ކޮލަންބޯ (މޭ 21) : ސްރީލަންކާގެ އިދިކޮޅު ލީޑަރު އަދި އެޤައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާ މިއަދު ޖަލުން މިނިވަންކުރެވޭނެ ކަމަށް އެޤައުމުގެ މީޑިޔާ ތަކުން ބުނެފި އެވެ.

ސްރީލަންކާގެ ރިޔާސީ ތަރުޖަމާން ބަންޑޫލާ ޖަޔަސޭކަރާ އާ ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ބުނީ މީގެ ތިން އަހަރުކުރިން ތަމަޅަ ޓައިގަރުންގެ މައްޗަށް ސްރީލަންކާގެ ސިފައިން ހޯދި ކާމިޔާބުގައި އަސްކަރީ އެންމެ އިސްދައުރެއް އަދާކުރެއްވި އޭރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާ މިމުނާސަބަތާގުޅުވައިގެން މިނިވަންކުރެއްވުމަށް ރައީސް ރާޖަޕަކްސަ ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ. ފޮންސެކާއަށް މަޢާފް ދިނުމުގެ ހުރިހާ ލިޔެކިޔުންތަކެއްގައި ރާޖަޕަކްސަ ސޮއިކުރައްވާފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ އޭނާ މިނިވަންކުރުމަށް ކުރަންޖެހޭ އިދާރީ އެހެންކަންތައްތައް ކަމަށް ޖަޔަސޭކަރާ ވިދާޅުވެފައިވެ އެވެ.

ސްރީލަންކާގެ އުތުރުގައި ވަކިވެގަތުމަށް މަސައްކަތްކުރި ތަމަޅަޓައިގަރުންގެ މައްޗަށް ލަންކާ ސިފައިން ކާމިޔާބު ހޯދައި ޓައިގަރުންގެ ޢަސްކަރީ ޖަމާއަތް ކަމަށްވާ އެލްޓީޓީއީ ފުނޑުފުނޑުކޮށްލި ތާރީޚީ މުނާސަބާ ކަމަށްވާ ސްރީލަންކާގެ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގެ ތެރޭގައި ފޮންސެކާ މިނިވަންކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް އެޤައުމުގެ ތަކުންވެސް ވަނީ ބުނެފަ އެވެ.

ސްރީލަންކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސައާ ވާދަކުރައްވައިގެން ފޮންސެކާ ނާކާމިޔާބުވެވަޑައިގަތުމާއެކު އެކި އެކި ތުހުމަތުތަކުގައި ރާޖަޕަކްސަގެ ސަރުކާރުން ފޮންސެކާ އަށް ތަފާތު ތުހުމަތުތައްކޮށް ގޯނާކުރުމުން ގެންދިޔަ އެވެ. އަދި އެންމެފަހުން ދެމައްސަލައެއް ޝަރީއަތުގައި އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން 2009 ވަނަ އަހަރުގެ ފަހުކޮޅު ފޮންސެކާ ޖަލަށްލި އެވެ.

އެއްމައްސަލައަކީ ކޮރަޕްޝަނުގެ މައްސަލައެކެވެ. އަނެއް މައްސަލައަކީ ފޮންސެކާ، ސިފައިންގެ ވެރިއަކަށް ހުންނެވި ދުވަސްވަރު ސިފައިންގެ ޤާނޫނާއި އަދި ޤަވާއިދާ ޚިލާފަށް އޭނާ ކަންތައްތަކެއް ކުރައްވާފައިވުމެވެ. ރިޔާސީ ތަރުޖަމާން ބަންޑޫލާ ޖަޔަސޭކަރާ ވިދާޅުވީ ފޮންސެކާ މިއަދު ޖަލުން މިނިވަންކުރެވޭވަރުވާނެ ކަމަށާއި އޭނާ މިނިވަންކުުރުމާބެހޭ އިދާރީ ކަންކަން ނިންމާނުލެވުނީ ހަފްތާ ބަންދާ ދިމާވުމުން ކަމުގައެވެ. (ސްރީލަންކާގެ މީޑިޔާ)