20 May 2012, 21:18
އެމްޑީޕީން ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންދާ އުސްފަސްގަނޑު ސަރަހައްދަށް ފުލުހުން އަރާ އެތަން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ އަމުރަކަށް ފުލުހުން މިއަދު ކޯޓުގައި އެދިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހޯމް މިނިސްޓްރީން އެދިފައިވާ ގޮތަށް އުސްފަސްގަނޑު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ފުލުހުން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އަމުރަކަށް ފުލުހުން މިއަދު ކުރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އަމުރު އަދި ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ޔަގީނެއް ނުކޮށްދެ އެވެ.
އެ މައްސަލަ ދިރާސާކުރުމަށް ފަހު ފުލުހުން މިރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އުސްފަސްގަނޑު ސަރަހައްދު މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި ހަވާލުކުރުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން ކަމަށާއި އެ ބިން ހައުސިން މިނިސްޓްރީގެ ދަށަށް ގެންނަން ކެބިނެޓުން ނިންމީވެސް އެ ގަވާއިދުގެ ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ގަވާއިދުގައި ބުނާ ސަބަބުތަކާ ހެދި ކަމަށް އެނގޭ ކަމަށެވެ.
"އެހެންކަމުން ވަޒީރުންގެ މަޖުލީހުގެ ނިންމުމާއެއްގޮތަށް އެބިން މާލޭ ސިޓީ ކައުންސިލުން މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމެންޓާއި ހަވާލުކުރައްވާފައި ނުވާތީ، ޝަރުޢީ އަދި ޤާނޫނީ ބާރު ލިބިގެން ކުރާ އަމުރު ތަންފީޒުކޮށް ދިނުމަށް އެދިއްޖެ ހާލަތެއްގައި އެފަދަ އަމުރުތައް ތަންފީޒުކުރުމަކީ މިސަރވިސްގެ މަސްއޫލިއްޔަ(ތެކެވެ)،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ސިޓީ ކައުންސިލްގެ އަތުން އުސްފަސްގަނޑު އަތުލާ ހައުސިން މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ކެބިނެޓުން ނިންމެވީ އެ ބިން ހަވާލުކުރުމުގައި ސިޓީ ކައުންސިލުން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީ އަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ.