20 May 2012, 22:25
ޓީވީ އާއި ރޭޑިއޯ ފްރިކުއެންސީ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސަށް ހުޅުވާލުމުން 32 ފަރާތަކުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ވެބްސައިޓުގައި ބުނެފައި ވަނީ މާޗް 18، 2012ގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް ހުޅުވާލި ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ބަންދު ކުރި އިރު، 18 ޓީވީ ޗެނަލަކާއި ދެ ރޭޑިއޯ ޗެނެލެއް އުފެއްދުމަށް މުޅިން އަލަށް ލައިސަންސް ހޯދަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް އާ ކުރުމަށް ފަސް ޓީވީ ޗެނަލަކާއި ހަތް ރޭޑިއޯ ޗެނަލަކުން ހުށަހަޅާފައިވާ ކަމަށެވެ.
އެމްބީސީގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ނާސިހު ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ އާ ލައިސަންސް ދޫކޮށްފައި ވަނީ އަށް ފަރާތަކަށް ކަމަށެވެ. އެއީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމް އަށާއި ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމް (ކުރީގެ ރާއްޖެ އެފްއެމް) އަށާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަރިސް ބޭފުޅުންކޮޅެއް އިސްވެ އުފައްދާ ޓީވީ5 އަށާއި އިސްލާމިކް ފައުންޑޭޝަންގެ އެމްވީޓީވީއަށެވެ.
އަދި މުޅި ރާއްޖެ އަށް ޓެރެސްޓީރިއަލްކޮށް ބްރޯޑްކާސްޓްކުރުމަށް ދިއެފްއެމް 95.2 އަށާއި ކޭބަލް އަދި ސެޓެލައިޓް މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމަށް ރާއްޖެ ޓީވީ އަށާއި ޓެރެސްޓީރިއަލްކޮށް ބްރޯޑްކާސްޓްކުރުމަށް ރޭޑިއޯ އެޓޯލް އަށް ވެސް ވަނީ ލައިސަންސް ދޫކޮށްފަ އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މިއަދު ހަމަވިނަމަވެސް ފްރިކްއެންސީ ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަދިވެސް ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސަށް އެދެވޭނެ ކަމަށް އެމްބީސީން ބުންޏެވެ. ސަބަބަކީ ހައި ކޯޓުން ކުރި އަމުރާ ގުޅިގެން ފުރިކުއެންސީ ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް އިއުލާން ނުކުރެވިވާތީ އެވެ.
އެންބީސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފްރިކުއެންސީ މައްސަލާގެ ގަޒިއްޔާގެ ހުކުމް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދެވޭނެ ކަމަށެވެ.