15:19


މަޑުއްވަރީގެ ގެއެއްގެ ބަދިގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގައިގެ ބޮޑު ބައެއް ފިހިފައިވާ ތިން މީހަކަށް އިތުރަށް ފަރުވާދިނުމަށް މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.


މަޑުއްވަރީ އަސުރުމާގޭގައި ބަދިގެތެރޭގައި އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ފިހިފައި ވަނީ އެ ހާދިސާ ހިނގި ވަގުތު ބަދިގެ ތެރޭގައި ތިބި 81 އަހަރުގެ ފިރިހެނަކާއި 18 އަހަރާއި 19 އަހަރުގެ ދެ އަންހެނުންނެވެ. އެ ތިން މީހުންނަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރަށް ފަރުވާ ދިނުމަށްޓަކައި މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.


މުލީ ހޮސްޕިޓަލުން ބުނީ އެ ތިން މީހުންގެ ތެރެއިން އެންމެ ބޮޑުވަރު ވެފައި ވަނީ 19 އަހަރުގެ އަންހެން ކުއްޖާ އަށް ކަމަށާއި ތިން މީހުންގެ ވެސް އަތާއި ފައިތިލަ އަދި މޫނުމަތި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.


ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ ހާދިސާ ހިނގަން މެދުވެރިވީ އެ ގޭ ބަދިގޭގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކުވެފައި ހުއްޓައި އުނދުނުން އަލިފާން ކެނޑިގެން ކަމަށެވެ.