"ވަގުތުގައި ބަރަކާތް ލެއްވޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ގުރުއާން ކިޔެވުން ހިމެނެއެވެ. ގުރުއާން ކިޔެވުމުން ހިތާއި ސިކުނޑިއަށް މަޑުމޮޅިކަމާއި ފިނިކަން ގެނެސްދެއެވެ. ގިނަގިނައިން ގުރުއާން ކިޔަވާ އަޑުއަހަން އާދަކުރައްވާށެވެ."

***

މާޒްވިލާ އާއި ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލުމަށްފަހު ތިންބެއިން ގެއާއި ދިމާލަށް މިސްރާބުޖެހުމުން ފުލުހުން އެކަން ހުއްޓުވިއެވެ. ރީދޫ ޓޭޕް އަޅާފައި އެތެރެއަށް ނުވަދެވޭގޮތަށް ހަދާފައި ހުރުމުން ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުނެވެ.

"މިއީ އަހަރެމެންގެ ގެ..."ކެނާން ރުޅިއަންނަގޮތްވިއެވެ.

"މިއި ކްރައިމް ސީންއެއް..."

"ވަޓް ހެޕެންޑް......"ކެނާންއަށް ބަލައިލެވުނީ މާޒިމްގެ މޫނަށެވެ. މާޒިމްގެ މޫނުމަތިން އިތުރު އަސަރުތަކެއް ނުފެނުނެވެ. މަދީނާ ކެނާންއާއި ކައިރިއަށް ޖެހިލަމުން ވައި އަޑަކުން އެދުނީ އެނބުރި އެތަނުން ދިޔުމަށެވެ. އެކުއްޖާ ކުށުގެ ވެށްޓެއްގައި ހިނދުކޮޅަކަށްވެސް މަޑުކޮށްލަން ބޭނުމެއްނުވިއެވެ. މާޒިމްވެސް ނިންމީ މަދީނާގެ ހައްގުގައި އެނބުރި ދިޔުމަށެވެ. އެހެން ސީދާ ނުބުނި ކަމުގައިވިޔަސް އެފަދަ ހާދިސާއެއް ހިނގައިގެން ފުލުހުން އެތަން ބަންދުކޮށްފައިވާއިރު ގާނޫނަށް ހުރަސް އެޅުމުގެ މާނައެއްނެތެވެ.

ގެއަށް ގޮސް ޓީވީ ހުޅުވައިލުމުން ވެގެން އުޅޭގޮތް އެނގުމުން ކެނާންއަށް އަޑެއް ލައްވައިލެވުނެވެ. މަސައްކަތްކުރަން ހުރި މީހެއްގެ ބޮލަށް ގޭގެ ބެލްކަނި ވެއްޓި އެފަކީރުގެ ބޯ ޗިސްވީއެވެ. ބިރުވެރި މަރެކެވެ. މާޒިމް ކޮޓަރިއަށް ވަން ދަނޑިވަޅު ބަލާލާފައި މަދީނާ ކެނާންގާތުން ހުއްދަ ހޯދީ އޭނަގެ އެކުވެރިޔާ އުރުޖުވާންއާއި ބައްދަލުކޮށްލަން ދިޔުމަށެވެ.

"އާނ...ދޮންބެއަށް އެނގިއްޖެއްޔާ ހީ ވިލް ކިލް މީ.."

"ޕްލީޒް..ވާހަކައެއް ދައްކަން.."

"ގޮސިޕް ގާލްސް.."ކެނާން އަތުގެ އިޝާރާތުން ދާން ހުއްދަ ދިނުމާއެކު މަދީނާ އަވަހަށް ދޮރު ހުޅުވާލާފައި ބޭރަށް ދެމިގެންފިއެވެ.

