަލުވުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނަށް އިހުތިރާމް ކުރުން އިތުރުކުރުމަށް ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކާއެކު ކުރެވޭ މަޝްވަރާތަކުގެ ބައެއް ކަމަށެވެ. އަދި މިއީ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ބައްދަލުވުމެއް ނޫން ކަމަށްވެސް ރެޑް ކްރޮސް އިން ހާމަކުރެއެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މިދިޔަ ހަފުތާއިން ފެށިގެން އަމާޒުކޮށްފައި ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށެވެ. ޣައްޒާގެ އެންމެ ބޮޑު އަލް ޝިފާ ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ވަދެފައިވާއިރު، އެ ހޮސްޕިޓަލުން ކަރަންޓުވެސްކެނޑި އެތައް ބަޔަކު މިހާރު ވަނީ ޝަހީދުވެފައެވެ. ޝިފާ ހޮސްޕިޓަލްގެ އިތުރުން އަލް ޤުދުސް އަދި އަލް އަހްލީ އަރަބި ހޮސްޕިޓަލަށްވެސް ވަނީ އެތައް ހަމަލާއެއް ދީފައެވެ.

އިސްރާއީލުގެ ހަމަލާތައް އެންމެ ފަހުން އަމާޒުކޮށްފައި ވަނީ ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ދިން ހަމަލާތަކުގައި 12 މީހުން ޝަހީދުކޮށްލާފައިވާއިރު، 650 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

ޣައްޒާގެ އާންމުންނަށް ބޭނުންވާ ފެނާ ކާނާ، އަދި ތެޔޮ ފޯރުކޮށްދިނުމަށްވެސް އިސްރާއީލުން އަންނަނީ ހުރަސްއަޅަމުންނެވެ. ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 13000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސް ގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށްވެސް އިސްރާއީލު ސިފައިންނާއި އެ ސަރަހައްދުގައި ވަޒަންވެރިންގެން އުޅޭ އިސްރާއިލު މީހުން އަންނަނީ ހަމަލާތައް ދެމުންނެވެ.