20 Nov 2023, 15:22
އިންޑިއާއާ ދެކޮޅަށް ކަންކަން ކުރުމަކީ ދިވެހީންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ނަޝީދު ވިދާޅުވީ، އިންޑިއާ އަކި އެންމެ ޒަމާންވީ އެކުވެރި އަދި އަވައްޓެރި ގައުމު ކަމަށެވެ. އަދި, ދިވެހީންނަށް އެންމެ އެހީތެރިވެދޭ ގައުމަކީ ވެސް އިންޑިއާކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ.
"އިންޑިއާއާ އިދިކޮޅަށް ކަންކަން ކުރުމަކީ ދިވެހީންނަށް ރަނގަޅު ގޮތަކަށް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދު އިއްޔެ ސަރުކާރުން ހާމަ ކޮށްފައިވަނިކޮށެވެ. ސަރުކާރުން އިއްޔެ ބުނި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ.
އެ މީހުން އަނބުރާ ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ.
ކުރީ ސަރުކާރުން ވަނީ އިންޑިއާއާ އެކު 100 އަށް ވުރެ ގިނަ އެއްބަސްވުން ވެސް ހަދައިފައެވެ. އާ ސަރުކާރުން ވަނީ އެ އެއްބަސްވުންތައް ދިރާސާކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިމެނޭ ނަމަ އެ އެއްބަސްވުމެއް އުވައިލާނެ ކަމަށް ބުނެފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ، އެ މީހުން އަނބުރާ ގެންދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އެންގިއެވެ. އެކަމަކު، އޭރު އިންޑިއާ ސިފައިން ނުދިޔައެވެ.
އިދިކޮޅުގައި އޮތް އިރު، ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އިންޑިއާއާ އެކު ކުރީ ސަރުކާރުން ބޭއްވި ގުޅުމާ މެދުގައެވެ. އަދި، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންނާ މެދުގައެވެ.