***

މަދީނާއާއި އުރުޖުވާން މޭޒުދޮށުގައި ތިބިއިރު ކޮންމެކުއްޖެއްގެ ކުރިމަތީގައި އައިސްކްރީމް ތަށްޓެކެވެ. މަދީނާ ރީދޫކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްލައިގެން އިންއިރު އުރުޖުވާން ކަޅުކުލައިގެ ކުރުތާއަކާއި ދޫކޮށް އޮތް ހަރުވާޅެއް އަދި ފަން އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަފައެވެ. ހަންގަނޑުގެ އޮމާންކަމާއެކު ވިދާގޮތާއި ކަޅުކަންގަދަ ކަޅި އަދި މަލުގެ ފިޔައެއްހާ ރަތް ތުންފަތާއި ހިމަދިގު ބުމައަކީ އުރުޖުވާންގެ ސިފަތައް ފުރިހަމަކުރުވާ ސިފަތަކެވެ.

"މިހިރީނު ގޫޒްބަމްޕްސް.."މަދީނާ އަތް ދައްކައިލިއެވެ.

"އާނ..ހަމަ އޭރުއްސުރެ މިހެން؟" އުުރުޖުވާން އައިސްކްރީމް ސަމުސަލެއް އަނގަޔަށްލިއެވެ.

"ނޫން. އެބޭބެގެ ބޮލަށް ބެލްކަނި ވެއްޓުނުގޮތް އިމޭޖިން ކުރެވުނީމަ. މީހުން އެގެ ހޯންޓެޑްއޭ ކިޔާތީ ބިރުގަނޭ. އެކަމަކު އެގެ މަރާމާތުކޮށްގެން އެގެއަށް ބަދަލުވާން އުޅެނިކޮށް މީހަކު މަރުވީ.އެހާ ޓްރެޖިކްކަމެއް ހިނގާފައި އޮތް ޕްލޭސްއަކަށް ދާންވާނެތަ؟އުރޫޖު ޖިންނިން އުޅޭކަމަށް ގަބޫލުކުރަންތަ؟"

"އޮފްކޯޒް........"

"އަހަރެންވެސް ދޮންބެމެން ދައްކާ ވާހަކަ ސިއްރުން އަޑުއަހަން.."

"ކީކޭ ދޮންބެ ކިޔަނީ؟" އުރުޖުވާން ލޯ ބޮޑުކޮށްލިއެވެ.

"ނަން ކިޔަން ބިރުގަންނަން އެއީ ޝައިތާނެއް ނޫނޭ....." މަދީނާ ހިނިގަނޑެއް ޖަހާލައިފިއެވެ.

"އިންސާނުންގެ ތެރޭގައިވެސް ޑެވިލްސް އުޅޭ..މާޒިމްއަކީ އޭގެ މީހެއް ނޫންކަމެއްވެސް ނޭގޭ. އޭނަދެކެ މިއޮތް ގަންނަ ބިރެއް...ހަމަ ފެންނައިރަށް ޕެނިކް ޖެހޭގޮތްވޭ....ޖިންނިއެއް ފެނުނަސް މިވަރަށް މީހަކު ބިރެއް ނުގަންނާނެ. ވަރަށް އެހެން ކަހަލަ ކަމެއް ދޯ. އެއްވެސް ގާލްއެއް މީހަކުދެކެ މިހެން ބިރުން އުޅޭނެކަމެއް ނޭގޭ............"އުރުޖުވާން ގެ ވާހަކައިން މަދީނާ ހައިރާންވިއެވެ. އެކަހަލަ ވާހަކަތައް އުރުޖުވާންއާއި ނުގުޅެއެވެ. ވަރަށް ފަރިކޮށް ބަސްއަހައިގެން އުޅޭއިރު ނުސިޔާނުކަމެއްގެ ކަންފުޅެއް ފެނިފައެއްނުވެއެވެ.

"އުރޫޖް ތިބުނީ ތެދެއް..."

"ކޮން ވާހަކައެއް.."

"ދޮންބެ ވަރަށް މިސްޓީރިއަސް.."

"އޮހްހޯ..."

"ދޮންބެ ކިޑްނެޕްކޮށްފައި ސިފަޖެހިގެންވެސް އަތުވެދާނެއްނު..."

"މަދީނާ ރުޅިނާންނާތި. އަހަރެން ވާހަކައެއް އަހަންތަ؟"

"އަހާބަލަ.."

