ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން (ޕީސީބީ) އަށް ބޭނުންވާ ކުށުގެ ރެކޯޑްތައް 10 މިނެޓް ތެރޭ ސާފު ކޮށްދޭން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހުކުރު ދުވަހު ވެރިކަން ކުރައްވަން ފައްޓަވާފައިވާއިރު މި ދުވަސްވަރަކީ ޕީސީބީއަށް ވަރަށް ބުރަ ދުވަސްކޮޅެކެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ޒިންމާ ހަވާލުވެފައި އޮތީ އެ ކޯޕަރައިޓޭޒަންއަށް ކަމަށް ވާތީއެވެ.

ރައީސް ނަން ފޮނުއްވާ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރުމުގެ ކުރިން އެ ބޭފުޅުންގެ ކުށުގެ ރެކޯޑް ސާފު ކުރަން ޖެހެއެވެ.

ޕީސީބީއިން މިއަދު ބުނީ އެ ބޭފުޅުން ބޭނުންވާ ކުށުގެ ރިކޯޑު 10 މިނެޓް ތެރޭގައި، ޕީޖީގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ބެލޭނެ އިންތިޒާމު ޕީޖީ ހުސައިން ޝަމީމް ހަމަޖައްސަވައިދެއްވައިފި ކަމަށެވެ.

މިއީ މަގާމުތަކަށް މީހުން އައްޔަން ކުރުން އަވަސް ކުރަން ޕީސީބީއަށް ލިބުނު ފުރުސަތެކެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކަށް ބޭފުޅުން އައްޔަން ކުރަން ޖެހޭއިރު ޕީސީބީގެ މެމްބަރުން ހަމަނުވާތީ ވެސް ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.