މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު، އަބްދުލް މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން ކުޑަކުދިން ދައުވާ އަށް އިންކާރުކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބޭ ތިން ކުޑަކުދިންގެ ޝަރީއަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އެ ތިން ކުދިންގެ މައްޗަށް ދައުލަތުން އުފުލުމުން ތިން ކުދިން ވެސް ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ.

"އެ މައްސަލައިގައި ދައުވާ ލިބޭ ތިން ކުދިންގެ ޝަރީއަތް ވެސް ފަށާފައި ވަނީ ބުރާސްފަތި ދުވަހު. ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ދައުލަތުން ހުށަހެޅުމުން ތިން ކުދިން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުވާއަށް އިންކާރު ކުރުމަށް ފަހު ވަކީލަކު އައްޔަން ކުރުމަށް ކޯޓުގައި އެދުމުން އެ ފުރުސަތު ތިން ކުދިންނަށް ވެސް ކޯޓުން ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތިން ކުދިންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބެނީ ގދ. ގައްދޫ އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހު، 18، އާއި ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު، 20، އާއި ޅ. ނައިފަރު ޒައިތޫނިގެ މުހައްމަދު މައިމޫން،،19ގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް އަދި ނުފަށަ އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ތިން ކުޑަކުދިންގެ ތެރެއިން އެކަކުގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެެއް ވެސް އުފުލައިފަ އެވެ. އެ ދައުވާތަކަކީ ޓެރަރިޒަމްގެ ދައުވާ އާއި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ދައުވާ އާއި އަދި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މުހީތުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމަށް ފަހު މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުގެރޭ މުހީތު މަރާލާފައި ވަނީ އަމީނީމަގު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގަ އެވެ.