"މާމައަށް މަދީނާގެ މަންމައާއި ބައްޕައަށް ކިޔާނަން ބުނާއިރަށް އެގިއްޖެ. އެގެވެސް ދަންނަމޯ މާމަ ބުނީ. މާމަ ބުނީ މަދީނާމެންގެ މަންމަ ވީ ގުރައިދޫއަށް ގެންގޮސްފައޭ............"

"ވަޓް؟ގުރައިދޫގައޭ؟" މަދީނާ އަނގަޔަށް ސަމުސާ ލީގޮތަށް ހުއްޓުން އަރާފައި އިނެވެ.

"އަހަރެން ބުނިން މަދީނާގެ މަންމަ ކަނޑަށް ގެއްލުނީޔޯ.."

"އާނ..މާމަ ކޮންފިއުޒްވީމަކަށް ވާނީ..މަންމަ މޫދަށް އެރިއުޅެނިކޮށް ފެނުނީ. އެއީ މަންމަ ދުނިޔޭގައި ހުއްޓާ އެންމެފަހުން ފެނުނު މީހުން..."މަދީނާ ތެދުވުނެވެ."ދޮންބެ ގެއްލިގެން އުޅޭނެކަން ނޭގޭ. ފަހުން ދިމާވާނެ ދޯ..ތެންކްސް ފޯ ދިސް.........................."

މަދީނާ އުރުޖުވާންގެ ގައިގާ ކުޑަކޮށް ބައްދައިލީ ޝުކުރުވެރިވުމުގެ ގޮތުންނެވެ.

***

މާޒިމްއާއި ކެނާން އާއި ދެބެން ޓީވީ އިން ފުޓްބޯޅަ މެޗެއް ބަލަންތިބީ ވަރަށް ފޯރިއާއެކުގައެވެ. ދެމީހުން ދެޓީމަށް ތިބުމުން ވަކިން ފޯރިގަދަވިއެވެ. މެޗްނިމުމުނ ދެކެވުނީ މާޒވިލާގައި ހިނގި ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ހިތާމަވެރި ބޭނުންނުވާފަދަ މަރެކެވެ. ކެނާން އެކަން ގުޅުވީ ރޫހާނީ ކަމަކާއެވެ.މަދީނާގޮސް ފެށި ވާހަކައަކުން މާޒިމްއަށް އިސްތަށިގަނޑަށް އަތް މަހައިލެވުނެވެ."އެހެންވެ ބުނަނީވެސް އެގެއަށް ނުދާށޭ....މިހާރު މަންމަ ދުނިޔޭގައި ހުރި ކަމުގެ ހުވަފެން މަދީނާއަށް ދެއްކީ؟ އެއީ ވަރަށް ވިއާޑްކުއްޖެއް.............."

"ދޮންބެ...މީހަކު އެއްޗެކޭ ބުނީމަ އަދި އެކަން ޔަގީންކުރުމުގައި ގޯހެއް ނެތްތާ..މަންމަގެ ބޮޑީ ނުފެނެއެއްނު.."

"ބައްޕަ ވަރަށް މަސައްކަތްކުރެއްވި...ޝީޒް ގޯން."

"ފައިން.."މަދީނާ ކުއްލިއަކަށް ސިހިފައި އެއްފަރާތަށް ބަލައިލިގޮތުން ހީވީ ހަމަ މީހަކު ފެނިގެން ބަލައިލިހެންނެވެ. މަދީނާ އެއްޗެކޭ ނުބުނެ ތެދުވެގެންދާން ހިނގައިގަތެވެ. އަދި ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ. މާޒިމް ސޯފާއަށް ލެނގިލަމުން ފުން ނޭވާއެއްދޫކޮށްލިއެވެ. އޭނަގެ ބިރަކީ މަދީނާ ކުޑައިރު ގެންގުޅުނު ޚިޔާލީ އެކުވެރިޔާ އެނބުރި އައުމެވެ. މަދީނާގެ ނަފްސާނީ މައްސަލައެއް އުޅޭކަމާއިމެދު ޝައްކުކުރެވެންފެށުމުން އޭނަ ހިތާމަކުރިއެވެ. މަންމަ ފަދައިން ސްކިޒްފްރީނިއާކަމަށް ވެދާނެހެއްޔެވެ؟ ތަފާތު ޚިޔާލުތަކުން އޭނަގެ ސިކުނޑިއަށް ބާރުވާންފެށުމުން ތެދުވެގެންގޮސް ކަޅުކޮފީއެއް ގިރައިގެން ބޯންފެށުމުން ވާންކަން ކެނޑުނެވެ.

