20 Nov 2023, 12:20
އޮޅުވައިލައިގެން އީސިމް އެކްޓިވޭޓް ކޮށް، އޯޓީޕީ ހޯދައި ފައިސާ ނަގަމުން ދާކަމަށް، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ފޭސްބުކް އެކައުންޓުތައް ހެކުކޮށް, އޮޅުވައިލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައި ވަނިކޮށް މިހާރު އޮޅުވައިލައިގެން އީސިމް އެކްޓިވޭޓް ކޮށްގެން ވެސް އޯޓީޕީ ހޯދަމުން އަންނަ ކަމަށެވެ.
އެހެން ކަމުން އެކަމަށް ސަމާލުވުމަށް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ބީއެމްއެލްއިން ބުނީ މިހާރު ވެސް އޮޅުވާލައިގެން އާއްމުކޮށް ފައިސާ ހޯދަނީ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުން މީހުންނަށް މެސެޖުކޮށްގެން ކަމަށެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ކުރެވޭނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބީއެމްއެލުން ފާހަގަ ކޮށްފައި ވަނީ، ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ކަން ޔަގީން ކުރުމެވެ. އެގޮތުން އޮޅިގެން ނަމަވެސް ފައިސާ ފޮނުވިއްޖެނަމަ އެކަމެއް ވީ އެންމެ އަވަހަކަށް ބޭންކަށް އެންގުމަށް ފަހު ފުލުހަށް މައްސަލަ ހުށަހެޅުމަށްވެސް އެ ބޭންކުން އިލްތިމާސް ކޮށްފައިވެއެވެ.
މީގެ އިތުރަށް އީސިމް އެކްޓިވޭޓް ކުރުމަށް އޯޓީީޕީ ހޯދަން އުޅޭ މީހުންނަށް އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާ ނުކުރުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ޓެލެގްރާމާއި ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ވިއްކުމުގެ ނަމުގައި އޮޅުވާލުން ވެސް ފާއިތުވެ ދިޔަ ހަފުތާގައި އިތުރުވެފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.