20 May 2012, 20:26
އައްޑޫ ސިޓީގެ ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ދެ ކުދިންގެ ކިބައިން ވެސް ބޭނުން ވަނީ މަރަށް މަރު ހިފުންކަމަށް އަހުސަންގެ ހަތަރު ވާރިސަކު މިއަދު ޖުވެނައިލް ކޯޓުގައި ބުނެފި އެވެ.
އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ މައްޗަށެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް އޭނާގެ ހަތަރު ވާރިސަކު ބުނެފައި ވަނީ މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އަދި ވިދާޅުވީ ދެން އޮންނަ ޝަރިއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ އިތުރު ވާރިސުން ހާޒިރުކޮށް އެމީހުންގެ ބަޔާން ނެގުން ކަމަށެވެ.
"މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަހުސަންގެ ހަތަރު ވާރިސަކު ވަނީ މަރަށް މަރު ހިފުމަށް ބޭނުންވާކަމަށް ބުނެފައި. ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ވާރިސުންގެ ބަޔާން ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ސާބިތުކުރުމަށް ޓަކައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކީންގެ ހެކިބަސް ވެސް ނާގާނިމިފައިވާ ކަމަށާއި ކުޑަކުދިންގެ މައްސަލައަކަށް ވާތީ މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން ހެކިބަސް ލިބިފައިވާ ގޮތް ހާމަކުރެވެން ނެތް ކަމަށެވެ.
ދެ ކުޑަކުދިންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބެނީ މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށެވެ.
މި މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެކަކު ވަނީ އަހުސަންގެ ގަޔަށް ޝަހުމް ވަޅިހެރިތަން ދުށްކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އަދި ހެކިބަސް ދިން ހަތަރު މީހަކު އަހުސަނަށް ހަމަލާދިނީ ޝަހުމްކަމަށް ޒަޚަމްތަކާ އެކު ހޮސްޕިޓަލްގައި އޮވެ އެމީހުން ކައިރީ އަހުސަން ބުނި ކަމަށް ވަނީ ބުނެފަ އެވެ.
އޭނާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ މާޗް 17 ވަނަ ދުވަހުގެ ފަތިހުގެ 3:20 އެހާކަންހާއިރު އަލިކިލޭގެ ފާނުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީގައި ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަހު ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.