***

އުރުޖުވާން ނަމާދުކޮށް ނިމިގެން ގުރުއާން ކިޔަވަން އިރުގަނޑެއްވާންދެން އިނުމަށްފަހު މާމައާއެކު ކާން އިށީންއިރު ރޭގަނޑު އަށެއްޖަހައިފިއެވެ. އެހިސާބުގައި ރަސްކަން ކުރާ ހިމޭންކަމުގެ ތެރެއިން ކޮންމެވެސް ވަރަކަށް ސީލިންމަތިން އަޑުތައް އިވެއެވެ. ދޭތެރެއަކުން ބަރު ފިޔަވަޅުތައް ޖެހޭހެން ހީވުމުން އުރުޖުވާންގެ ގައިން ހީބިހިނެގިއެވެ. މަދީނާއާއި އުރުޖުވާން ޖިންނި ވާހަކަތައް ހިއްސާކުރަމުންގޮސް އޭނަގެ ހިތުގައިވެސް ބިރުވެރިކަން ހިނގަންފެށިއެވެ. ރޫހާނީ އެއްޗެހި އުޅޭނެކަމީ އޭނަ އިރުފަދައިން ގަބޫލުކުރާ ހަގީގަތެކެވެ. ބޭކާރު ޚިޔާލުތަކުގެ ތެރޭގައި އިންދާ ވިއްސިވިހާލިވީ މާމަ ބުނި އެއްޗަކުންނެވެ.

"އުރުޖުވާން އެ ޑަކުތަރާއި ކައިވެނިކުރަންވީނު..."

"މާމާ..."އުރުޖުވާންއަށް ގޮވައިލެވުނެވެ.

"މާމައަކީވެސް އަބަދު ދުނިޔޭގައި ހުންނާނެ މީހެއްނޫން...އަޖަލަކީ ހަމަ ކޮންމެ ވަގުތަކު ޖެހިދާނެ އެއްޗެއް...އުރުޖުވާން މީހަކައި އިނދެފިއްޔާ އެހެން ޒިންމާއެއް ނޯންނާނެ. މާމަ އަށް އުފަލާއެކު ދަތުރުދެވިދާނެ.."

"އުރޫޖަށް މިވީ އެއިޓީން މާމާ..އަދި އެފިރިހެނާއަށް ތިރީހަކަށް އަހަރުވެދާނެ..އޭނަ އަހަރެންދެކެ ނަފްރަތުކުރޭ..."އެންމެ ފަހު ޖުމްލަތައްވީ ހިތުގައެވެ.

މާމަ ތަކުރާރުކޮށް އެހެން ކިޔާވަރުން އޭނަގެ ހިތަށް އުދަގޫވެ ނުތަނަވަސްވާންވެސް ފެށިއެވެ.މާޒިމްގެ ސީރިޔަސްކަމާއި ރުޅިގަދަކަންދެކެ އޭނަވެސް ނުރުހެއެވެ. ނަމާދުވެސް ކުރާކަމެއްނޭގެއެވެ. މަދީނާގެ ފަރާތުން އެނގުނުގޮތުން އޭނަ ދީނާއި އެހާ ދުރެވެ. ހަޔާތުގެ ބައިވެރިޔަކަށް އަޅުވެރިއަކު ހޯދުމުން ކައިވެނީގައި ބަރަކާތް ލައްވާނެއެވެ. ނަމަވެސް ދީނާއި ދުރުމީހެއްވެއްޖެއްޔާ ދިރިއުޅުން މުސީބާތަަކަށް ވެދާނެއެވެ.

