20 May 2012, 21:36
އުސްފަސްގަނޑުގެ މައްސަލައިގައި ބަންޑާރަ ނައިބު ކަމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކާއި އިސްތިއުފާ ދެއްވައިފި ކަމަށް ބުނެ ފެތުރެމުންދާ އެސްއެމްއެސްތައް ބަނޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދޮގު ކުރައްވައިފި އެވެ.
ސިންގަޕޫރުގައި ހުންނަވައި މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމާ ވިދާޅުވީ މިހާރުގެ ސަރުކާރުގައި އެކަމަނާ ހުންނެވީ ސާބިތު ކަމާއެކު ކަމަށާއި އެކަމަނާގެ އަޒުމަކީ ރައީސްލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނެވުން ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު ބަލިވެން ސިންގަޕޫރަށް އައިސް ދެންމެ މިފޭބީ. ފޭބުމާއެކު މެސެޖް އަންނަން ފަށައިފި ކީއްވެގެތޯ މަގާމުން ރިސައިން ކުރީ! އަޅުގަނޑު މިހުރީ އަޑުއެހި ތަނުގައި އަޅުގަނޑު މަގާމުން އިސްތިއުފާއެއް ނުދެން، އަޅުގަނޑު މިހުރީ ޔަގީން ކަމާއެކު ރައީސް ވަހީދާއެކު، އަދި އެގޮތަށް ކަންތައް ކުރާކަށް އަޅުގަނޑު ނޫޅެން،" ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މިރޭ ފެތުރުނު ބައެއް އެސްއެމްއެސްތަކެއްގައި ބުނަނީ އާޒިމާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެކަމަނާ އިސްތިއުފާ ދެއްވާފައި ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އުސްފަސްގަނޑު ނުނަގަގައިން ކަމަށާއި އުސްފަސްގަނޑު ނެގުމަށް އެކަމަނާ އަށް ޕްރެޝަރު ކުރަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމުން) އިން ކަމަށެވެ.
ބައެއް މީޑީޔާގައި ވެސް ބަންޑާރަ ނައިބު ކަމުން އާޒިމާ އިސްތިއުފާ ދެއްވާ ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ކަމަށް މިރޭ މައުލޫމާތު ފަތުރާފައިވާ ވެއެވެ.
"އެއީ ވަރަށް ބޮޑު ދޮގެއް އަޅުގަނޑު މިހުރީ ރައީސް ވަހީދާއެކު! އަޅުގަނޑު މިހުރީ ސާބިތު ކަމާއެކު ހިދުމަތް ކުރުމުގައި،" އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހު ޕީޕީއެމްގެ ކައުންސިލާއި ޕާޓީން ވެސް ވަކިވަވަޑައިގެންފައިވާ އާޒިމާ ވިދާޅުވީ އެއްވެސް ފަރާތަކުން އެކަމަނާއަށް ޕްރެޝަރެއް ނުކުރެވޭނެ ކަމަށާއި އެކަމަނާއަކީ ޕާޓީއެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އުސްފަސްގަނޑާ ބެހޭ ގޮތުން އެކަމަނާ ވަނީ ސަރުކާރަށް ގާނޫނީ ލަފައެއް ދެއްވާފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެކަމަނާގެ ލަފާގައި ބުނެފައި ވަނީ އުސްފަސްގަނޑު ހުސް ކުރެވިދާނެ ކަމަށެވެ.