***

އުރުޖުވާންއާއި މާޒިމް ދިމާވާ ކޮންމެ ފަހަރަކީ އުރުޖުވާންއަށް އަނިޔާއެއް ލިބުން ނޫނީ އޭނަ ސިއްސުވައިލާ ބިރުގަންނަވާ ފަހަރެއްކަމުގައި ނޫނީ ނުވެއެވެ. އުރުޖުއާންއަށް މާޒިމަކީ އިންސާނެއްކަމާއިމެދު ޝައްކުވާންފެށީ އެހިސާބުންނެވެ. ރޭގަނޑުކާންވެގެން ރޮށި ޕެކެޓެއް ގަންނަންވެގެން ތިރީބައިގާ ހުރި ފިހާރައަކަށް ވަންނަން ގޮސް ދޮރު ހުޅުވައިލިއިރަށް ހަރުގަނޑެއްގެ ކައިރީގައި ހުރެފައި މާޒިމް ބަލައިލިގޮތަކުން އޭނައަށް ތެޅިގަނެވުނެވެ. ދޮރުން އަތް ދޫކޮށްލެވުނުގޮތަކުން އެ ބަރު ދޮރުގެ ދޭތެރޭގައި އަތް ތާށިވެ ހަޅޭއްލަވައިގަނެވުނެވެ.

އުރުޖުވާން ގަތްލަދާއި ވީ ތަދެއްގެ ބޮޑުކަމުން އަނބުރާލާފައި އައިކޮޅަށް ދުއްވައިގަތީއެވެ.

"މާޒިމްތަ ހަމަ....އޭނަ ބަލައިލިއިރު ކަޅިއަށް އެހެން ކުލައެއް އެރިހެން ހީވި..."

ހުރިހާ ނުބައިކަމަކުން ސަލާމަތްކުރެއްވުމަށް އެދި ކުރާ ދުޢާކިޔަމުންގޮސް އޭނަ ލިފްޓަށް އަރާ ހަމަޖެހިލިއިރަށް އެހެން މީހަކުވެސް އެރިހެން ހީވިއެވެ. ކުރިމަތީގައި ހުރީ މާޒިމް ފިޔަވާ ދެވަނަ މީހެއްނޫނެވެ. އުރުޖުވާންގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ލެއްޕެމުން ދިޔަ ދޮރާއި ދިމާލަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. މާޒިމް އޭނަގެ އަތުގައި ހިފަހައްޓާ ދުރަށް ޖައްސައިލިއެވެ.

"ކާމް ޑައުން..."

ނަސީބަކުން އެވަގުތު އެހެން ފަންގިލާއަކަށް ލިފްޓްމަޑުކޮށްފައި އެހެން ބަޔަކު އެރިއެވެ. އުރުޖުވާން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އަރައިގެން ހުރި ބޫޓަށް ނަޒަރު ހުއްޓައިލިގޮތަށް ހުރެފައި އެމީހުންގެ ފަންގިފިލާއަށް މަޑުކޮށްލުމުންވެސް ފައިބަން ނޫޅުނެވެ. މާޒިމްގެ ނަޒަރު އޭނައަށް ހުއްޓުނުކަން ރޭކާލިއެވެ. އުރުޖުވާންއަށް އޭނަގެ މޮޔަކަން އިހުސާސްވިއެވެ. ވަގުތު ދުއްވައިލުން ނޫންކަމެއް ނުވިއެވެ. ލިފްޓް އެންމެ މައްޗަށް އަރަންދެން ކެތްކުރުންނޫންގޮތެއް ކޮބާހެއްޔެވެ؟މާމަ ދަސްކޮށްދީފައިވަނީ އެފަދަ ވަގުތުތަކުގައި ޒިކުރުކުރުމަށެވެ. ވަގުތަކީ އަގުހުރި އެއްޗެއްކަމާއި ފޫހިކަމުގައި އެންމެ ހިދުކޮޅެއްވެސް ދުއްވައިނުލަން މާމަ ތަ އަލުން ތިރިއަށްގޮސް ރޮށި ގަނެގެން އައިއިރުވެސް މާމަ މޭޒުދޮށުގައި އޭނަގެ އިންތިޒާރުގައި އިނެވެ.

"އޭނައާއި ދިމާވެގެން ކަންބުލޮ ތިހާ ލަސްވީ؟"މާމަ ލާނެތްގޮތަކަށް ހުނެވެ.

"ދޮރުގައި އަތް ތާށިވީ.." އުރުޖުވާން މާމައަށް އަތް ދައްކައިލިއެވެ.

"ބޭސްލާންވީނު...ފޮޓޯއެއް ނަގާފައި ކަށިގަނޑަށް ކަމެއްވި ތޯޯ ބަލަން ހަސްފަތާލަށްވެސް ދާންވާނެ. މާމަވެސް ބޯ އަނބުރާގޮތްވެފައި މިހިރީ.."

"ނުކައި މާގިނައިރުވީ. އަވަހަށް ހިނގާކާން.."

އުރުޖުވާމް މާމައަށް ރޮށި ކުދިކުދިކޮށް ކޮށާލާފައި ހިކިކޮށް ހަދާފައި ހުރި ބަށި ތަށްޓަކަށް ލާދިނެވެ. މެންޑެރިން އޮރެންޖާއި އާފަލުވެސް މާމައަށް ދޭން ގެނެސްފައި ހުއްޓެވެ. ކައިނިމިގެން މާމަ ކުރުނުކޮށް އޭނަ ގޮވައިގެން ކްލިނިކަކަށް ގެންދިޔުމުން އަތުގައި އަޅަންދިން ބެންޑޭޖްގަނޑު އެޅުމުން އުރުޖުވާންއަށް ކަމުދިޔައެވެ.މަދީނާވެސް ބޭނުންވީ އަތުގައި އެގޮތަށް ބޭސްގަނޑެއް އަޅައިގެން ހުރުމަށެވެ. އެންމެފަހުން މަދީނާ އަތުގެ ދެތަނެއްގައި ބޭސް މަލަންކޮޅެއް އަޅައިގެން ފުއްދައިލިއެވެ.

***

ޑަބަލްޑެކާ ބަހުގެ މަތީބައިގެ ކުރީ ސީޓުގައި އުރުޖުވާންއާއި މަދީނާ އިށީދެލައިގެން ތިބިއިރު ދެކުދިން ބަލަމުން ދިޔައީ ފޮޓޯތަކެވެ." މާމަ ބުނި މާޒްވިލާއަކީ މާލެއަށް މަޝްހޫރު ގެއެކޭ. ދުވަސްވީ ބޮޑު އިމާރާތެކޭ..."

"އާނ މިހިރީނު..އަނބުގަސްތަކާއި މާއަޅާގަސްތައްވެސް..."މަދީނާ ފޮޓޯތައް ދެއްކިއެވެ."ކުޑަބެ ބުނި މި ވީކެންޑްގައި ބަދަލުވަނީޔޯ..."

އުރުޖުވާންގެ މޫނުގެ ކުލަ އޮއްސުނެވެ.

"އުރޫޖްވެސް އެގެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ބަދަލުވާންވީނު. ކޮންމެ ދުވަހަކު ބަހުން ދާންވީމަވެސް ފަސޭހައެއްނުވާނެ..ދޮންބެ ކޮންވިންސްކުރުވިދާނެ.."

"ނޯ ނޯ ނޯ.....ނޮޓް ހިމް.."އުރުޖުވާންގެ ހިތް ފުންމައިނުލީ ހަމަ ކިރިޔާއެވެ.

***

މާޒިމް ހޮސްޕިޓަލަށް ވަނުމުން ގިނަބަޔެއްގެ ލޯތައް އޭނައަށް ހުއްޓުނުވެ.އަތްދިގު ގަމީހާ މުށިކުލައިގެ ފަޓްލޫނާއެކު ޓައީ އަޅައިގެން ހުރިއިރު އިސްތަށިގަނޑު ރީތިކޮށް ސްޓައިލްކޮށްލާފައިވުމުން މޫނު ފެންނަނީ ތާޒާކޮށެވެ. ސީރިޔަސްކަމާއެކު ޝަޚުސިއްޔަތު ވަރުގަދައެވެ. މާޒިމް އޭނައަށް ޚާއްސަ ޑިޕާޓްމެންޓަށް ވަދެފައި ފައިލްތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ ކުއްޖާއަށް ގޮވައިލުމުން އެކުއްޖާ ތުއިވަމުން އައިސް ކުރިމަތީގައި ހުއްޓުނެވެ.

"ނަބީލާ މުހުއްމަދު އަމީންގެ ފައިލް ހޯދަދެވިދާނެތަ؟މާޒްވިލާ....."

"ލައްބަ ސަރ...."

"މީގެ ވިހި އަހަރު ކުރިންކަން ނޭގޭ،އެހާ ހަނަދާނެއްނެތް އެގްޒެކްޓް ޑޭޓްބުނަން އެކަމަކު މިތަނުން ފަރުވާ ހޯދި.."

އެކުއްޖާ މާގިނައިރެއްނުވެ ބޯ ފައިލެއް ގެނެސް މާޒިމްގެ އަތަށް ދިނެވެ. ދިހަވަރަަކަށް މިނިޓްފަހުން މާޒިމް އޭނަ ބަލިމީހުން ބަލާ ކޮޓަރީގައި ހުންނަ ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ފައިލް ހުޅުވާލައިގެން އިނެވެ. މޭޒުމަތީގައި ހުރި ކޮފީއިން އާވިއަރަމުން މުޅި ކޮޓަރީގައި ހިފައިލީ މަސްތީ ވަހެކެވެ. އޭނަހީކުރި ގޮތަށް މަންމަގެ ބަލީގެތެރޭގައި ސްކިޒްފްރީނިއާއޮތެވެ. މަންމައަށް މޮޔަ ނަބީލާ ކިޔާ މަޝްހޫރުވީ ސަބަބަކީ މިއީއެވެ. ޑޮކްޓަރގެ ނޯޓްގައި ފުރަތަމަ ދުވަހު ލިޔެފައިވަނީ އެކަނި އިނދެ ވާހަކަދައްކާކަމަށާއި ހީ ހަދާކަމުގައެވެ.އެހެން މީހުންނަށް ނީވޭ އަޑުތައް މަންމައަށް އިވި އެހެން މީހުންނަށް ނުފެންނަ "މީހުން" މަންމަގެ ވަށައިގެން ވިއެވެ. ބައެއްފަހަރު ރުޅިިގަދަވެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭން މަސައްކަތްކުރިއެވެ.

***

މަދީނާ ޕެކްކުރުމުގައި އަވަދިނެތި އުޅުނެވެ. އުރުޖުވާން މަޑުކޮށްލައިގެން ހުރީ ފްލެޓްގެ ބޭރުން ކޮޓަރިއަށް ކަނޑާފައިވާ ކުޑަދޮރުކައިރީގައެވެ.މާޒިމް ފެނިއްޖެއްޔާ ދުއްވައިގަންނަން ނަފްސާނީގޮތުން ތައްޔާރުވެގެން ހުރިކަން އެނގެނީ ވަށައިގެން ކަޅި ހިންގައިލާ ގޮތުންނެވެ.

"އޭނަ ނާންނާނެ..."

"ކޮން އޭނައެއް.."އުރުޖުވާންގެ ބޮޑު ލޯ އެއަށްވުރެ ބޮޑުކޮށްލިއެވެ.

"އަހަންނަށްވެސް އެވަރު އެނގޭ. ވަށައިގެން ހޯދާގޮތުން ތިއުޅެނީ ހާސްވެގެންކަން އެނގޭ..............."މަދީނާ ހިނިގަނޑެއް ޖަހައިލިއެވެ."ނޯ ވޮރީސް. އެގެއަށް ގޮސް ސެޓްލްވެލާފަ އުރޫޖްއާއި މާމަވެސް ގެންދާނަން..ޔޫ ޕީޕަލް މިހާރު ލައިފްގަ ވަރަށް ސްޕެޝަލް ބަޔަކަށް ވެއްޖެ..ދޮންބެވެސް އުރޫޖް ހީކުރާހާ ނުލަފައެއްނުވާނެ. ކުޑަކޮށް ސްޓްރިކްޓް އެކަމަކު އަހަރެމެންނަށް އެކީގައި އުޅެވިދާނެ..އެއީ މަގޭ ޕްލޭން މީތި ވޯކް ކުރޭތޯ ބަލާނީ.........."

ނުނިމޭ